އިންޑިއާގެ ލައްކައަކަށްވުރެ ގިނަ ދަރިވަރުންނަށް އޯޕަންއޭއައި އިން އޭއައިގެ އެހީތެރިކަން ދެނީ

އިންޑިއާގެ ޒުވާނުންގެ އަބާދީގެ 50 އިންސައްތަ ޗެޓްޖީޕީ ބޭނުންކުރާކަމަށް ވޭ ---

އިންޑިއާގެ މަތީ ތައުލީމުދޭ އެކި މަރުކަޒުތަކާ ގުޅިގެން، އެއްލައްކައަށްވުރެ ގިނަ ދަރިވަރުންނާއި ފެކަލްޓީ މެންބަރުންނަށް އޭއައިގެ އެހީތެރިކަމާއި ތަމްރީނު ފޯރުކޮށްދިނުމަށް އޯޕަންއޭއައި އިން ނިންމައިފިއެވެ.

ފެބްރުއަރީ 16 ވަނަ ދުވަހު އިންޑިއާގައި ފެށި "އޭއައި އިމްޕެކްޓް ސަމިޓް 2026" ގެ ތެރެއިން މިކަން އިޢުލާންކުރީ، އިންޑިއާގެ ތައުލީމީ ނިޒާމުގެ ތެރެއަށް އޭއައިގެ ވަސީލަތްތައް ރަސްމީކޮށް ތައާރަފުކޮށް، ދަރިވަރުންގެ ހުނަރު ކުރިއެރުވުމުގެ މަޤްސަދުގައެވެ.

މި މަޝްރޫޢުގެ ދަށުން އޯޕަންއޭއައި އިން ގުޅިގެން މަސައްކަތްކުރާ އިދާރާތަކުގެ ތެރޭގައި އައިއައިޓީ ދިއްލީ، އައިއައިއެމް އަހުމަދުއާބާދު، އެއިމްސް ނިއުދިއްލީ، މާހޭ، ޔޫޕީއީއެސް އަދި ޕާލް އެކަޑެމީ ހިމެނެއެވެ. މި އިދާރާތަކުގެ ދަރިވަރުންނާއި މުވައްޒަފުންނަށް "ޗެޓްޖީޕީޓީ އެޑިއު" ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

https://sun.mv/217779

މީގެ އިތުރުން، އެކި ދާއިރާތަކުން އޭއައި ބޭނުންކުރާނެ ގޮތުގެ އިރުޝާދާއި، އޭއައިގެ ރައްކާތެރި ބޭނުން ހިފާނެ ގޮތުގެ އޮނިގަނޑެއް ވެސް ފޯރުކޮށްދޭނެއެވެ.

އޯޕަންއޭއައި އިންޑިއާގެ ހެޑް އޮފް އެޑިއުކޭޝަން، ރާގަވް ގުޕްތާ ވިދާޅުވީ، އޭއައި ސިސްޓަމްތަކުން ކުރެވޭނެ ކަންތައްތަކާއި، މިހާރު އެ ބޭނުންކުރާ ގޮތާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށް ތައުލީމީ މަރުކަޒުތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ތަންތަން ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން އޭއައި ކުރިއަރަމުންދާ ދުނިޔެއެއްގައި ކާމިޔާބު ހޯދުމަށް ބޭނުންވާ ހުނަރުތައް ދަރިވަރުންނަށް ދަސްވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމުގެ ދަށުން އެޑްވާންސް ޕްރޮމްޕްޓިންގް، އެނަލިޓިކްސް، ކޯޑިންގް، ސިމިއުލޭޝަން އަދި އޭއައިގެ އެހީގައި ދިރާސާ ކުރާނެ ގޮތްތައް ދަރިވަރުންނަށް ދަސްކޮށްދޭނެއެވެ. އަދި އައިއައިއެމް އަހުމަދުއާބާދު އަދި މާހޭ އިން އޯޕަންއޭއައިގެ ސެޓްފިކެޓްތައް ދޫކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މަތީ ތައުލީމުދޭ އިދާރާތަކުގެ އިތުރުން، ފިޒިކްސް ވޯލާ، އަޕްގްރޭޑް އަދި އެޗްސީއެލް ގޫވީ ފަދަ އޮންލައިން ތައުލީމީ ޕްލެޓްފޯމްތަކާ ގުޅިގެން ވެސް އޯޕަންއޭއައި އިން މަސައްކަތް ކުރާނެއެވެ.

comment ކޮމެންޓް