މީހެއްގެ އެކައުންޓުން ފައިސާ ނެގުމުގެ ތުހުމަތުވާ މީހާގެ ބަންދު އަނެއްކާ އިތުރުކޮށްފި، މިފަހަރު 10 ދުވަސް

އެކައުންޓެއް ހެކުކޮށް ފައިސާ ނެގިކަމަށް ތުހުމަތުވާ މީހާ: ބަންދު ވަނީ އަނެއްކާ އިތުރުކޮށްފަ --- ފޮޓޯ: ފުލުހުން

މީހެއްގެ ބޭންކް އެކައުންޓެއް ހެކުކޮށް ގިނަ އަދަދަކަށް ފައިސާ ނެގި މީހާގެ ބަންދަށް 10 ދުވަސް އިތުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ ސެޕްޓެންބަރު މަހުގެ 20ވަނަ ދުވަހު ހައްޔަރުކުރީ ގއ. ގެމަނަފުށި / ރަންކޮކާގެ، ނަދީފް މުޙައްމަދު, 36, އެވެ.

އޭނާ ހައްޔަރުކުރީ ވިޔަފާރިކުރާ މީހަކަށް ކަސްޓަމަރެއްގެ ގޮތުގައި ގުޅައި, އޯޓީޕީ ފޮނުވަން ބުނުމުން އޯޓީޕީ ފޮނުވި ފަހުން އެ މީހާގެ ބޭންކު އެކައުންޓުން ފައިސާ ކެނޑިފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައެއްގެ ތަހުގީގުގެ ތެރެއިން, ކޯޓު އަމުރެއްގެ ދަށުން މިދިޔަ ޑިސެންބަރު މަހުގެ 29ވަނަ ދުވަހެވެ.

ނަދީފުގެ ބަންދު ދަމަހައްޓަން ނިންމިކަމަށް އާންމުކުރި ކޯޓު އަމުރުގައިވާ ގޮތުން، އެ މައްސަލައިގައި ގެއްލުންވި މީހާގެ ބަޔާނާއި، ފުލުހުންގެ ފަރާތުން ބޭންކުތަކާ ކޮށްފައިވާ މުއާމަލާތްތަކާއި އޭނާގެ ހަރަކާތްތައް ފެންނަ ސްނެޕްޝޮޓުތަކާއި ދެ ހެކިވެރިއެއްގެ ބަޔާން ހުށަހަޅާފައިވެއެވެ.

https://sun.mv/217892

މި މައްސަލައިގައި ދެން ހައްޔަރުކުރި އައްޑޫ ހިތަދޫ / ދާގަނޑުކެކުރިގެ، ޝާފިޢު ޝިހާބު، 33 ގެ ބަންދަށް ވަނީ އިތުރު ފަސް ދުވަސް ޖަހައިފައެވެ.

ފުލުހުން ކުރިން ބުނެފައިވަނީ ނަދީފް ވަނީ 29،600 އަށްވުރެ ގިނަ ފައިސާ އެހެން މީހެއް އެކައުންޓަށް ޖަމާކޮށް، އެކިފަހަރު މަތިން 24،700 ރުފިޔާ އޭޓީއެމް މެދުވެރިކޮށް ނަގާފައި ކަމަށެވެ. އަދި, 4,900 އަށްވުރެ ގިނަ ރުފިޔާ އެހެން ފަރާތެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު އެ ފައިސާތައް ނަގާފައިވާކަން ވެސް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން, ނަދީފަކީ އެކި ފަރާތްތަކުގެ އަތުން ކޭޝްކާޑު ކުއްޔަށް ނަގައިގެން އޭޓީއޭމް މެދުވެރިކޮށް ސްކޭމްގެ ފައިސާ ނަގަމުންދާ މީހެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ މައްސަލަ އެންޓި ސްކޭމް ސެންޓަރުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް