ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އަސްކަރީ ކޭމްޕެއްގެ ކައިރީގައި ހުރި މައިނެއްގެ މައްޗަށް އެރި, ފަލަސްތީނުގެ ކުޑަކުއްޖަކު އިއްޔެ މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެފިއެވެ.
ފަލަސްތީނުގެ ސަރަހައްދުތަކުގައި މަދަނީ ކަންކަންކުރާ އިސްރާއީލުގެ ދިފާއީ ވުޒާރާގެ އިދާރާ ކޯގަޓްގެ މަސްދަރަކުން އޭއެފްޕީއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި އެ ކުއްޖާއަކީ ޖިފްޓްލިކް އަވަށުގެ މުހައްމަދު އަބޫ ދަލާހެވެ.
"އަޅުގަނޑުމެންގެ ކްރޫންނަށް ލިބުނީ ޖޯޑަން ވެލީގެ އުތުރުގެ ޖިފްޓްލިކްގައި ހުރި ކޭމްޕްތަކުގެ ތެރެއިން އެއް ކޭމްޕެއްގައި މައިން ގޮވުމުގެ ސަބަބުން މަރުވި 13 އަހަރުގެ ކުޑަކުއްޖެއްގެ ހަށިގަނޑު،" ރެޑް ކްރެސެންޓުން ނެރުނު ބަޔާނެއްގައިވެއެވެ.
ގޮވާ ޒާތުގެ އެއްޗަކުން ފަލަސްތީނުގެ ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ނަމަވެސް، އެ މީހުންގެ އުމުރެއް ހާމަކޮށްފައެއްނުވެއެވެ.
ޖިފްޓްލިކް އަވަށު ކައުންސިލްގެ ވެރިޔާ އަހުމަދު ޣަވަންމޭ އޭއެފްޕީއަށް ވިދާޅުވީ، ތިން ކުއްޖަކު އަސްކަރީ މަރުކަޒު ކައިރީގައި ގަސްގަހާގެހި އެއްކުރަމުން ދަނިކޮށް މައިނެއް ގޮއްވާލީ ކަމަށެވެ.
ޖިފްޓްލިކްގެ އިތުރުން ކައިރީގައި އޮންނަ ތިރުޒާ ބޭސް ވެސް ހުންނަނީ ގަވާއިދާ ހިލާފަށް އިސްރާއީލުގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ފަލަސްތީނުގެ ސަރަހައްދުގެ އޭރިއާ ސީގައެވެ.
އިސްރާއީލުން ވަނީ 1967 ވަނަ އަހަރުން ފެށިގެން ހުޅަނގު އައްސޭރި ހިފާފައެވެ.
ސުލްހައިގެ މުއާހަދާއެއް 1994 ވަނަ އަހަރު ހެދި ނަމަވެސް އުރުދުންގެ ބޯޑަރު ކައިރީގައިވާ ބޮޑު ބައެއް އަދިވެސް މައިންކޮށްފައި ހުރުމުން އިސްރާއީލުން ގިނަ ދުވަސްތަކެއް ވަންދެން ބޯޑަރު ޒޯންތަކުގައި މައިން ފީލްޑްތައް ބޭނުން ކުރަމުންދާކަން ހާމަވެގެންދެއެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އުރުދުންގެ ބޯޑަރު ކައިރީގައިވާ ސަރަހައްދުތައް ހިމެނޭ ގޮތަށް ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އަސްކަރިއްޔާ ދެމިއޮތުމަކީ ގާނޫނާ ހިލާފު އަދި ޝަރުއީ އިސްތިގުލާލެއް ނެތް ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކަމެކެވެ.