ރަމަޟާން މަސް: އާއިލީ އަދި އިޖުތިމާއީ ގުޅުންތައް ބަދަހިކުރުވާ މަހެއް

ނަމާދަށް ބަޔަކު ދަނީ: ރޯދަމަހަކީ ގުޅުންތައް ރަނގަޅުކުރަން ލިބޭ ފުރުސަތެއް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ރަމަޟާން މަހަކީ ހަމައެކަނި ރޯދަހިފުމުގެ މަހެއް ނޫނެވެ. އެއީ، އާއިލީ އަދި އިޖުތިމާއީ ގުޅުންތަކުގެ ބަދަހިކަން އިތުރުކޮށްދޭ، ރޫހާނީ ގޮތުން އިންސާނާގެ ދިރިއުޅުން ބަދަލުކޮށްލާ މައްސަރެކެވެ.

ރޯދަ ހިފުމަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނަކަށް ވީހިނދު، މި އަޅުކަމުގެ ސަބަބުން އަނެކުންނަށް ހަމްދަރުދީވުމާއި، އޯގާތެރިކަން އިސްކުރުމުގެ އިތުރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ދަސްކޮށްދެއެވެ. ޒަކާތާއި ސަދަގާތް ދިނުމާއި، ގާތްތިމާގެ މީހުންނާއި އަވައްޓެރިންނަށް ކާބޯތަކެތި ހިއްސާކުރުމަކީ މި މަހުގެ އުފާވެރިކަން އިތުރުކޮށްދޭ މާތް ކަންކަމުގެ އިތުރުން މި ދިވެހި މުޖުތަމައުން ވެސް ފެންނަ ރިވެތި އާދަތަކެކެވެ.

ނިކަމެތި އާއިލާތަކަށް އެހީތެރިވުމާއި، ކާބޯތަކެތި ބެހުމުގައި އިޖުތިމާއީ ގޮތުން ބައިވެރިވުމަކީ ރަމަޟާން މަހުގެ ތެރޭގައި ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މި ހުރިހާ ކަމެއް ވެސް ކުރަނީ ދެއްކުންތެރިކަމެއް ނެތި، ހަމައެކަނި މާތްﷲގެ ރުހިވޮޑިގަތުން ހޯދުމުގެ މާތް ނިޔަތުގައެވެ.

ރަމަޟާން މަހު ރޯދަ ވީއްލާ ވަގުތާ ދިމާކޮށް ކާތަކެތީގެ ޕެކޭޖެއް ބަޔަކަށް ފޯރުކޮށްދެނީ--ފޮޓޯ/ލޮނުމެދު

ރަމަޟާން މަހުގެ އަސްލު ބިނާވެފައިވަނީ ހަމައެކަނި ބަނޑުހައިހޫނުކަން ތަހައްމަލުކުރުމުގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި، މިއީ ގުޅުންތައް އާލާކޮށް، ކުލުނާއި ލޯބި އިތުރުކޮށް، ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކުރުމުގެ މައްސަރެކެވެ. މާތްވެގެންވާ ޤުރުއާނުގައި ވެސް ވަނީ އެއްބައިވަންތަކަމާއި، އޯގާތެރިކަމާއި، ޖަމާއަތުގައި އަޅުކަން ކުރުމަށް ބާރުއަޅުއްވާފައެވެ.

މި މާތް މަހުގެ އުޚުއްވަތްތެރިކަން އެންމެ ބޮޑަށް ފެންނަނީ އާއިލާއާއި މުޖުތަމައުގެ ތެރެއިންނެވެ. ޚާއްސަކޮށް އެކުގައި ކުރާ އަޅުކަންތަކާއި، އެންމެން އެކުގައި ބައިވެރިވާ ރޯދަވީއްލުންތަކުން އަހަރުގެ އެހެން ދުވަސްތަކާ ޚިލާފަށް ގުޅުންތައް އިތުރަށް ބަދަހިވެއެވެ. އާއިލާގެ މެންބަރުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި ކުޑަކުދިން ބައިވެރިވުމަކީ ވެސް އެ ކުދިންނަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

ރަމަޟާން މަހު ރާއްޖޭގެ ރަށެއްގައި ޖަމާއަތުގައި ނަމާދުކުރަނީ--ފޮޓޯ/ގޫގްލް

ރަމަޟާން މަހަކީ އެއްބައިވަންތަކަމުގެ މަހެކެވެ. އާއިލީ ބައްދަލުވުންތަކުން ފެށިގެން މުޖުތަމައުގެ ތެރޭގައި ބާއްވާ ރޯދަވީއްލުންތަކާ ހަމައަށް، މިއީ އެކަކު އަނެކަކަށް އަޅާލުމާއި ލޯބި ފާޅުކުރުމުގެ ވަގުތެކެވެ. އެހެންކަމުން ބޭކާރު ވާހަކަތަކާއި، އާއިލީ މައްސަލަތަކުން ދުރުހެލިވެ، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ސަމާލުކަން ދޭންޖެހެއެވެ.

ރަމަޟާން މަހުގެ ސަބަބުން އާއިލާތަކުން އެކުގައި ގިނަ ވަގުތު ހޭދަކުރުމަށް ބާރުއަޅާ ކަންކަމުގެ ތެރޭގައި:

• އެކުގައި ނަމާދުކުރުން
• ޖަމާއަތުގައި ހާރާއި ރޯދަވީއްލުމުގެ ވަގުތުތައް ހޭދަކުރުން
• އެންމެން އެކުވެގެން ޤުރުއާން ކިޔެވުން.
• ޞަދަޤާތް ކުރުމުގައި ދެމިތިބުން.
• އާއިލީ ގުޅުންތައް ބަދަހިކުރުމަށް ގޭގެއަށް ޒިޔާރަތްކުރުން ފަދަ އާއިލާގެ ތެރޭގައި އެކުވެރިކަމާއި އަމާންކަން ދެމެހެއްޓުމަށް އެހީތެރިވެދޭ މުހިންމު ކަންކަން ހިމެނެއެވެ.

ރޯދަ މަހަކީ މުޖުތަމައު އެއްބައިވަންތަ ކުރުމުގައި މިސްކިތްތަކުން ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. އޭގެ ތެރޭގައި ތަރާވީޙް ނަމާދު ކުރުން، ޖަމާޢަތްތަކުގައި ރޯދަވީއްލުން، ދީނީ ދަރުސްތަކާއި ޤުރުއާން ކިޔަވައިދޭ ބައްދަލުވުންތައް ބޭއްވުން، ސަދަޤާތް ކުރުމުގެ އެކި މަސައްކަތްތައް ހިންގުން، އަދި ކާބޯތަކެތީގެ އެކި ކަހަލަ ޕެކޭޖްތައް ބޭނުންޖެހިފައިވާ މީހުންނަށް ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ.

comment ކޮމެންޓް