ސްކްރީންތަކުން ފެންނަ މަޑު ނޫކުލައިގެ ގަދަ އައްޔަކީ ގެއްލުމެއް ނެތް އެއްޗެއް ކަމަށް ހީވި ނަމަވެސް، މިއީ އަޅުގަނޑުމެންގެ ނިދުމާއި، ހޯމޯންތަކާއި، ހަށިގަނޑުގެ ގުދުރަތީ ނިޒާމަށް ނޭނގި ހުރެ ބޮޑެތި ބަދަލުތަކެއް ގެންނަ އެއްޗެކެވެ.
އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް އާދެވިފައިވާ ކަމެއް އޮވެއެވެ. އެއީ ނިދަން އޮށޯވެ އޮވެ، ފޯނު މޫނާ ދާދި ގާތުގައި ބާއްވައިގެން "އަދި އެންމެ ފަސް މިނެޓު" ކަމަށް އަމިއްލަ ނަފުސަށް ބުނަމުން ފޯނާ ކުޅުމެވެ.
ނަމަވެސް، މި މަޑު ނޫކުލައިގެ އަލީގެ ސަބަބުން ހަމައެކަނި އަޅުގަނޑުމެން ނިދުމަށް ހުރަސްއަޅަނީކީ ނޫނެވެ. މިއީ ހަށިގަނޑުގެ ހޯމޯންތައް އޮޅުންބޮޅުން އަރުވައި، ހަށިގަނޑަށް ބޭނުންވާ ރަނގަޅު ނިދިން އަޅުގަނޑުމެން މަހުރޫމުކުރުވާ ކަމެކެވެ.
އެޕޯލޯ ހޮސްޕިޓަލްސްގެ ކޮންސަލްޓަންޓް އެންޑޯކްރިނޮލޮޖިސްޓް ޑރ.ރަވީ ސަންކަރް އިރުކުލަޕަޓީ ތަފްސީލުކޮށްދެއްވި ގޮތުގައި، ފޯނު، ޓީވީ، އެލްއީޑީ ބޮކި ނުވަތަ އެނޫންވެސް ވަސީލަތްތަކުން ނިކުންނަ ނޫކުލައިގެ އައްޔަކީ، އެއީ ދުވާލު ވަގުތު ކަމަށް ސިކުނޑިއަށް އިޝާރާތް ފޮނުވާ އެއްޗެކެވެ.

ސްކްރީންތަކުން ފެންނަ ނޫ އަލީގެ ސަބަބުން ހަށިގަނޑަށް ގެއްލުންތަކެއް ލިއްބައިދޭއިރު ހާއްސަކޮށް ރޭގަނޑު ނިދުމުގެ އެއް ގަޑިއިރުކުރިން މިފަދަ އަލިތަކާ ދުރުވުަމަށް ސިއްހީ މާހިރުން ވަނީ އިރުޝާދުދެއްވާފައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
އޭގެ ސަބަބުން ހަށިގަނޑުގެ ނިޒާމަށް ގުދުރަތީ ގޮތުން ކަނޑައެޅިފައިވާ ވަގުތުތަކަށް އޮޅުން އަރުވައި، ހޯމޯންތައް މަސައްކަތްކުރާ ވަގުތުތަކަށް ބަދަލު އާދެއެވެ. ވަކިން ޚާއްސަކޮށް ނިދުމާއި، ނަފްސާނީ ދަތިކަން އަދި ހަށިގަނޑުގެ މެޓަބޮލިޒަމް ކޮންޓްރޯލްކުރާ ހޯމޯންތަކަށް މީގެ އަސަރު ފޯރާ ކަމަށް ޑރ.ރަވީ ސަންކަރް ވިދާޅުވެފައިވެއެވެ.
މީގެ އެންމެ ބޮޑު އަސަރެއް ފެންނަނީ ނިދުމުގެ އާދަތަކުންނެވެ. ރެނޯވާ ސެންޗަރީ ހޮސްޕިޓަލްސްގެ ސީނިއާ ކޮންސަލްޓަންޓް އޮފްތަލްމޮލޮޖިސްޓް ޑރ.ސަތިއަނާރަޔަނާ ކާޑާ ވިދާޅުވި ގޮތުގައި، އިންސާނުން އުފައްދާފައިވާ މި ނޫއަލީގެ ސަބަބުން ނިދަން އެހީތެރިވެދޭ 'މެލަޓޮނިން' ހޯމޯން އުފެއްދުން ހުއްޓުވައި، ނިދުމަށް ހުރަސްއަޅައި، ނިދީގެ ފެންވަރު ދަށްކޮށްލައެވެ. އަދި ދުވަސް ނިމޭ ވަގުތު މިފަދަ އައްޔަށް ހުށަހެޅުމަކީ ސްޓްރެސް ހޯމޯންއެއް ކަމަށްވާ 'ކޯޓިޒޯލް' މަތިކޮށްދޭ ކަމެކެވެ.
މީގެ ސަބަބުން ނަފްސާނީ ހާސްކަމާއި، ވަރުބަލިކަމާއި، މިޒާޖަށް ބަދަލު އައުމުގެ އިތުރުން ނިދި މަދުވުން ފަދަ މައްސަލަތައް ކުރިމަތިވާ ކަމަށް ޑރ. ސަތިއަނާރަޔަނާ ކާޑާ ވިދާޅުވެފައިވެއެވެ.
ނިދުމުގެ ކުރިން ކުޑަ ވަގުތުކޮޅަކަށް މި އައްޔަށް ހުށަހެޅުނު ނަމަވެސް އޭގެ ނޭދެވޭ އަސަރު ފޯރައެވެ. ޑރ. ރަވީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ނިދުމުގެ އެއް ގަޑިއިރު ކުރިން ސްކްރީން ބޭނުންކުރުމަކީ ވެސް ނިދީގެ ފެންވަރަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމެކެވެ.
މިކަމުގެ ނުރައްކާ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށް މާ ބޮޑެވެ. ޑރ. ސަތިއަނާރަޔަނާ ވިދާޅުވި ގޮތުގައި، ކުޑަކުދިން ނޫ އައްޔަށް މާ ބޮޑަށް ނާޒުކެވެ. މީގެ ސަބަބުން އެ ކުދިންގެ ހޯމޯންތަކުގެ ބެލެންސް ގެއްލި، ނިދި މަދުވެ، އަދި ގުދުރަތީ ގޮތުން އެކުދިން ބާލިޣުވުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ބާލިޣުވުމަށް މަގުފަހިވުމުގެ ފުރުސަތު ބޮޑު ކަމަށް ޑރ. ސަތިއަނާރަޔަނާ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ލޮލުގެ މަސްތަކަށް ލިބޭ ބުރައިގެ ސަބަބުން ލޯ ފުސްވުމާއި، ލޯ ވަރުބަލިވުން ފަދަ ޑިޖިޓަލް އައި ސްޓްރެއިންގެ މައްސަލަތައް ކުދިންނަށް ކުރިމަތިވެއެވެ.
ދިގު މުއްދަތަކަށް ބަލާއިރު، ނޫއަލީގެ ސަބަބުން ނިދި މަދުވުމަކީ އަންހެނުންގެ މައްސަރު ކަންތައްތަކަށާއި، ދަރިމައިވުމުގެ ސިއްހަތަށް ވެސް ނޭދެވޭ އަސަރުކޮށްފާނެ ކަމެއް ކަމަށް ޑރ. ރަވީ އިންޒާރު ދެއްވައެވެ. މީގެ ސަބަބުން ދަރިމައިވުމަށް ހުރަސް އެޅުމާއި، ދުވަސް ނުފުރާ ވިހެއުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ޑރ. ރަވީ ވަނީ ވިދާޅުވެފައެވެ.
މިކަމުން ސަލާމަތްވުމަށްޓަކައި މާހިރުން ލަފާދެއްވަނީ އާދައިގެ ބައެއް ކަންކަމަށް ސަމާލުވުމަށެވެ. ހެނދުނާއި މެންދުރުގެ ވަގުތުގައި ގުދުރަތީ އިރުގެ އައްޔަށް މީހާ ހުށަހެޅުމުގެ އިތުރުން، އިރުއޮއްސުމަށް ފަހު ސްކްރީންތަކުން ނިކުންނަ ނޫއަލި މަދުކުރުމަށް "ނައިޓް މޯޑް" ނުވަތަ "ބްލޫ ލައިޓް ފިލްޓަރު" ބޭނުން ކުރުން އޭގެތެރޭގައި ހިމެނެއެވެ.
ޓެކްނޮލޮޖީގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމަށް ލުއިފަސޭހަކަން ލިބުނު ނަމަވެސް، އަޅުގަނޑުމެންގެ ހަށިގަނޑު އަދިވެސް މަސައްކަތްކުރަނީ އަލިކަމާއި އަނދިރިކަމަށް ބިނާވެފައިވާ ގުދުރަތީ އުސޫލުތަކުގެ މަތީގައެވެ.
އެހެންކަމުން، ރޭގަނޑުގެ ވަގުތުތަކުގައި ނޫ އަލިން ދުރުވުމަކީ ހަށިގަނޑަށް އަރާމު ނިދި ލިބި ފުރިހަމަ ސިއްހަތެއް ހޯދައިދިނުމަށް ކުރެވިދާނެ އެންމެ ފަސޭހަ ކަންތަކެވެ.