ރާއްޖޭގެ ބައެއް ރެސްޓޯރަންޓުތަކުގައި އާންމުކޮށް ބޭނުންކުރާ "ހޭންޑީ ވޯޓާ"ގެ ބިއްލޫރި ފެންފުޅިތަކުން ޖަރާސީމު ފެނުނު ކަމަށް ބުނެ، ބޭނުންނުކުރަން އަންގައިފިއެވެ.
މީގެ ކުރިން ބޭނުންކުރަމުން އައި ޕްލާސްޓިކް ފުޅިތަކުގައި ފެން ބޭނުންކުރުން ހުއްޓާލުމަށްފަހު، ބައެއް ރެސްޓޯރަންޓުތަކުން ހޭންޑީ ވޯޓާއަށް، ނުވަތަ ފިލްޓަރު ފެނަށް ބަދަލުކޮށްގެން ޚިދުމަތްދޭތާ އެތައް ދުވަހެއް ވަނީ ވެފައެވެ.
ރާއްޖޭގައި ކާބޯތަކެއްޗާއި ބޭހާ ބެހޭ އިދާރާ އެމްއެފްޑީއޭއިން މިއަދު ބުނީ، ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ ހޭންޑީ ވޯޓާގެ 330 މިލިލީޓަރާއި ބައި ލީޓަރާއި އެއް ލީޓަރުގެ ފެން ބިއްލޫރި ފުޅިތަކުން ފެނިގެން ނުވާނެ ޖަރާސީމުތައް ފެނިފައިވާ ކަމަށެވެ.
އެ ފެނުގެ ތަހުލީލު ނަތީޖާ ދައްކާގޮތުން، އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭ ފެނެއްނޫން ކަމަށް، އެމްއެފްޑީއޭއިން ބުންޏެވެ.
އެހެންވެ، އެ އިދާރާއިން ވަކި ގޮތެއް އަންގަންދެން ހޭންޑީ ވޯޓާގެ ބިއްލޫރި ފުޅިތަކުގައި ބަންދުކޮށްފައިވާ ފެން ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.