ރޯދަ ފެށޭއިރު, އިއްޔެ މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގައި 20 ރުފިޔާއަށް ކިލޯއެއް ވިއްކި ކަރަލުގެ އަގު މިއަދު 25 އަށް ބޮޑުވެއްޖެއެވެ.
ފަލަކީ ހިސާބުތައް ދައްކާގޮތުން މާދަމާއަކީ މުލަ ރޯދަ ދުވަހަށް ވުން ވަރަށް ގާތެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް ރޯދަ މަހާ ދިމާކޮށް ކާބޯތަކެތީގެ ޑިމާންޑް ބޮޑުވެ, ބައެއް ބާވަތްތަކުގެ އަގުތައް ބާޒާރުގައި ވަނީ އުފުލިފައެވެ.
ކަރާ މިއީ ދިވެހީންނަށް ރޯދަ މަހަށް ވަރަށް ޚާއްސަ އެއްޗަކަށްވާއިރު އއ. ތޮއްޑޫ އާއި އެހެން ބައެއް ރަށްށަށުންނާއި ރާއްޖޭން ބޭރުން ވެސް ކަރާ ގެނެސް މާލޭ ބާޒާރުގައި މިހާރު ވަނީ ވިއްކަން ފަށައިފައެވެ. އެހެންކަމުން މިހާރު ބާޒާރުގައި ކަރާ ވަރަށް ތިޔާގިވެއްޖެއެވެ.
ނަމަވެސް ކަރާ ކިލޯއެއްގެ އަގު ދަނީ އުފުލެމުންނެވެ. އެގޮތުން އިއްޔެ 20 ރުފިޔާއަށް ކަރާ ކިލޯއެއް ވިއްކަން ހުރިއިރު މިއަދު ހުރީ 25 ރުފިޔާއަށެވެ.
އެހެން ބާވަތްތަކަށް ބަލާއިރު ރޯދަ މަހު ޑިމާންޑް ބޮޑު ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު މިހާރު ހުރީ 480 ރުފިޔާގައެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެއީ 150 ރުފިޔާއަށް ކިލޯއެއް ވިއްކި އެއްޗެކެވެ.

ކުރުނބައެއް ބާޒާރުގައި މިހާރު އާއްމުކޮށް ވިއްކަމުން އަންނަނީ 50 ރުފިޔާއަށެވެ. އަދި ލިނބޯ ކިލޯއެއް 60 ރުފިޔާއަށެވެ.
ވިޔަފާރިވެރިން ބުނާގޮތުގައި މި ރޯދަ މަހު ވެސް ބައެއް ބާވަތްތަކުގެ އަގުތައް އުފުލުމަކީ ވަރަށް ގާތް ކަމެކެވެ.
ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން ވަނީ, އަސާސީ ކާބޯތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށްޓަކައި އެތަކެތި ވިއްކަމުން ގެންދާނެ ކަމުގެ ޔަގީންކަން ދީފައެވެ.