މުސްލިމުންނަކީ ކުއްތާ އާ ދާދި އެއްގޮތް ބައެއްކަމަށް އެމެރިކާގެ ކޮންގްރެސްގެ މެންބަރަކު ސިފަކޮށްފި

މުސްލިމުންނާއި ކުއްތާ އާ ދާދި އެއްގޮތްކަމަށް ސިފަކުރި އެމެރިކާގެ ކޮންގްރެސްގެ މެންބަރު

ފްލޮރިޑާ (17 ފެބްރުއަރީ 2026) : މުސްލިމުންނަކީ ކުއްތާ އާ ދާދި އެއްގޮތް ބައެއްކަމަށް ސިފަކުރި އެެމެރިކާގެ ކޮންގްރެސްގެ މެންބަރު "ހޫނުފެނަށް" ވެއްޓިފައިވާއިރު އެމެރިކާ ސަރުކާރުން އެކަމާ އަޅާނުލުމަކީ މުސްލިމުންނާމެދު އެމެރިކާ ގެންގުޅޭ ދެފުށްދެގޮތް ސިޔާސަތު ހާމަވެގެން ދިޔަ ކަމެއްކަމަށް އެމެރިކާގެ މުސްލިމުންގެ ޖަމްއިއްޔާ އިން ބުނެފިއެވެ.

ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް (ކައިރު) އިން ބުނީ މުސްލިމުންނާމެދު ތަފާތު ކުރުމާއި ހޭޓް ސްޕީޗްގެ ސިޔާސަތު ނުގެންގުޅޭ ކަމަށް ބުނެ އަދި އެކަން ހުއްޓުވަން މަސައްކަތްކުރާ ކަމަށް ބުނެ އެމެރިކާ ސަރުކާރު ބޭރު ފުށުން ދައްކާ ދަޅަތަކާއި އެމެރިކާ ސަރުކާރުގެ އަމަލު ތަފާތުކަންވަނީ ހާމަވެފައެވެ.

މިގޮތުން ކޮންގްރެސް ފަދަ އެމެރިކާގެ ރަސްމީ މުއައްސަސާއެއްގެ މެންބަރަކު ފާޅުގައި މުސްލިމުންނަށް އިހާނާތް ކުރުމުން އެމެރިކާ ސަރުކާރު އެކަމާ އަޅައިނުލުމަކީ އެމެރިކާގެ ހަގީގީ ސިފަ ވަރަށް ބޮޑަށް ހާމަވެގެންދިޔަ ކަމެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަ ކުރެއެވެ.

"ކައިރު" އަކީ އެމެރިކާގެ މުސްލިމުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ އެކެވެ. އެ ޖަމިއްޔާގެ މެންބަރުންނަކީ ޓެރަރިސްޓުންނަށް ވާގިވެރިވާ ބައެއް ކަމަށް ސިފަކޮށް އެމެރިކާގެ ހަރުކަށި ބައެއް މަސްއޫލުވެރިން އެތައް ފަހަރަކު ވާހަކަ ދައްކަވައި އެ ޖަމިއްޔާގެ އަގުވައްޓާލަން މަސައްކަތް ކޮށްފައިވެއެވެ.

އެމެރިކާގެ ކޮންގްރެސް ގެ މެންބަރެއްކަމަށްވާ ރެންޑީ ފައިން ވަނީ ކުއްތާ މުސްލިމުން އިޚްތިޔާރު ކުރަންޖެހިއްޖެ ހާލަތެއްގައި އެކަންކުރުމަކީ އުނދަނގޫ ކަމެއް ނޫންކަމަށް ބުނެ މުސްލިމުންނަކީ ކުއްތާ އާ ދާދި އެއްގޮތް ބައެއްކަމަށް ސިފަކޮށް އެކްސްގައި ޕޯސްޓެއް ލިޔެފައެވެ. ރެންޑީ ފައިން އަކީ އެމެރިކާގައި ޔަހޫދީ މަހުޖަނުންގެ ބާރު ވަރަށް ގަދަ ސްޓޭޓެއް ކަމަށްވާ ފްލޮރިޑާއަށް ނިސްބަތްވާ މެންބަރެކެވެ.

އެމެރިކާގައި މުސްލިމުންނާމެދު ދުޝްމަންކަން މައިގަނޑު ގޮތެއްގައި ގެންގުޅެނީ ޔަހޫދީ އިސްރާއީލަށް ވާގިވެރިވާ ފަރާތްތަކެވެ. މީގެތެރޭގައި ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕްތަކާއި ހަރުކަށި ޔަހޫދީ ފިކުރުގެ ނަސާރާއިންނާއި އިންޖީލީ ފިކުރަށް ނިސްބަތްވާ ނަސާރާ ދިނީ ހަރުކަށި ވިސްނުމުގެ ފަރާތްތައް ހިމެނެއެވެ.

މިއީ އެމެރިކާގެ އާބާދީގައި ނިސްބަތުން ވަރަށް މަދުބައެއް ނަމަވެސް މިފަރާތްތަކުގެ ބާރާއި ނުފޫޒު އެމެރިކާގައި ވަރަށް ގަދައެވެ.

އެމެރިކާގެ ސިޔާސީ ވެރިންނާއި އެމެރިކާގެ ގާނޫނީ މުއައްސަސާތަކާ އަދި ކޯޓުތައްފަދަ ޝަރުއީ މުއައްސަސާތައްވެސް އެކި ކަންކަމުގައި މިފަރާތްތަކުގެ ޕްރެޝަރަށް ދީލާލައެވެ.

މިއީ އެމެރިކާގައި އިންސާފު ގާއިމް ކުރުމަށް އެޅޭ އެންމެ ބޮޑު ހުރަސްކަމާއި އެމެރިކާގެ މުއައްސަސާތަކުގެ ދައުރު ބަލިކަށިވެފައިވަނީ މިކަމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މުސްލިމުންނަކީ ކުއްތާ އާ ދާދި އެއްގޮތް ބައެއްކަމަށް އެމެރިކާގެ ކޮންގްރެސްގެ މެންބަރު ރެންޑީ ފައިން ސިފަކުރުމުން ސޯޝަލް މީޑިއާ ގައި އޭނާއާ ވަނީ އެތަށް ލައްކަ ބަޔަކު ދިމާކޮށްލައި އޭނާ ހޫނު ފެނަށް ވައްޓާލާފައެވެ. ސޯޝަލް މީޑިއާ ގައި ރެންޑީ ފައިން އާ ދެކޮޅަށް ރައްދު ދިން ގިނަ ފަރާތްތައް ބުނެފައިވާ ގޮތުގައި އެމެރިކާގެ މަސްއޫލުވެރިންނަކީ ޒަމާނަށް ނުފެތޭ ނާތަހުޒީބު ބައެއްކަން އެމީހުންގެ ބަހާއި އަމަލުތަކުން ހާމަވަމުންދާ ކަމުގައެވެ.

ވަކި ދީނަކާ ދެކޮޅަށް ހޭޓް ސްޕީޗް ފަތުރާ ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާކުރާނެ ކަމުގެ އިންޒާރުވެސް ބައެއް ފަރާތްތަކުން ވަނީ ދީފައެވެ.

comment ކޮމެންޓް