އިންޑިއާގެ އެންމެ ތަޖުރިބާކާރު ފިލްމު ޑައިރެކްޓަރުންގެތެރޭ ހިމެނޭ ސަންޖޭ ލީލާ ބަންސާލީ ގެނެސްދޭ ތާރީޚީ ފިލްމު "ޖޭ ސޮމްނާތު"ގެ ޑައިރެކްޓް ކުރުމުގެ ޒިންމާ ކުޅަދާނަ ފިލްމު ޑައިރެކްޓަރު ކޭތަން މެހެތާއާ ހަވާލުކޮށްފިއެވެ.
ސަންޖޭ ލީލާ ބަންސާލީއާ ގުޅިގެން ގެނެސްދޭ މި ފިލްމަކީ މީގެ ހާހެއްހާ އަހަރުތަކެއް ކުރިން އިންޑިއާގެ ގުޖްރާތުގައި ތަޅާލި ސޯމްނާތަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
މި ފިލްމު ގެނެސްދޭނީ ސަންޖޭގެ ބަންސާލީ ޕްރޮޑަކްޝަންސް އާއި މާޔާ މޫވީސް ގުޅިގެންނެވެ. ފިލްމު ޑައިރެކްޓް ކުރުމުގެ އިތުރުން މި ފިލްމުގެ ސްކްރިޕްޓް ވެސް ތައްޔާރުކުރާނީ މެހެތާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
މި ފިލްމު އަންނަ އަހަރު ސިނަމާތަކަށް ގެނެސްދޭނެކަން އިއުލާނުކޮށް ފިލްމުގެ މޯޝަން ޕޯސްޓަރެއް ވެސް ވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ.

ސަންޖޭ ޕްރޮޑިއުސްކޮށް ގެނެސްދޭ އާ ފިލްމުގެ މޯޝަން ޕޯސްޓަރު--ފޮޓޯ/އިންޑިއާޓުޑޭ
ނަމަވެސް ފިލްމު ސިނަމާތަކަށް ގެނެސްދޭނެ ތާރީޚެއް އިއުލާނު ނުކުރެއެވެ. ކޭތަން މެހެތާ ގެނެސްދީފައިވާ މަގުބޫލު ފިލްމުތަކުގެތެރޭ "ސަރުދާރު"، "އާރް ޔާ ޕާރު" އަދި "މަންގަލް ޕާންޑޭ: ދަ ރައިޒިންގް" ހިމެނެއެވެ. ދެ ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ ކޭތަން އެންމެފަހުން ގެނެސްދިން ފިލްމަކީ 2022ގައި ގެނެސްދިން "ފްރީޑަމް ރޭޑިއޯ"އެވެ.
އިތުރު ފިލްމެއް ސަންޖޭގެ ބަންސާލީ ޕްރޮޑަކްޝަންސްއިން އިއުލާނުކުރިއިރު ސަންޖޭ އަންނަނީ "ލަވް އެންޑް ވޯ"ގެ ނަމުގައި ފިލްމެއް ޑައިރެކްޓް ކުރަމުންނެވެ. މިހާރު ޝޫޓިންގް ވެސް ފެށިގެން ކުރިއަށްދާ ފިލްމަކީ ރަންބީރު ކަޕޫރު، ވިކީ ކޯޝަލް އަދި ބަތަލާ އާލިއާ ބަޓް ލީޑް ރޯލްއިން ފެންނާނެ ތިނެސްކަން ލޯބީގެ ފިލްމެކެވެ.