'ލަވް އެންޑް ވޯ' ގެނެސްދޭނީ ރަންބީރު ކުޅޭ ހުރާފީ ފިލްމު ރިލީޒްކުރުމަށްފަހު

ބޮލީވުޑްގެ އެކްޓަރު ރަންބީރު ކަޕޫރު--ފޮޓޯ/ބޮލީވުޑްހަންގާމާ

ގިނަ ބަޔަކު އިންތިޒާރުކުރާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ" ބެލުންތެރިންނަށް ގެނެސްދޭނީ ރަންބީރު ކަޕޫރު މަސައްކަތް ފަށާފައިވާ ހުރާފީ ފިލްމު "ރަމާޔާނާ ޕާޓް 1" ރިލީޒްކުރުމަށްފަހު ކަމަށް އެކްޓަރު ބުނެފިއެވެ.

ސަޕޯޓަރުންނާ އެކު ރަންބީރު ކުރިއަށްގެންދިޔަ އިންސްޓަގްރާމް ލައިވް ސެޝަންއެއްގައި އެކްޓަރު ބުނީ އެ ނިންމުމަކީ ކުރިން "ލަވް އެންޑް ވޯ" ރިލީޒްކުރަން ނިންމި ތާރީޚާ ދިމާކޮށް ބޮޑު ބަޖެޓް ދެ ފިލްމެއް ރިލީޒްކުރާނެކަން އިއުލާނުކުރުމާ ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ.

އެ ދެ ފިލްމަކީ އަންނަ މަހު ސިނަމާތަކަށް ގެންނަ ރަންވީރު ސިންގްގެ ފިލްމު "ދުރަންދަރު"ގެ ދެވަނަ ބައި އަދި ފިލްމު "ކޭޖީއެފް" ސީރީސްގެ ލީޑް އެކްޓަރު ޔަޝްގެ "ޓޮކްސިކް"އެވެ.

ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ"ގެ ލީޑް ތަރިންނާ އެކު--ފޮޓޯ/ފިލްމުފެއަ

ފިލްމު "ލަވް އެންޑް ވޯ"ގެ ވަރަށް ބޮޑު ބައެއް ޝޫޓްކޮށް ނިމިފައިވީ ނަމަވެސް އެ ފިލްމު ދެން ބެލުންތެރިންނަށް ގެނެސްދޭނީ ރަންބީރު މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމު "ރަމަޔާނާ ޕާޓް 1"އަށްފަހު ކަމަށް ވެސް އެކްޓަރު ވަނީ ބުނެފައެވެ.

ރަންބީރުގެ ދެމަފިރިންގެ އިތުރުން އެކްޓަރު ވިކީ ކޯޝަލް ލީޑް ރޯލް ކުޅޭ "ލަވް އެންޑް ވޯ" އެންމެ ފުރަތަމަ ބެލުންތެރިންނަށް ގެނެސްދޭން ނިންމީ މިދިޔަ އަހަރުގެ ކްރިސްމަސް ދުވަސްވަރާ ދިމާކޮށެވެ. އޭގެފަހުން މި އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހު ފިލްމު ރިލީޒްކުރަން ތާވަލުކުރުމަށްފަހު މިހާރު ނިންމާފައި ވަނީ އަންނަ އަހަރުތެރޭ ފިލްމު ބެލުންތެރިންނަށް ގެނެސްދިނުމަށެވެ.

ރަންބީރުގެ ފިލްމު "ރާމަޔާނާ ޕާޓް 1" މި އަހަރުގެ އޮކްޓޯބަރު މަހު ރިލީޒްކުރަން ތާވަލުކުރެވިފައި އޮތުމުން އަހަރުގެ ފަހުކޮޅު "ލަވް އެންޑް ވޯ" ބެލުންތެރިންނަށް ގެނެސްދިނުމުގެ ފުރުސަތު ބޮޑު ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ. ނަމަވެސް އެކަން ބަންސާލީ ޕްރޮޑަކްޝަންގެ ފަރާތުން މިހާތަނަށް ޔަގީންކޮށްދީފައެއް ނުވެއެވެ.

ފިލްމު "ލަވް އެންޑް ވޯ" އަކީ ވަރަށް ވަރުގަދަ ތިނެސްކަން ލޯބީގެ ފިލްމެއްގެ މައްޗަށް ބިނާކޮށް ސަންޖޭ ގެނެސްދޭ އޭނާގެ ޑްރީމް ޕްރޮޖެކްޓެކެވެ.

ރަންބީރު އާއި އާލިއާ ވެސް ވަނީ މީގެކުރިން ސަންޖޭއާ އެކު މަސައްކަތްކޮށްފައެވެ. އެއީ 2007 ވަނަ އަހަރު ރަންބީރު ބޮލީވުޑަށް ތައާރަފްވި ފިލްމު "ސާވަރިޔާ" އަދި އާލިއާއަށް ނެޝަނަލް އެވޯޑު ލިބުނު ފިލްމު "ގަންގޫބާއީ ކަތިއާވާޑީ"އެވެ.

comment ކޮމެންޓް