އީރާނާ ގުޅުންހުރި ތިން ޓޭންކަރު އިންޑިއާއިން ހިފަހައްޓައިފި:ރިޕޯޓް

އިންޑޮނޭޝިއާގެ ބާލީގެ އައްސޭރީގައި ބާއްވާފައި އޮތް އިންޑިއާގެ ކަނޑުގެ ސިފައިންގެ އައިއެންއެސް ޝާރުދުލް. ފޮޓޯ/ގެޓީ

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އީރާނާ ގުޅިފައިވާ ތިން ޓޭންކަރު ބޯޓު އިންޑިއާއިން މި މަހު ހިފަހައްޓާފައިވާ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އެކަން އެނގޭ ފަރާތަކާ ހަވާލާދީ ރޮއިޓާސް ނޫހުން ބުނީ އެ ތިން ޓޭންކަރު ހިފެހެއްޓުމަށްފަހު، ނާޖާއިޒު ވިޔަފާރި ހުއްޓުވުމަށް އެގައުމުގެ ކަނޑުގެ ސަރަހައްދުގައި ސަވައިލެންސް ވަރުގަދަކޮށްފައިވާ ކަމަށެވެ.

އިންޑިއާއިން އެ ތިން ބޯޓު ހިފެހެއްޓި ކަމަށް ރިޕޯޓުކޮށްފައި ވަނީ އެމެރިކާއި އިންޑިއާއި ދެމެދު ގުޅުން ރަނގަޅުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ރަޝިޔާގެ ތެޔޮ އެތެރެކުރުން ހުއްޓުވުމަށް އިންޑިއާއިން އެއްބަސްވުމުން އިންޑިއާގެ މުދަލުން ނަގާ ޓެރިފް 50 ޕަސަންޓުން 18 ޕަަސަންޓަށް ކުޑަކުރާނެ ކަމަށް އެމެރިކާއިން ވަނީ އިއުލާނުކޮށްފައެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ފެބްރުއަރީ ހަ ވަނަ ދުވަހު ޓްވިޓާގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި އިންޑިއާގެ އިގްތިސާދީ ސަރަހައްދުގައި ހިންގި ޝައްކު ކުރެވޭ ހަރަކާތްތަކެއް ފެނިގެން މުމްބާއީގެ ހުޅަނގުން ގާތްގަނޑަކަށް 100 ނޯޓިކަލް މޭލު ދުރުން ތިން އުޅަނދެއް ހުއްޓުވާފައިވާ ކަމަށެވެ. ފަހުން އެ ޕޯސްޓް ފުހެލާފައިވާ ނަމަވެސް، އެ އުޅަނދުތައް އިތުރަށް ތަހުގީގު ކުރުމަށް މުމްބާއީއަށް ގެންގޮސްފައިވާ އެކަން އެނގޭ ފަރާތުން ކަށަވަރުކޮށްދީފައިވާ ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެއެވެ.

އިންޑިއާއިން ހިފެއްޓި ކަމަށް ބުނާ އެ ތިން ބޯޓަކީ ސްޓެލާ ރޫބީ، އެސްފާލްޓް ސްޓާ، އަދި އަލް ޖަފްޒިއާއެވެ. އެ ތިން ބޯޓަށްވެސް މިހާރު ބޭނުންކޮށްފައި ވަނީ ކުރިން ބޭނުންކުރިން ނަން ނޫން ކަމަށް މަސްދަރުން ބުނެއެވެ. އެމެރިކާގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް އިން މިދިޔަ އަހަރު ވަނީ އިންޑިއާއިން އަތުލައިގަތް ބޯޓުތަކުގެ އައިއެމްއޯ ނަންބަރުތަކާ އެއްގޮތް އުޅަނދުތަކެއް ކަމަށްވާ ގްލޯބަލް ޕީސް، ޗިލް 1، އަދި ގްލޯރީ ސްޓާ 1 އަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ތިން ޓޭންކަރުގެ ތެރެއިން ދެ ޓޭންކަރަކީ އީރާނާ ގުޅިފައިވާ ޓޭންކަރުތަކެއް ކަމަށާއި، 2025 ވަނަ އަހަރު އަލް ޖަފްޒިއާ އިން އީރާނުން އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ ޖިބޫޓީއަށް ތެޔޮ އުފުލާފައިވާ ކަމަށް، ލަންޑަން ސްޓޮކް އެކްސޭންޖް، އެލްއެސްއީޖީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެސްފާލްޓް ސްޓާ އާންމުކޮށް އޮޕަރޭޓް ކުރީ ޗައިނާގެ ވަށައިގެން ކަމަށްވެސް ހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް