އެކްސިޑެންޓެއްގައި އުޅަނދު ދުއްވާ މީހާއާއި އެ އުޅަނދަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް, ކޮންޕްރިހެންސިވް މޮޓޯ އިންޝުއަރެންސެއް ތައާރަފު ކުރުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ.
އެ ބިލު ހުށަހަޅާ ސަބަބެއް ކަމަށް ބުނެފައިވަނީ، އެއްގަމު ދަތުރުފަތުރުގައި ބޭނުންކުރާ އުޅަނދުތަކަށް މިހާރު ރާއްޖޭގައި ތިން ވަނަ ފަރާތެއްގެ އިންޝުއަރެންސް ލާޒިމުކޮށްފައިވީ ނަމަވެސް ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ނިޒާމެއް ނެތުމުގެ ސަބަބުން، އުޅަނދަށް ނުވަތަ އުޅަނދު ދުއްވާ މީހާއަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސް އެޅޭތީ އެކަމަށް ހައްލެއް ހޯދުމަށް ކަމަށެވެ.
އެ ބިލުގެ މަގުސަދަކީ، އެކްސިޑެންޓެއްގެ ސަބަބުން އުޅަނދަށް ނުވަތަ އުޅަނދު ދުއްވާ މީހާއަށް ލިބޭ ގެއްލުމަށް ބަދަލު ލިބޭނެ އުސޫލެއް ގާއިމުކުރުމަށް ޓަކައި، ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ތައާރަފު ކުރުން ކަމަށް ބިލުގައިވެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ): -- ފޮޓޯ/ ރައީސް އޮފީސް
އެ ބިލުގައި ވަނީ، ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސްއާ ބެހޭ ގަވައިދެއް ހަދައި، ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަސް ތެރޭގައި މަރުކަޒީ ބޭންކް އެމްއެމްއޭއިން އާންމުކުރަން ވާނެ ކަމަށް ބަޔާންކޮށްފައެވެ.
އެ ބިލުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެންނަ އިސްލާހުގައި ވަނީ، އެއްގަމު އުޅަނދު ދުއްވަން ވާނީ އެ އުޅަނދެއް އެކްސިޑެންޓެއް ވެގެން ގެއްލުން ލިބޭ މީހަކަށް ނުވަތަ ތަނަކަށް ނުވަތަ އެއްޗަކަށް ލިބޭ ގެއްލުމަަށާއި އެކްސިޑެންޓުވީ އުޅަނދަށް ނުވަތަ އުޅަނދު ދުއްވި މީހާއަށް ލިބޭ ގެއްލުމުގެ ބަދަލު ލިބިދިނުމުގެ ގޮތުން ކުރާ، ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ކުރުމަށް ފަހު ކަމަށެވެ.
އެ ގާނޫނުގެ ބޭނުމަށް ޓަކައި ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ކަމަށް ބުނެފައިވަނީ:
- އެކްސިޑެންޓެއްގެ ސަބަބުން ތިންވަނަ ފަރާތެއް މަރުވުމުން ނުވަތަ ޖިސްމާނީ ހާނިއްކައެއް ވުމުން ނުވަތަ މުދަލަށް ލިބޭ ގެއްލުމަށް ޒިންމާވުން
- އެކްސިޑެންޓެއްގެ ސަބަބުން އަމިއްލަ އުޅަނދަކަށް ލިބޭ ސީދާ ގެއްލުމާއި އުޅަނދު ފުރޮޅައިލުމުން ނުވަތަ އެކްސިޑެންޓެއްގެ އަސަރު ކުރުމުން ލިބޭ ގެއްލުމަށް ޒިންމާވުން
- އަލިފާން ނުވަތަ ވަގަށް ނެގުން ނުވަތަ ގެއްލުން ދިނުން ނުވަތަ ގެއްލުން ދިނުމުގެ ގަސްތުގައި ކުރާ ކަންކަމުގެ ސަބަބުން ލިބޭ ގެއްލުމަށް ޒިންމާވުން
- ފެންބޮޑުވުމާއި ތޫފާނާއި އުދައެރުމާއި މޫސުމީ ކާރިސާތައް ފަދަ ގުދުރަތީ ގޮތުން ލިބޭ ގެއްލުމަށް ޒިންމާވުން
- ގާނޫނުގެ ދަށުން ހަދާ ގަވައިދުގެ ބަޔާންކުރާ ހުރިހާ ކަމެއް
ކުޑޫ އެފަދަ ބިލެއް ހުށަހެޅުއްވިއިރު ރާއްޖޭގައި، ޚާއްސަކޮށް އެންމެ އާބާދީ ބޮޑު ސިޓީތައް ކަމަށްވާ މާލެއާއި އައްޑޫގައި އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރެވެ. ބައެއް ފަހަރަށް އެފަދަ އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ވެސް ގެއްލިފައި ހުރިއިރު، މި އަހަރުގެ މިހާތަނަށް 400އަށް ވުރެ ގިނަ ޓްރެފިކް އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.