ރޯދަމަހާއި އީދަށް ރާއްޖޭގައި ހަނދުލެއްވުމާއި ނުލެއްވުމުގެ މައްޗަށް އިސްލާމީ ވުޒާރާއިން އެކަށައަޅާފައި އޮންނަ އުޞޫލަށް ބަލާއިރު މި އަހަރުގެ ރޯދަމަހުގެ މުލަރޯދަ ދުވަހަށްވާނީ މި ހަފުތާ ބުދަ ދުވަސް ކަމަށް ފަލަކީ ހިސާބުތަކުން ދައްކައިފިއެވެ.
ރޯދަ ހިފަން ފަށާނީ ހަނދު ސާބިތު ވީމައެވެ. އެކަން ކަނޑައަޅާނީ އިސްލާމިކް މިނިސްޓްރީން ކަމަށްވާއިރު ރާއްޖޭގައި މިފަހަރު ހަނދު ސާބިތު ކުރުމަށް ބާއްވާ ބައްދަލުވުން އޮތީ މާދަމާ ރެއެވެ.
ހަނދު ސީދާ ލޮލަށް ނުފެނުނު ނަމަވެސް ފަލަކީ ހިސާބަށް ބަލައިގެން ވެސް ހަނދު ސާބިތު ކުރުމަކީ އާއްމުކޮށް ކޮށް އުޅޭ ކަމެކެވެ.
ފަލަކީ އިލްމުގެ ތަޖުރިބާކާރެއް ކަމަށްވާ ޢަބްދުﷲ ރަޝީދު (ލިނެޓް) "ސަން"އަށް ވިދާޅުވި ގޮތުގައި، ފަލަކީ ހިސާބުން ދައްކާ ގޮތުން ރާއްޖޭގެ އެންމެ ދެކުނުގެ ރަށްރަށަށް މި މަހުގެ 17ވަނަ ދުވަހު އިރު އޮސްފުހުމުގެ ފަހުން މިނެޓަކަށް ވުރެ މަދު ހިނދުކޮޅެއްގައި އުދަރެހުގައި ހަނދު ހުންނާނެކަން އެނގޭން އޮވެއެވެ.

ހަނދުލެއްވުމާއި ނުލެއްވުމުމާބެހޭ އުޞޫލު ބުނާ ގޮތުން ޝަޢުބާން މަހުގެ 29ވަނަ ދުވަހު އިރު އޮސްފުހުމުގެ ފަހުން އެ ގައުމަކަށް ހަނދު ފެންމަތިވާނެ ކަމަށް ފަލަކީ ހިސާބުން ދައްކާ އިސްލާމީ ގައުމަކަށް އެރޭ ހަނދު ފެނިގެން އެ ގައުމަކުން ހަނދުލައްވައި އެކަން ރާއްޖެއަށް އަންގައިފިނަމަ ޖެހިގެން އަންނަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ރާއްޖޭން ވެސް ކަނޑައަޅާނެއެވެ.
ޢަބްދުالله ވިދާޅުވި ގޮތުގައި މާދަމާ މާލެއާއި ރާއްޖޭގެ އުތުރުގެ ރަށްރަށަށް އިރަށް ވުރެ ކުރިން ހަނދު އޮއްސޭނޭކަން ފަލަކީ ހިސާބުން އެނގޭން އޮންނަ ނަމަވެސް އައްޑު އަތޮޅުގެ ދެކުނު ބިތުގައި ހުރި ހުރިހައި ރަށަކަށްވެސް އެ ދުވަހު އިރު އޮސްފުހުމުގެ ފަހުން މިނިޓުކޮޅަކަށް ވުރެން މަދު ހިނދުކޮޅަކަށް ހަނދު ފެންމަތީގައި ހުންނާނޭކަން ފަލަކީ ހިސާބަށް ކަށަވަރުވާ ކަމަށެވެ.
"އެކަމަކު އެ ދުވަހު އިރުއޮސްފުހުމުގެ ފަހުން ހަނދު އުދަރެހުގައި ހުންނާނޭ ނަމަވެސް އިރު އޮސްފުހުމުގެ ފަހުން ހަނދުގެ ހުޅެވި ސަތަހައިގެ މަތީގައެއް ނުހުންނާނޭކަން ވެސް އެނގޭން އޮވޭ," ޢަބްދުالله ވިދާޅުވިއެވެ.
މާދަމާ އިރު އޮއްސުމުގެ ފަހުން އިސްލާމީ ގައުމުތަކަށް ހަނދު ފެންމަތިވޭތޯ ބަލާއިރު ސައުދީ އަރަބިއްޔާގެ ޖުއްދާއަށާއި މިސްރުގެ ގާހިރާއަށާއި މޮރޮކޯގެ ކަސަބުލަންކާއަށާއި ސެނަގޯލުގެ ޑާކާރަށް، ހަނދު ފެންމަތިވާނޭކަން ފަލަކީ ގޮތުން ކަށަވަރުވެ އެނގޭން އެބައޮތް ކަމަށް ވެސް އަބްދުالله ވިދާޅުވިއެވެ.
އެއިން ގައުމަކުން ހަނދުލައްވައި ރާއްޖެއަށް އެކަން އަންގައިފިނަމަ ރާއްޖެއަށް އެރޭ ހަނދުލަައްވާނެކަން ހަނދުލެއްވުމާބެހޭ އުޞޫލުގެ ފަސްވަނަ މާއްދާގައި އޮވެއެވެ.