ހަމަލޮލަށް ފެންނާނެ އެންމެ ފުރިހަމަ މާހުޅެވި ހަނދެއް (ނިއު ސުޕަމޫން), މާދަމާ ރޭ ރާއްޖެއަށް ފެންނައިރު, ހިޖްރީ އާ އަހަރު، އަންނަ އަންގާރަ ދުވަހު ފެށޭނެ ކަމަށް, ފަލަކީ އިލްމުވެރިން ވިދާޅުވެއްޖެއެވެ.
ފަލަކީ އިލްމުގެ ތަޖުރިބާކާރެއް ކަމަށްވާ ޢަބްދުﷲ ރަޝީދު (ލިނެޓް), ވިދާޅުވިގޮތުގައި ފަލަކީގޮތުން ބަލައިލާއިރު، ހިނގަމުންދާ ހައްޖުމަހުގައި ދުނިޔޭގެ ވަށައިގެން ހަނދު ޖަހަމުންދާ ބުރު، މާދަމާ، ހެނދުނު މާލެ ގަޑިން 07:54 ގައި މިއަހެލި ނަކަތުގެ ތެރޭގައި ފުރިހަމަކޮށް އިރާއި ހަނދާ އެެއް ނަކަތެއްގެ ތެރޭގައި ބައްދަލުވާނެ ކަމަށެވެ.
"މާދަމާ އިރު ހުންނާނީ އުތުރު ޢަރުޟުން 23 ދަރަޖަ 19 ދަގީގުގައިކަން އެނގެން އޮވެފައި އެ ޢަރުޟުގައި އިރުހުންނަ ދުވަސްދުވަހު ރާއްޖޭގެ ރަށްރަށުގެ ތެރެއިން އެންމެ ފަހުން އިރުއޮސޭނޭ އެއް ރަށެއް ކަމުގައިވާ ހދ. މަކުނުދޫއަށް އެ ދުވަހު، އިރު އޮއްސޭނީ އެ ދުވަހު އެ ރަށަށް މަޣްރިބު ނަމާދުގެ ވަގުތުވުމުގެ ދެ މިނިޓު ކުރިން، ހަވީރު 06:25 ގައި ކަމަށްވެފައި، މަކުނުދުއަށް އެ ދުވަހު އިރުއޮއްސޭ ވަގުތަށްވުރެ 37 މިނިޓު ހަނދު އޮއްސުން ފަސްވާނޭކަން އެނގޭން އެބަ އޮތް," ޢަބްދުالله ރަޝީދު ވިދާޅުވިއެވެ.
"އެހެންކަމުން، މަކުނުދުއަށް އިރަށް ވުރެ ހަނދު އޮއްސުން ފަސްވާ ފަސްވުމަކީ، ރާއްޖެއަށް އެ ދުވަހު އިރަށްވުރެ ހަނދު އޮއްސުން ފަސްވާނޭކަން ކަށަވަރުވާ ކަށަވަރު ވުމެއް."
އޭގެ އިތުރުން ދުނިޔޭގެ އެންމެ އިރުމަތީގައި އޮންނަ އިސްލާމީ ދައުލަތަކީ އިންޑޮނޭޝިއާ ކަމަށްވެފައި، އިންޑޮނޭޝިއާ އަށްވެސް އެ ދުވަހު އިރު އޮއްސޭ ވަގުތަށްވުރެ 15 މިނިޓު ހަނދު އޮއްސުން ފަސްވާނޭކަން ކަށަވަރުވެ އެނގޭން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންކަމަށްވާތީ، މާދަމާ، އިރު އޮއްސުމުގެ ފަހުން ހަނދު ފެންމަތީގައި ނުހުންނާނޭ އިސްލާމީ އެއްވެސް ދައުލަތެއް ނެތްކަން އެނގޭން އޮންނަ އޮތުމަކީ، އަންގާރަ ދުވަހަކީ، މުޅި އިސްލާމީ ދުނިޔެއަށްވެސް ހިޖުރީ އާ އަހަރުގެ ފުރަތަމަ ދުވަހަށް ވާނޭކަމާމެދަކު ކުޑަވެސް ޝައްކެއް ޚިލާފެއް ނެތް ކަމެއް," އަބްދުالله ވިދާޅުވިއެވެ.
އޭގެ އިތުރުން މާދަމާ އަކީ، މޫސުން ރީތި ދުވަހެއްނަމަ ރާއްޖެއަށް ހުޅެވި ހަނދު، ނުވަތަ ހަނދުގެ ހުޅެވި ހަމަލޮލަށް ފެންނާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އާ މާހެއްގެ ފުރަތަމަރޭގެ ހުޅެވިހަނދު ހަމަލޮލަށް ފެނުމަކީ ވަރަށް މަދުން ނޫނީ ނުވާ ވަރަށް ނާދިރު ކަމެއް ކަމަށް ވެސް އަބްދުالله ވިދާޅުވިއެވެ.
"މާދަމާ އިރު އޮއްސުމުގެ ފަހުން ހުޅެވިހަނދު ފެންނަން މެދުވެރިވާ ސަބަބަކީ، އެ ރޭ ހުންނާނީ އެންމެ ފުރިހަމަ ސުޕަ ނިއުމޫނެއް ނުވަތަ މާހުޅެވިހަނދެެެއް ކަމަށްވާތީ. އެރޭ ހަނދުގެ ހުޅެވި އަރިވާނީ އުތުރަށް."