އިންޑިއާގެ ކާމިޔާބު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޒަވާޖީ ހަޔާތެއް ފެށުމާ އެކު ބަތަލާގެ ކައިވެންޏަށް ނިމުން އަންނަ ދުވަހަކަށް ގިނަ ބަޔަކު އިންތިޒާރުކޮށް، އެ ކަމަށް އެދިއެދި ތިބި ކަމަށް ބަތަލާ ބުނެފިއެވެ.
ދާދި ފަހުން ވެރައިޓީ ނޫހަށް ޕްރިޔަންކާ ދިން އިންޓަވިއުއެއްގައި ބުނީ، ފިރިމީހާ ނިކް ޖޯނަސްއާ ދެމެދު ލޯބީގެ ގުޅުން އުފެދި އެކަން އާއްމުންނަށް އެނގުނު ހިސާބުން ގިނަ ބަޔަކު ބުނަމުން ދިޔައީ އެއީ ދެ މީހުންގެ ކެރިއަރަށް ކުރިއެރުން ހޯދުމަށް ޖެއްސި 'ޕީއާރް' ސްޓަންޓެއް ކަމަށާއި މާ ގިނަ ދުވަހު އެ ގުޅުން ދެމި ނޯންނާނެ ކަމަށެވެ.
އޭގެ ތެރޭގައި އިންޑިއާއަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށާއި 2018 ވަނަ އަހަރު ޕްރިޔަންކާއާއި ނިކްގެ ކައިވެނި ކުރުން އެ ކައިވެނި ރޫޅާލާނެ ދުވަހަކަށް ވެސް ގިނަ ބަޔަކު އިންތިޒާރުކުރި ކަމަށެވެ. އާއްމުންގެ ފަރާތުން އޭރު ލިބުނު ފާޑުކިޔުންތައް ފެނި ބަތަލާއަށް ވަރަށް ފުން އަސަރެއް އޭރު ކުރި ކަމަށް ވެސް ޕްރިޔަންކާ ވަނީ ބުނެފައެވެ.

ޕްރިޔަންކާ އާއި ނިކް ދަރިފުޅު މާލްތީއާ އެކު--ފޮޓޯ/ޕިންކްވިލާ
ޕްރިޔަންކާއާއި ނިކްގެ އުމުރުގައި ހުރި ފަރަގުގެ ސަބަބުން އެގޮތަށް ގިނަ ބަޔަކަށް ވިސްނުނު ނަމަވެސް ދެ މީހުންގެ ކައިވެންޏަށް މިހާރު އަށް އަހަރު ވެފައިވާ ކަމަށާއި އާއްމުންގެ ފަރާތުން ލިބޭ އެފަދަ ނުރުހުމުގެ ބަސްތަކަށް މިހާރު މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ. އެހެންނަމަވެސް، އެފަދަ ފާޑުކިޔުންތައް ފެނި އިންސާނެއްގެ ހައިސިއްޔަތުން ވަރަށް ދެރަވާ ފަހަރު އަންނަ ކަމަށް ވެސް ބަތަލާ ވަނީ ބުނެފައެވެ.
ނިކާއި ޕްރިޔަންކާގެ ކައިވެންޏަށް އަންހެން ކުއްޖަކު ވެސް ލިބި، އެ އާއިލާ މިހާރު ފުރިހަމަވެފައިވާ ކަމަށާއި އެހެންވެ މިހާރު ބޮޑަށް އިސްކަންދެނީ އާއިލާއާ އެކު އުފާވެރި ހަޔާތެއް ބިނާކުރުމަށް ކަމަށް ވެސް ޕްރިޔަންކާ ވަނީ ބުނެފައެވެ.
އެމެރިކާއަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ އަދި މިއުޒީޝަން ނިކް ޖޯނަސްއާ ކައިވެނިކުރުމަށް ފަހު ޕްރިޔަންކާ ވަނީ ދިރިއުޅުން އެމެރިކާއަށް ބަދަލުކޮށްފައެވެ. ހޮލީވުޑްގައި ވެސް މިހާރު މަސައްކަތް ކުރަމުން އަންނަ ބަތަލާ ވަނީ ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު އިންޑިއާގެ ފިލްމެއްގައި އަލުން މަސައްކަތްކުރަން ފަށާފައެވެ.
އެއީ، އަންނަ އަހަރު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ޑައިރެކްޓަރު އެސް އެސް ރާޖާމޮލީގެ ފިލްމު "ވަރަނަސީ"އެވެ. ޕްރިޔަންކާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަންނަ ހަފްތާގެ ބުދަ ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯގައި ޕްރީމިއާ ކުރާ ހޮލީވުޑް އެކްޝަން ތުރިލާ ފިލްމު "ދަ ބްލަފް"އިންނެވެ.