އަނިލްގެ 'ސުބޭދާރް' އަންނަ މަހު އެމެޒޯން ޕްރައިމްގައި ޕްރީމިއާކުރަނީ

ބޮލީވުޑްގެ ތަޖުރިބާކާރު އެކްޓަރު އަނިލް ކަޕޫރުގެ އާ ފިލްމު "ސުބޭދާރް"ގެ ޓީޒާ އާއްމުކުރުމަށް ފަހު ފިލްމު ބެލުންތެރިންނަށް ގެނެސްދޭ ތާރީޚު އިއުލާނުކޮށްފިއެވެ.

އަނިލް ކުރީގެ މިލިޓަރީ އޮފިސަރެއްގެ ގޮތުގައި ފެންނާނެ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވަނީ އެމެޒޯން ޕްރައިމް ވީޑިއޯ މެދުވެރިކޮށް, މި އަންނަ މަހުގެ ފަސްވަނަ ދުވަހެވެ. މި ފިލްމަކީ އެކްޝަން އަދި ސަސްޕެންސާ އެކު ޑްރާމާ ވެސް ބެލުންތެރިން ތަޖުރިބާކުރާނެ ފިލްމެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އަނިލް ފިލްމުގައި ފެންނާނީ މުޖްތަމައުތެރޭ ހިންގާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދައި ދިނުމަށް އާއްމު ރައްޔިތުންނަށް އެހީތެރިވާ މަސީހާއެއްގެ ގޮތުގައި ކަމަށް ޕިންކްވިލާގައި ބުނެފައިވެއެވެ.

ސުރޭޝް ތުރިވޭނީ ޑައިރެކްޓްކޮށް ގެނެސްދޭ "ސުބޭދާރް"ގެ ކާސްޓުގައި އަނިލްގެ އިތުރުން ހިމެނޭ ތަރިންގެ ތެރޭ ރާދިކާ މަދަން، ސޯރަބް ޝުކްލާ، މޯނާ ސިންގް، އަދިތިޔާ ރާވަލް އަދި ފައިސަލް މަލިކު ހިމެނެއެވެ.

ފިލްމު "ސުބޭދާރް"ގެ ޓީޒާގެ މަންޒަރެއްގައި އެކްޓަރު އަނިލް ކަޕޫރު--ފޮޓޯ/ބޮލީވުޑްހަންގާމާ

އަނިލްގެ އާ ފިލްމެއް ރިލީޒްކުރާނެކަން އިއުލާނުކުރިއިރު އެކްޓަރުގެ ވަރަށް ވަރުގަދަ ވެބް ސީރީސްއެއް ނެޓްފްލިކްސްއިން ބެލުންތެރިންނަށް ގެނެސްދޭން ވަނީ ނިންމާފައެވެ. "ފެމިލީ ބިޒްނަސް"ގެ ނަމުގައި ގެނެސްދޭ މި ވެބް ސީރީސް ޕްރީމިއާކުރާނެ ތާރީޚެއް މިހާތަނަށް ނެޓްފްލިކްސްއިން އިއުލާނުކޮށްފައެއް ނުވެއެވެ.

އަނިލްގެ ކުރިއަށްހުރި ފިލްމުތަކުގެތެރެއިން ބެލުންތެރިން އެންމެ ބޮޑު އިންތިޒާރެއް ކުރާ އެއް ފިލްމަކީ ޝާހްރުކްއާ އެކު އެކްޓަރު މަސައްކަތްކުރާ ފިލްމު "ކިންގް"އެވެ. ފިލްމު "ކިންގް"ގެ ކާސްޓުގައި އަނިލް ހިމެނޭކަން ރަސްމީކޮށް އިއުލާނުކޮށްފައިނުވާއިރު ފިލްމުގައި އެކްޓަރު ކުޅޭ ކެރެކްޓާއާ ބެހޭ މައުލޫމާތު ވެސް މިހާތަނަށް ވަނީ ސިއްރުކޮށްފައެވެ.

އަނިލްގެ ފިލްމު "ސުބޭދާރް"ގެ ޓީޒާ ބެލުމަށްފަހު ގިނަ ބަޔަކު ބުނެފައިވަނީ މި ފިލްމަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވި އަނިލްގެ ފިލްމު "ނަޔަކް: ދަ ރިއަލް ހީރޯ"ގެ ހަނދާންތައް އާ ކުރުވާނެ ފިލްމެއް ކަމަށެވެ.

comment ކޮމެންޓް