މާލޭގެ މަސްމާރުކޭޓާ ހަމައިން ބާޒާރުމަތީ ފިހާރަތަކާ ހަމައަށް އޮންނަ ބޮޑުތަކުރުފާނު މަގުގެ ސަރަހައްދުގައި އެއްކޮށް ތާރުއަޅައި ނިންމާލައި, ރޭ ފަތިހު އާންމުންނަށް ހުޅުވާލައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކޮށް ހުޅުވާލެވޭ ސެގްމަންޓް، ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ކަނޑައަޅައި ފަތިހު 5:00 އިން ފެށިގެން މަގު ބޭނުންކުރާ ފަރާތްތަކަށާއި ޢާންމު ދަތުރުފަތުރަށް ހުޅުވާލާނެ ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ތަޞައްވުރާ އެއްގޮތަށް، ހަތަރު ލޭނު ހިމެނޭގޮތައް ތަރައްގީކޮށް ގެނައި ބަދަލާ އެކު، އެ ސަރަހައްދުގައި ދެކޮޅަށް ދުއްވޭނެ އިންތިޒާމު ހަމަޖެހުމުން ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް މިނިސްޓަރު އަމީނުގެ ޕޯސްޓުގައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މަސް މާރުކޭޓާއި އެއް ނަންބަރު ފާލަމާ ދެމެދު އޮންނަ ސަރަހައްދު ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ފަހު ތިން މަސްދުވަހަށް ފަހުން ހުޅުވައިލީ މިދިޔަ ޑިސެންބަރު މަހުގެ މެދުތެރޭގައެވެ.
އެ ސަރަހައްދުގައި ހިނގާ ބިނގާވެ އުޅޭ މީހުންނަށާއި އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ފަސޭހަވާނެހެން، ހަތަރު ލޭނަަށް މަގު ފުޅާކޮށް، މަގުގެ ދެ ފަރާތުގައިވާ ދުވާރު ވަނީ ފުޅާކޮށްފައެވެ.
މާލޭގެ މަގުތައް ހެދުމުގެ މަސައްކަތަކުގެ ދަށުން ރަށުގެ ވަށައިގެންވާ ބައެއް ހިސާބުތަކުގައި ތާރު އަޅާފައިވާއިރު، އެހެން ބައެއް ސަރަހައްދުތަކުގައި އަދިވެސް އޮންނަނީ ގާ އަތުރައިފައެވެ. ހަތަރު ލޭނަށް ފުޅާކޮށް، ޒަމާނީ ފެންވަރަކަށް ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހެވެ.
މި މަޝްރޫއުގެ ދަށުން ކާނިވާ ކައިރި ހުންނަ ފެރީ ޓާމިނަލުން ފެށިގެން މަސް މާރުކޭޓު ސަރަހައްދާ ހަމައަށް 830 މީޓަރުގައި ތާރު އަޅައި، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
އެ ސަރަހައްދުގައި ތާރު އަޅައި ނިމޭއިރު، ފެން ހިންދާ ނިޒާމެއް ވެސް ގާއިމުކުރެވޭނެތީ ފެންބޮޑުވާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އެ ކުންފުނިން އޭރު ބުންޏެވެ.
ގާތްގަނޑަކަށް 144.5 މިލިއަން ރުފިޔާއަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ އެއް އަހަރާއި ތިން މަހުން ނިންމާ ގޮތަށެވެ.
މީގެ އިތުރުން މާލޭގެ އެތެރޭގެ މަގުތައް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރެވޭތޯ ވެސް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.