މީގެ ހަތް އަހަރު ކުރިން ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމު "ލައިލާ މަޖްނޫ" ގެނެސްދިން ބާލާޖީ މޯޝަން ޕިކްޗާސްގެ އާ ފިލްމު "ހީރް ރާޖާ" އިއުލާނުކޮށްފިއެވެ.
ޕްރޮޑިއުސަރު އެކްތާ ކަޕޫރު އަދި ޑައިރެކްޓަރު އިމްތިއާޒް އަލީ ގުޅިގެން ގެނެސްދޭ މި ފިލްމު ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ އިއްޔެ ފާހަގަކުރި ލޯބިވެރިންގެ ދުވަހާ ގުޅުވައިގެންނެވެ.
އާ ފިލްމުގެ ޓައިޓްލް "ހީރް ރާޖާ" އިއުލާނުކުރިއިރު އެ ފިލްމު ގެނެސްދޭނީ "ލައިލާ މަޖްނޫ"ގެ ދެވަނަ ޗެޕްޓާގެ ގޮތުގައި ކަން ވެސް ފާހަގަކޮށްލެވެއެވެ. ނަމަވެސް ދެވަނަ ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ މި ޒަމާނުގެ ޒުވާނުންނާ ގުޅޭގޮތަށް ކަމަށް ބާލާޖީއިން ވަނީ ބުނެފައެވެ.

ފިލްމު "ހީރް ރާޖާ"ގެ ޕްރޮޑަކްޝަން ޓީމުގައި ހިމެނޭ އެކްތާ ކަޕޫރު އަދި އިމްތިއާޒު އަލީ--ފޮޓޯ/ޕިންކްވިލާ
ފިލްމު "ހީރް ރާޖާ" ވެސް ޑައިރެކްޓްކޮށް ގެނެސްދޭނީ "ލައިލާ މަޖްނޫ"ގެ ޑައިރެކްޓަރު ސާޖިދު އަލީއެވެ. ނަމަވެސް ފިލްމުގެ ކާސްޓުންނާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް އެކްތާގެ ޕްރޮޑަކްޝަން ކުންފުނިން ހާމަކޮށްފައެވެ.
ފިލްމު "ހީރް ރާޖާ"ގެ ޓައިޓްލް އިއުލާނުކުރި ވީޑިއޯގައި ބުނެފައި ވަނީ ބައެއް ލޯބީގެ ވާހަކަ ތަކަކީ އެއަށް ނިމުމެއް ނާންނާނެ ވާހަކަތަކެއް ކަމަށެވެ. އެގޮތުން "ހީރް ރާޖާ"އާ އެކު އިތުރު ލޯބީގެ ވާހަކައެއް ފެށުނީ ކަމަށް މި ވީޑިއޯގައި ވަނީ ބުނެފައެވެ.
ދެހާސް އަށާރަ ވަނަ އަހަރު ގެނެސްދިން "ލައިލާ މަޖްނޫ"އަކީ މިހާރުގެ މަގުބޫލު ފިލްމީ ތަރިން ކަމަށްވާ ތުރިޕްތީ ދިމްރީ އާއި އަވީނާޝް ތިވާރީ ލީޑް ރޯލް ކުޅުނު ފިލްމެކެވެ.
މި ފިލްމަށްފަހު ދެ ތަރިން ވަނީ 2020 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ބުލްބުލް"ގައި މަސައްކަތް ކޮށްފައެވެ. އޭގެ އަހަރުތަކެއް ފަހުން ތުރިޕްތީ އާއި އަވީނާޝް އެންމެފަހުން އެކީގައި މަސައްކަތް ކޮށްފައި ވަނީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ފިލްމު "ރޯމިއޯ"ގައެވެ.