ވިޖޭ އާއި ރަޝްމިކާގެ ކައިވެނީގެ ވީޑިއޯތަކުގެ ރައިޓްސް ބޮޑު އަގުގައި ގަންނަން ނެޓްފްލިކްސްއިން ހުށަހަޅައިފި

މި މަހުގެ 26 ވަނަ ދުވަހު ކައިވެނި ކުރާނެ ކަމަށް މީޑިއާތަކުން ބުނަމުން އަންނަ ދެކުނު އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ރަޝްމިކާ އަދި ވިޖޭ--ފޮޓޯ/އެންޑީޓީވީ

މި މަހުގެ ފަހުކޮޅު ކައިވެނި ކުރާނެ ކަމަށް އިންޑިއާގެ ރިޕޯޓުތަކުން ބުނަމުން އަންނަ ދެ ތަރިން ކަމަށްވާ ވިޖޭ ދެވެރަކޮންދާ އާއި ރަޝްމިކާ މަންދަންނާގެ ކައިވެނީގެ ފުޓޭޖްތައް ބޮޑު އަގުގައި ގަންނަން ނެޓްފްލިކްސްއިން ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އިންޑިއާގެ ފިލްމީ ޚަބަރުތަކުން ބުނެފައިވާ ގޮތުގައި ނެޓްފްލިކްސްއިން މި ދެތަރިންގެ ކައިވެނީގެ ފުޓޭޖްތަކުގެ ރައިޓްސް ގަންނަން ހުށަހަޅާފައި ވަނީ 60 ކްރޯޑު ރުޕީސްއެވެ. އެއީ ގާތްގަނޑަކަށް 6.6 މިލިއަން އެމެރިކާ ޑޮލަރެވެ.

އެހެންނަމަވެސް ވިޖޭ އާއި ރަޝްމިކާ ވަނީ ނެޓްފްލިކްސްގެ އެ ހުށަހެޅުން ގަބޫލުނުކޮށް ދެ ތަރިންގެ ކައިވެނީގެ ރަސްމިއްޔާތުތައް އިޝްތިހާރުކުރަން ބޭނުންނުވާ ކަމަށް ނިންމާފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ވިޖޭ އަދި ރަޝްމިކާ--ފޮޓޯ/އެންޑީޓީވީ

ދެކުނު އިންޑިއާގެ އެންމެ ނުފޫޒުގަދަ ފިލްމީ ތަރިންގެތެރޭ ހިމެނޭ ވިޖޭއާ ގާތް ގުޅުމެއް އޮންނަ ފަރާތަކުން މީޑިއާގައި ބުނިގޮތުގައި ވިޖޭގެ ކައިވެނީގެ ހަނދާންތަކަކީ ވަރަށް "ޕާސަނަލް" އަދި އަގުނުކުރެވޭނެ ހަނދާންތަކެއް ކަމުން އެ ދުވަހުގެ އެއްވެސް މަންޒަރެއް އެއްވެސް ޕްލެޓްފޯމަކަށް ވިއްކާނުލުމަށް އެކްޓަރު ވަނީ ނިންމާފައެވެ. ފައިސާއަށް ވުރެ ބޮޑަށް ވިޖޭ އާއި ރަޝްމިކާ އިސްކަންދެނީ ދެ މީހުންގެ ޕްރައިވެސީއަށް ކަމަށް ވެސް އެ ފަރާތުން ވަނީ މީޑިއާގައި ބުނެފައެވެ.

ނެޓްފްލިކްސްއިން މީގެކުރިން ވެސް ވަނީ ފިލްމީ ތަރިންގެ ކައިވެނީގެ ކޮންޓެންޓްތައް ބޮޑު އަގުގައި ގަނެފައެވެ. އެގޮތުން ދެކުނު އިންޑިއާގެ މަޝްހޫރު ބަތަލާ ނަޔަންތާރާގެ ކައިވެނީގެ ރަސްމިއްޔާތުތަކުގެ ރައިޓްސް ނެޓްފްލިކްސްއިން ވަނީ 25 ކްރޯޑު ރުޕީސް (2.76 މިލިއަން ޑޮލަރަ)ށް ގަނެފައެވެ.

ނަޔަންތާރާގެ ކައިވެނީގެ ފުޓޭޖްތައް ހިމެނޭ ޑޮކިއުމެންޓްރީ ނެޓްފްލިކްސްއިން ރިލީޒްކޮށްފައި ވަނީ ބަތަލާގެ 40 ވަނަ އުފަންދުވަހާ ދިމާކޮށް 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނަމުން އަންނަ ގޮތުގައި ވިޖޭ އާއި ރަޝްމިކާގެ ކައިވެނީގެ ރަސްމިއްޔާތު ރާޖަސްތާނުގެ އުދޭޕޫރު ސިޓީގައި އޮންނައިރު ކައިވެންޏަށް އުދޭޕޫރުގެ ލަގްޒަރީ ޕްރޮޕަޓީއެއް ޒީނަތްތެރި ކުރުމުގެ މަސައްކަތް ވެސް ވަނީ ފެށިފައެވެ.

މި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ދެ ތަރިންގެ ކައިވެނި ކުރެވޭނެ ކަމަށް މީޑިއާތަކުން ބުނަމުން އައި ނަމަވެސް ދެ ތަރިންގެ ފަރާތުން ވެސް މިހާތަނަށް އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

comment ކޮމެންޓް