ދެހާސް މީހުން ދިރިއުޅޭ ލ. ފޮނަދޫން ކަރަންޓް ކެނޑިފައި އޮންނަތާ 20 ގަޑި އިރު ފާއިތުވެ، 24 ގަޑި ހަމަވާން ކައިރިވެފައިވާ ކަމަށް އެ ރަށު ކައުންސިލް އިދާރާއިން ބުނެފި އެވެ.
އިއްޔެ މެންދުރު 12:30 އިން ފެށިގެން އެ ރަށުން ވަނީ ކަރަންޓް ކެނޑިފަ އެވެ.
ފޮނަދޫ ކައުންސިލްގެ ނައިބް ރައީސް އަލީ އަސަދު މިއަދު ވިދާޅުވީ އެ ރަށުގެ ރައްޔިތުންގެ އިންޖީނުގޭގައި ކަރަންޓް ދިނުމަށް ޓަކައި ބޭނުންކުރަމުން އަންނަ ތިން އިންޖީނަށް ވެސް މިވަގުތު މައްސަލަ ދިމާވެފައި ވާތީ އެ ރަށުން ކަރަންޓްގެ ހިދުމަތް އެއްކޮށް ކެނޑިފައިވާ ކަމަށާއި މިހާރު އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ލަފާކުރެވެނީ މިއަދު އިރުއޮއްސުމުގެ ކުރިން ކަރަންޓްގެ ހިދުމަތް ދެވޭނެ ކަމަށް. އަޅުގަނޑުމެން މިހާރު މިދަނީ ސަރުކާރާއި ވާހަކަ ދައްކައިގެން ކަރަންޓްގެ މައްސަލަ ހައްލުކުރެވޭތޯ މަސައްކަތް ކުރަމުން، އަޅުނގަޑުމެނަށް ވަރަށް އަވަހަށް އާ އިންޖީނެއް ލިބޭނެ ކަމެއްގެ ސިގުނަލް މިހާރުވަނީ ލިބިފައި،" އަސަދު ވިދާލުވި އެވެ.
ނައިބް ރައީސް އަދި ވިދާޅުވީ ކަރަންޓް ކެނޑިފައި އޮތުމުގެ ސަބަބުން އެ ރަށު ރައްޔިތުނަށް ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށާއި އެގޮތުން ރޭ ވެސް އެ ރަށު ރައްޔިތުން ހޭދަކުރަން ޖެހުނީ ކަރަންޓްގެ އަލިކަމެއް ނެތި ކަނު އަނދިރީގައި ކަމަށެވެ. ނަމަވެސް ރަށު ރައްޔިތުން އެއްވެސް ހަމަނުޖެހުމެއް ނުހިންގާ ކައުންސިލާ ގުޅިގެން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އަސަދު ވިދާލުވި އެވެ.
ފޮނަދޫ އިންޖީނުގޭ ހިންގުމާ ހަވާލުވެހުންނެވި އަބުދުއްރަޝީދު މިއަދު ވިދާޅުވީ އެ ރަށު އިންޖީނުގޭގައި ކަރަންޓް ހިދުމަތް ދިނުމަށްޓަކައި ބޭނުންކުރަމުންއައީ 240 ކިލޯ ވޯޓްގެ އިންޖީނަކާއި 200 ކިލޯ ވޯޓްގެ ދެ އިންޖީނުން ކަމަށާއި އޭގެތެރެއިން 240 ކިލޯ ވޯޓްގެ އިންޖީނު ބޭނުން ނުކުރެވޭތާ ހަތަރު މަސްވެފައިވާ އިރު ދެން ހުރި ދެ އިންޖީނުން ރަށަށް ބޭނުންވާ ވަރަށް ކަރަންޓް ނުއުފެއްދޭ ކަމަށެވެ. އަދި ވިދާޅުވީ މިހާރު އެތިން އިންޖީނުނަށް ވެސް މައްސަލަ ދިމާވެގެން ބޭނުން ނުކުރެވޭ ކަމަށެވެ.
ފޮނަދޫން ކަރަންޓް ކެނޑި އެ މައްސަލަ އަދިވެސް ހައްލުނުކުރެވިފައިވާ އިރު މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެސް އެ ރަށުން ވަނީ 24 ގަޑިއިރަށް ވުރެ ގިނައިރަށް ކަރަންޓް ކެނޑި ފައެވެ. އަދި މިހާރު އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ފެނާއި ނަރުދަމާއައި ކަރަންޓުގެ ހިދުމަތް އަތޮޅު ތެރެއަށް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުނި، ފެނަކައިގެ ދަށަށް ލ. ފޮނަދޫ އިންޖީނުގޭ މި މަހުގެ ތެރޭގައި ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.