މިސްކިތްތަކަށް ގެއްލުންދިނުން ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ހިމަނާ އިސްލާހު ޕީއެންސީގެ ތާއީދާއެކު، ބަލައިގެންފި

ފުރުޤާން މިސްކިތަށް މީގެ ކުރިން ގެއްލުންދީފައި: މިސްކިތަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ހިމަނަން ހުށަހެޅި އިސްލާހު ވަނީ ބަލައިގެންފަ --- ފޮޓޯ/ ޝެއިޙް ނިޝާން

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ހިމަނަން، ޓެރަރިޒަމް މަނާކުރުމާބެހޭ ގާނޫނަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އިސްލާހު މިއަދު ބަލައިގެންފިއެވެ.

ކުޑޫ މިދިޔަ ނޮވެންބަރު މަހުގެ ފަހުކޮޅު ހުށަހެޅުއްވީ ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭ މިސްކިތްތަކަށް ގެއްލުން ދިނުން ހިމެނުމަށް، އެ މާއްދާގެ އެންމެ ފަހަތަށް އަކުރެއް އިތުރުކުރުމަށެވެ.

މިއަދު އިސްލާހަށް ބަހުސްކުރިއިރު، ވެރިކަންކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންވެސް ހިމެނޭ ގޮތަށް ވަނީ ޖުމުލަގޮތެއްގައި އިސްލާހަށް ތާއީދުކުރައްވައިފައެވެ.

މި އިސްލާހު މިއަދު ބަލައިގަތީ އެކަމަށް ރިޔާސަތުން އެހުމުން، ވޯޓުގައި ބައިވެރިވި 56 މެންބަރުންގެވެސް އިއްތިފާގުންނެވެ. ނަމަވެސް ޖަލްސާއަށް ހާޒިރުވި 72 މެންބަރުންގެ ތެރެއިން މި ބިލަށް ތާއީދުކުރައްވާކަން ހާމަކުރެއްވި ބައެއް ބޭފުޅުން ވޯޓުގައި ބައިވެރިވެވަޑައިގެންފައިނުވެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް -- ފޮޓޯ/ މަޖިލިސް

މި އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ކުޑޫ ވިދާޅުވީ، ރާއްޖޭގައި މިސްކިތްތަކަށް ގެއްލުންދިނުން ތަކުރާރުވަމުން ދާތީ އެއީ މިސްކިތްތަކުގެ ކަރާމާތަށް އުނިކަން ލިބޭނެ ފަދަ އަމަލެއް ކަމަށްވާތީއާއި މިސްކިތްތަކުގެ ކަރާމާތް ހިފެހެއްޓުމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ތެރެއިންވާ ކަމަކަށްވާތީ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި އެކިފަހަރު މަތިން މިސްކިތްތަކަށް ގެއްލުންދީ، މިސްކިތްތަކުގައި ހުރުމަތް ކެނޑި މައްސަލަތައް ފެންމަތިވެފައިވެއެވެ.

އެގޮތުން މިދިޔަ ނޮވެންބަރު މަހު އައްޑޫ ހިތަދޫގެ މަސްޖިދުލް ޢުމަރުލްފާރޫޤު މިސްކިތަށް ބަޔަކު ވަދެ، އެ މިސްކިތުގެ ގޮނޑިތައް އުކައި މުސްހަފުތަކަށް ގެއްލުންދީފައިވެއެވެ. އަދި، މާލޭގެ ފުރުޤާން މިސްކިތަށާއި މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން މިސްކިތަށް ވެސް މީހަކު ގެއްލުންދީފައިވެއެވެ. އެ މައްސަލައިގައި 24 އަހަރުގެ މީހަކު ހައްޔަރު ވެސް ކުރިއެވެ.

comment ކޮމެންޓް