ޔޫޓިއުބް މިއުޒިކްގައި އޭއައި މެދުވެރިކޮށް ޕްލޭލިސްޓް ހެދޭ ފީޗާއެއް

މިއީ އަމިއްލަ ޕްލޭލިސްޓެއް އުފެއްދުމަށް ލިބޭ ފަސޭހައެއް ---

ޔޫޓިއުބް މިއުޒިކްގެ ޕްރީމިއަމް ސަބްސްކްރައިބަރުންނަށް އަމިއްލައަށް ބޭނުންވާ ގޮތަށް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ފަސޭހަކަމާ އެކު ޕްލޭލިސްޓް އުފެއްދޭ އާ ފީޗާއެއް ތައާރަފުކޮށްފިއެވެ.

އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތަކަށް މިހާރު ދޫކޮށްލާފައިވާ މި ފީޗާގެ އެހީގައި، އަޑުއަހަން ބޭނުންވާ މިއުޒިކްގެ ބާވަތް، މޫޑު ނުވަތަ ތީމް ބުނެދިނުމުން އޭއައިއިން އެ މީހަކަށް ޚާއްސަ ޕްލޭލިސްޓެއް ވަގުތުން ތައްޔާރުކޮށްދޭނެއެވެ.

މި އާ ފީޗާ ބޭނުންކުރުމަށްޓަކައި ޔޫޓިއުބް މިއުޒިކް އެޕްގެ 'ލައިބްރަރީ' ޓެބަށް ގޮސް 'ނިއު' ފިއްތާލުމަށް ފަހު 'އޭއައި ޕްލޭލިސްޓް' އިޚްތިޔާރުކުރަން ޖެހެއެވެ. އެއަށް ފަހު ލިޔެގެން ނުވަތަ އަޑުން ކޮމާންޑް ދީގެން ބޭނުންވާ ކޮންމެ ކަމެއް ބުނެވިދާނެއެވެ. މިސާލަކަށް "90ގެ އަހަރުތަކުގެ މަޝްހޫރު ލަވަތައް" ނުވަތަ "ޕާޓީއަކަށް ބޭނުންވާނެ މަޑުމައިތިރި ހައުސް މިއުޒިކް" ފަދަ އިރުޝާދުތައް ދީގެން ޕްލޭލިސްޓްތައް ހެދޭނެއެވެ.

https://sun.mv/217632

މިއީ ގޫގުލްގެ ޚިދުމަތްތަކުގައި އޭއައިގެ ބޭނުން އިތުރުކޮށް، މިއުޒިކް އަޑުއަހާ މީހުންނަށް އެ މީހަކު އެންމެ ގަޔާވާނެ ފަދަ ގޮތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މީގެ ކުރިން ޔޫޓިއުބުން ވަނީ "އާސްކް މިއުޒިކް" ފަދަ ފީޗާތައް އަޖުމަބަލާފައެވެ. ނަމަވެސް، މިހާރު ތައާރަފުކުރި ފީޗާ ސީދާ ޕްލޭލިސްޓް ހަދާ ބަޔާ ގުޅުވާލުމުން، މިއީ ރޭޑިއޯ ސްޓޭޝަނެއް ހިންގުމަށްވުރެ ބޮޑަށް އަމިއްލަ ޕްލޭލިސްޓެއް އުފެއްދުމަށް ލިބޭ ފަސޭހައެކެވެ.

މިއުޒިކް ސްޓްރީމްކުރާ އެހެން ޕްލެޓްފޯމްތައް ކަމަށްވާ ސްޕޮޓިފައި، އެމެޒޯން މިއުޒިކް އަދި ޑީޒާއިން ވެސް މިހާރު ދަނީ އޭއައި ބޭނުންކޮށްގެން މިފަދަ ޚިދުމަތްތައް ދެމުންނެވެ. ޔޫޓިއުބުން މިފަދަ ފީޗާތައް ހަމައެކަނި ޕްރީމިއަމް ކަސްޓަމަރުންނަށް ޚާއްސަކުރަނީ އެ ކުންފުނީގެ ފައިސާ ދައްކައިގެން ބޭނުންކުރާ ސަބްސްކްރިޕްޝަން އިތުރަށް ކުރިއެރުވުމަށެވެ.

ގޫގުލްއިން ހާމަކޮށްފައިވާ ގޮތުގައި ޔޫޓިއުބް ޕްރީމިއަމް އަދި ގޫގުލް ވަން ބޭނުންކުރާ, ފައިސާ ދައްކާ 325 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުން މިހާރު އެބަތިއްބެވެ.

މީގެ އިތުރުން، ހިލޭ ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް ލަވައިގެ ލިރިކްސް ފެނުން ފަދަ ބައެއް ކަންކަން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ވެސް ޔޫޓިއުބުން ދަނީ ކުރަމުންނެވެ.

comment ކޮމެންޓް