ސްކޭމްކޮށްގެން 150،000 ހޯދިކަމަށް ތުހުމަތުވާ މީހާއާ ދެކޮޅަށް ދައުވާކޮށް، ބަންދަށް އިތުރު 30 ދުވަސް

މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެ މީހާގެ ނަމުގައި އެކި މީހުންނާ ވާހަކަދައްކައިގެން މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000 އަށްވުރެ ގިނަ ރުފިޔާ ހޯދައި، އެ ފައިސާތަކުގެ ތެރެއިން ބައެއް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި މީހަކާ ދެކޮޅަށް ދައުވާކޮށް، އިއްޔެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.

މިިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފުލެޓު 06-2-39، މާލެ، އުމުރުން 39 އަހަރުގެ ޙަސަން އަޒުރާހެވެ.

މިދިޔަ ޑިސެންބަރު މަހުގެ ހަތްވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައިވަނީ މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން، އެ މީހާގެ ނަމުގައި އެކި މީހުންނާ ވާހަކަދައްކައިގެން މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000 ރުފިޔާއަށްވުރެ ގިނަ ފައިސާ ހޯދާފައިވާ ކަމަށް މިދިޔަ ނޮވެންބަރު 30ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅުމުންނެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް އިތުރު 30 ދުވަސް ޖަހާފައެވެ. ދައުލަތުން ކޯޓުގައި ވަނީ އަޒުރާހާ ދެކޮޅަށް މިހާރު ދައުވާކޮށްފައިވާ ކަމަށް ބުނެފައެވެ.

https://sun.mv/217202

ކޯޓުގައި އެ މީހާ ބުނީ، ކާޑުގެ ވެރިފަރާތުން ބުނެގެން ފައިސާ ނަގައިދިނިން ކަމަށާއި އިތުރު ކަމެއް ނުކުރާ ކަމަށެވެ.

އެންމެ ފުރަތަމަ އޭނާގެ ބަންދަށް ޖެހީ 15 ދުވަހެވެ. އެއަށް ފަހު ބަންދު އިތުރުކުރަމުން އަނެއްކާ ވެސް ވަނީ ބަންދު މުއްދަތު އިތުރުކޮށްފައެވެ. އެ ގޮތުން، ކޯޓުން މިދިޔަ މަހު ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ. ބަންދު އިތުރުކުރީ ކުށް ތަކުރާރުވާނެ ކަމަށް ބެލުމުގެ ފުރުސަތު އޮތުމުން ކަމަށް އޭރުގެ އަމުރުގައިވެއެވެ.

މި މައްސަލާގައި މީގެ ކުރިން ހައްޔަރުކޮށްފައިވަނީ ގ. މާލޭހިޔާ 1-16-03 / މާލެ، އަޙްމަދު ޙައްސާން (33އ) އާއި ނ. މަނަދޫ / ވެށި، ޙުސައިން ސަމާޙު (33އ)އެވެ.

މިމައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް