މިދިޔަ މަހުގެ ފަހު ތިން ހަފުތާގައި ޑެންގީ ހުމާއި ބޭރަށް ހިންގުން އިތުރުވެ، 6،000އެއްހާ ކޭސް ރިޕޯޓުކުރި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ޑެންގީ ހުމާއި ބޭރަށް ހިންގުން އަންނަނީ އިތުރުވަމުންނެވެ. އެ ކަމަށް ސަމާލުވުމަށް އޭރު އެޗްޕީއޭއިން ވެސް އިލްތިމާސްކުރިއެވެ.
އެ އެޖެންސީން މިދިޔަ މަހު11 އިން 31ގެ ނިޔަލަށް އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި، އަރިދަފުސް ރޯގާއާއި ޑެންގީ ހުމާއި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.
އެ ތިން ހަފުތާގައި ޑެންގީ ހުމާއި ބޭރަށް ހިންގުން ޖެހިގެން ޖުމުލަ 5،980 މީހުން އެޗްޕީއޭއަށް ރިޕޯޓުކުރިއެވެ. އެއީ، އެ ބަލިތައް ވަކިން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދެވެ.

އެމްބިއުލާންސެއް: މިދިޔަ މަހުގެ ފަހު ތިން ހަފުތާގައި ޑެންގީ އިތުރުވި-- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިގޮތުން، އެ މުއްދަތުގައި ބޭރަށް ހިންގުން ޖެހިގެން 5،621 މީހުން ރިޕޯޓުކުރިއިރު، އެ ތިން ހަފުތާގައި 359 މީހުން ޑެންގީ ޖެހިގެން ރިޕޯޓުކުރިއެވެ. އަދި، އަރިދަފުސް ރޯގާ ޖެހިގެން އެ މުއްދަތުގައި ވަނީ، 21،993 މީހުން ރިޕޯޓުކޮށްފައެވެ.
އެ ހިސާބުތަކުން އެނގޭ ގޮތުގައި، ޑެންގީ ހުން އެންމެ ބޮޑަށް އިތުރުވީ މިދިޔަ މަހުގެ ފަހު ހަފުތާގައެވެ. އެ ހަފުތާގައި އެކަނި 148 ކޭހެއް ހުށަހަޅާފައިވެއެވެ. އޭގެއިތުރަށް، އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުން އެންމެ ބޮޑަށް އިތުރުވީ، މިދިޔަ މަހު 18އިން 24ގެ ނިޔަލަށެވެ.
ހޮޑުލުމާއި ބޭރަށް ހިންގުން އިތުރު ވެފައި މިވަނީ ސްކޫލު ބަންދަށް ފަހުގައެވެ. މި ސްކޫލު ބަންދުގައި 50,000 އާ ގާތްކުރާ އަދަދަކަށް ދިވެހީން ރާއްޖޭން ބޭރަށް ދިޔައެވެ. އޭގެ ތެރެއިން 8000 އާ ގާތް ކުރާ އަދަދަކަށް އުމްރާގެ އަޅުކަމަށް މީހުން ސައުދީއަރަބިއްޔާއަށް ދިޔައެވެ.
އާއްމުކޮށް އުމްރާއާއި ހައްޖުން މީހުން އަންނަ ދުވަސްވަރު އެކި ކަހަލަ ރޯގާތައް ފެތުރޭ މިންވަރު އިތުރުވެއެވެ. އެކަން ހުއްޓުވުމަށްޓަކައި ހައްޖާއި އުމްރާއިން އަންނަ މީހުން ރޯގާގެ އަލާމާތް ހުރެއްޖެނަމަ ބޭރަށް ދިއުމާއި މީހުންނާ ބައްދަލު ކުރުންފަދަ ކަންކަން ނުކުރުމަށް އެޗްޕީއޭއިން އަބަދުވެސް ލަފާދެއެވެ.