ދުންފުހުން ސަލާމަތްވެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން މެޓުން އިލްތިމާސްކޮށްފި

މާލެ ސަރަހައްދަށް ވައި ނުސާފުވެފައި: އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ކުރިއަށްއޮތް 4 ދުވަހު ކުރާނެ -- ސަން ފޮޓޯ/ އަހުމަދު އިޔާދު

ރާއްޖެއަށް ކުރިއަށް އޮތް ހަތަރު ދުވަހު ދުންފުހުގެ އަސަރު ކުރާނެތީ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން މިއަދު އިލްތިމާސްކޮށްފިއެވެ.

ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ކުރަމުން ދާކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ދުންފުހުގެ އަސަރު ރާއްޖޭގެ ސަރަޙައްދުގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށާއި އެކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ވައިގެ ކޮލެޓީ ދައްކުވައިދޭ އައިކިއު އެއާއިން ދައްކާ ގޮތުގައި މާލޭގައި ވައިގެ ކޮލެޓީ ހުރީ 118 ގައެެވެ. މިއީ ނުރައްކަލުގެ އޮރެންޖު ސަމާލެވެ. ވިލިމާލޭގައި ވައިގެ ކޮލެޓީ 158ގައި ހުރިއިރު މިއީ ނުރައްކަލުގެ ރަތް ސަމާލެވެ. މީގެ އިތުރުން ކުޅުދުއްފުށި ސިޓީ ވެސް ނުރައްކަލުގެ އޮރެންޖު ސަމާލުގައި އޮތް އިރު އެ ސިޓީގައި ވައިގެ ކޮލެޓީ އުޅެނީ 115ގައެވެ. އަދި ށ. ފުނަދޫގައި ވައިގެ ކޮލެޓީ އުޅެނީ 63 ގައެވެ. މިއީ ރީނދޫ ސަމާލެކެވެ.

އެހެންކަމުން ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރަށް ނުކުތުމުގެ ކުރިން މާސްކު އެޅުމަށާއި ނުސާފު ވައި ވަނަ ނުދިނުމަށްޓަކައި ދޮރުތައް ލައްޕައިފައި ބެހެއްޓުމަށާއި ނާޒުކު ހާލަތުގައިވާ ފަރާތްތައް ކުޅިވަރުކުޅުމާއި ކަސްރަތުކުރުން މަޑުޖައްސާލަން ސިއްހީ މާހިރުން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް