ސަރުކާރުން ރޯދައަށް ބަހާ މަސް ކޭސް ދޫކުރާނީ ބުދަ ދުވަހުގެ ނިޔަލަށް

ސަރުކާރުން ރޯދައަށް ބަހާ މަސް ކޭސް ދޫކުރާނީ ބުދަ ދުވަހުގެ ނިޔަލަށް -- ފޮޓޯ: ލޯކަލް ގަވަމެންޓް މިނިސްޓްރީ

ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު ކޭސް ދޫކުރާނީ އަަންނަ ބުދަ ދުވަހުގެ ނިޔަލަށް ކަމަށް މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްއިން މިއަދު ބުނެފިއެވެ.

ރޯދަ ހަދިޔާގެ ގޮތުގައި މަސްކޭސް ދޫކުރާ މިއީ ދެވަނަ އަހަރެވެ. މިއަހަރު މަސްކޭސް ދޫކުރަން ފެށީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭގައެވެ. އެ ރޭ އެކަނިވެސް 4،196 ކޭސް ދޫކުރިއެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީއިން ބުނެފައި ވަނީ، މި އަހަރުގެ ރަމަޟާން މަހަށް ދިވެހި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ގްރޭޓާ މާލެ ސަރަޙައްދުގެ ގޭބިސީތަކަށް ދޫކުރުން ކުރިއަށްދާނީ އަންނަ ބުދަވާ މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މާލެ ސަރަޙައްދުގައި މަސްދަޅު ކޭސްތައް ދޫކުރަމުން ދަނީ, އެކި ސަރަހައްދު ތަކުން ކޮންމެ ރެޔަކު 8:30 އިން 11:00 އަށެވެ.

އެ މިނިސްޓްރީއިން ބުނެފައި ވަނީ މިހާތަނަށް މާލެ ސަރަޙައްދުން 43،923 މަސް ދަޅު ކޭސް ދޫކޮށްފައި ވާ ކަމަށާއި މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ ޑޮމެސްޓިކް މީޓަރުތަކުގެ އަދަދަކީ 65،230 ކަމަށެވެ. އަދި މަސްދަޅު ދޫކުރަނީ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެން ކަމަށް މިނިސްޓްރީއިން ބުނެއެވެ.

މީގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ވެސް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލުންކަން މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

މި އަހަރު, މުޅި ރާއްޖޭގެ 118،773 ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭސް ބަހާނެއެވެ.

މަސްދަޅު ކޭސް ހޯދުމަށް ޓޯކަން ލިބޭނީ https://roadhahadhiya.mv/dv ޕޯޓަލްއިންނެވެ. ފަހު ވަގުތަށް މަޑުނުކޮށް އަވަހަށް މަސްދަޅު ކޭސް ބަލައި ދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް