އެމެރިކާގެ ސަރުކާރުގެ އިދާރާތަކުގައި ބޭނުންކުރާ ދުވަސްވީ ނެޓްވޯކް ސާމާނުތައް ނައްތާލަން އަމުރުކޮށްފި

ހެކަރުގެ ހަމަލާތައް ބޮޑަށް އަމާޒުކުރަނީ ކުރީގެ ދުވަސްވީ އާލާތްތަކަށް ކަމަށް މާހިރުން ބުނޭ ---

އެމެރިކާގެ ސައިބާ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗާ ސެކިއުރިޓީ އެޖެންސީ (ސީއައިއެސްއޭ) އިން، އެ ގައުމުގެ ފެޑަރަލް ސަރުކާރުގެ އިދާރާތަކުގައި ބޭނުންކުރާ، އުފައްދާ ކުންފުނިތަކުން ސަޕޯޓް ދިނުން ހުއްޓާލާފައިވާ ބޯދާ (ދުވަސްވީ) ނެޓްވޯކް ސާމާނުތައް ނައްތާލުމަށް އަމުރުކޮށްފިއެވެ.

"ބައިންޑިން އޮޕަރޭޝަނަލް ޑައިރެކްޓިވް 26-02" ގެ ނަމުގައި ނެރުނު މި އަމުރަކީ، ސަރުކާރުގެ ނެޓްވޯކްތަކުގެ ރައްކާތެރިކަން ވަރުގަދަކުރުމަށްޓަކައި އެޅި ހަރުކަށި ފިޔަވަޅެކެވެ. ސީއައިއެސްއޭ އިން ފާހަގަކުރާ ގޮތުގައި، ހެކަރުން ގިނަ ފަހަރަށް ސަރުކާރުގެ ސިސްޓަމްތަކަށް ވަންނަނީ ވަގަށް ނަގާފައިވާ ޕާސްވޯޑްތައް ބޭނުންކުރުމުގެ ބަދަލުގައި، މުއްދަތު ހަމަވެފައިވާ ރައުޓަރުތަކާއި ފަޔަވޯލްތަކުގައި ހުންނަ ސެކިއުރިޓީ ގެޕްސް ތަކުގެ ބޭނުން ހިފައިގެންނެވެ.

މި އާ އަމުރުގެ ދަށުން އަމާޒުކޮށްފައިވަނީ ނެޓްވޯކްތަކުގެ ބޭރު ފަށަލައިގައި ބޭނުންކުރާ ރައުޓަރުތަކާއި، ވީޕީއެން ގޭޓްވޭތަކާއި، ފަޔަވޯލްތަކުގެ އިތުރުން ސްވިޗްތަކަށެވެ. މިއީ ނެޓްވޯކަށް ވަންނަ އަދި ނުކުންނަ ޓްރެފިކް ކޮންޓްރޯލްކުރާ ވަސީލަތްތަކަށް ވާއިރު، މިތަކެއްޗަށް ސެކިއުރިޓީ އަޕްޑޭޓް ނުލިބޭ ނަމަ، ހެކަރުންނަށް މުޅި ނެޓްވޯކްގެ ކޮންޓްރޯލް ހޯދުމަށް ފަސޭހަ މަގަކަށް މިތަކެތި ވެގެންދެއެވެ.

ސަރުކާރުގެ އިދާރާތަކުގެ އިތުރުން އަމިއްލަތަންތާންގައި ހުރި މިފަދަ ދުވަސްވީ ސާމާނު ނައްތާލުމަށް އެމެރިކާ ސަރުކާރުން އިލްތިމާސްކުރޭ ---

އާ އުސޫލުގެ ދަށުން ސަރުކާރުގެ އިދާރާތަކަށް ވަނީ މަސައްކަތްތައް ނިންމަންޖެހޭ ސުންގަޑިތަކެއް ކަނޑައަޅާފައެވެ. އެގޮތުން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ކޮންމެ އިދާރާއަކުން ވެސް ބޭނުންކުރާ ނެޓްވޯކް ސާމާނުތަކުގެ އިންވެންޓްރީއެއް ތައްޔާރުކޮށް، އޭގެ ތެރެއިން މުއްދަތު ހަމަވެފައިވާ ތަކެތި ދެނެގަންނަން ޖެހެއެވެ. އަދި އެއް އަހަރު ދުވަހުގެ ތެރޭގައި އެފަދަ ތަކެތި ބަދަލުކޮށް، 18 މަސް ދުވަހުގެ ތެރޭގައި މުއްދަތު ހަމަވެފައިވާ ހުރިހާ ވަސީލަތްތަކެއް ސަރުކާރުގެ ނެޓްވޯކްތަކުން އެއްކޮށް ނައްތާލަން ޖެހެއެވެ.

ސީއައިއެސްއޭ ގެ އެކްޓިން ޑައިރެކްޓަރު މަދޫ ގޮއްޓުމުއްކަލާ ވިދާޅުވި ގޮތުގައި، މި ފިޔަވަޅަކީ ވަރަށް ކުރިން ވެސް އަޅަންޖެހިފައިވާ، ނަމަވެސް ކޮންމެހެން ބޭނުންތެރި ފިޔަވަޅެކެވެ. މުއްދަތު ހަމަވެފައިވާ އާލާތްތައް ބޭނުންކޮށްގެން ހެކަރުން ނެޓްވޯކްތަކަށް ވަދެ، ސިއްރު މައުލޫމާތު ވަގަށް ނެގުމާއި މުހިންމު މަސައްކަތްތަކަށް ހުރަސްއަޅާ މައްސަލަ ފާއިތުވި އަހަރުތަކުގައި ވަނީ އިތުރުވެފައެވެ.

އެ އެޖެންސީގެ އެގްޒެކެޓިވް އެސިސްޓަންޓް ޑައިރެކްޓަރު ނިކް އެންޑަސަން ފާހަގަކުރެއްވި ގޮތުގައި، ބޭރު ގައުމުތަކުގެ ސަރުކާރުތަކުގެ އެހީތެރިކަމާއެކު ހަރަކާތްތެރިވާ ހެކަރުންނާއި، ފައިސާ ހޯދުމަށް މަސައްކަތްކުރާ ގްރޫޕްތަކުން މިފަދަ ބޯދާ ސާމާނުތަކަށް އަމާޒުކުރަނީ އޭގެ ފާމްވެއާގައި ހުންނަ މައްސަލަތައް އިސްލާހު ނުކުރެވޭނެތީއެވެ. މިސާލެއްގެ ގޮތުން 2025 ވަނަ އަހަރު ޗައިނާއާ ގުޅުންހުރި ގްރޫޕަކުން ހިންގި ޖާސޫސީ ހަރަކާތްތަކެއްގައި ވެސް މިފަދަ ބޯދާ ނެޓްވޯކް ސާމާނު ބޭނުންކޮށްފައިވާކަން އެ އެޖެންސީން ވަނީ ހާމަކޮށްފައެވެ.

މި އަމުރާ ޚިލާފުވާ އިދާރާތަކަށް ސީދާ މާލީ ނުވަތަ ގާނޫނީ އަދަބެއް ކަނޑައަޅާފައި ނެތް ނަމަވެސް، ސީއައިއެސްއޭ އާއި އޮފީސް އޮފް މެނޭޖްމަންޓް އެންޑް ބަޖެޓުން ދާނީ އިދާރާތަކުން މި މަސައްކަތުގައި ކުރިއަށްދާ މިންވަރު ގާތުން ބަލައި އެ މައުލޫމާތު އާންމުކުރަމުންނެވެ. އާންމު ގޮތެއްގައި މިފަދަ އަމުރުތަކަށް ސަރުކާރުގެ އިދާރާތަކުން ބޮޑު އިސްކަމެއް ދެއެވެ.

މި މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ސީއައިއެސްއޭ އިން ވަނީ ސަރުކާރުގެ އިދާރާތަކުގައި އާންމުކޮށް ބޭނުންކުރާ އާލާތްތަކުގެ ތެރެއިން މުއްދަތު ހަމަވެފައިވާ ތަކެތީގެ ޚާއްސަ ލިސްޓެއް އެކުލަވާލާފައެވެ. ނަމަވެސް، މި ލިސްޓު ހެކަރުންނަށް އަމާޒުތަކެއް ދެއްކުމަށް ބޭނުންކުރެވިދާނެތީ، އެ ލިސްޓު އާންމުކޮށް ހާމައެއް ނުކުރާނެއެވެ.

ސަރުކާރުގެ ނޫން އެހެން އިދާރާތަކާއި، ސްޓޭޓް އަދި ލޯކަލް ގަވަމަންޓްތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ވެސް ސީއައިއެސްއޭ އިން އިލްތިމާސްކުރަނީ، އެ ތަންތަނުގައި ބޭނުންކުރާ ނެޓްވޯކް ސާމާނުތަކަށް އުފެއްދި ކުންފުނިތަކުން އަދިވެސް ސަޕޯޓް ދޭތޯ ބަލައި، މުއްދަތު ހަމަވެފައިވާ ތަކެތި ބަދަލުކުރުމަށެވެ.

comment ކޮމެންޓް