ނޮބެލް އިނާމު ލިބިފައިވާ އީރާނުގެ ނަރްގޭސް އަށް އިތުރު ހަތް އަަހަރުގެ ޖަލު ހުކުމެއް

ނޮބެލް ސުލްހައގެ އިނާމު ލިބިފައިވާ އީރާނުގެ ނަރްގޭސް. ފޮޓޯ/އޭއެފްޕީ

އީރާނުގެ އިންސާނީ ހައްގުތަކާ ބެހޭ އެކްޓިވިސްޓް އަދި 2023 ވަނަ އަހަރުގެ ނޮބެލް ސުލްހައިގެ އިނާމު ހޯދި ނަރްގޭސް މުހައްމަދަށް ހަތް އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.

އެއްވެ ޖަރީމާ ހިންގުމުގެ ކުށުގައި އިއްވި ހަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށް އުމުރުން 53 އަހަރުގެ ނަރްގޭސް މިހާރު ވެސް ހުންނެވީ ޖަލުގައެވެ.

އަދި ޕްރޮޕެގެންޑާ ހަރަކާތެއްގެ ކުށުގައި އެއް އަހަރާއި ބައިގެ ޖަލު ހުކުމެއް ވެސް އިއްވާފައިވާއިރު، އީރާނުގެ އިރުމަތީ ޚުރާސާން ޕްރޮވިންސްގެ ޚޮސްފް ސިޓީއަށް ދެ އަހަރަށް އަރުވާލުމަށް ވެސް ހުކުމްކޮށްފައިވާ ކަމަށް ވަކީލު ވިދާޅުވިއެވެ.

ގައުމުން ބޭރަށް ދިއުން ދެ އަހަރު ދުވަހުގެ މުއްދަތަށް މަނާކޮށްފައިވާ ކަމަށް ވެސް ފަންޑޭޝަނުން ނެރުނު ބަޔާނުގައިވެއެވެ.

މީގެ ތިން ދުވަސް ކުރިން ސިއްހީ ހާލު ދެރަވެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ސިއްހީ މައްސަލަތަކާ ގުޅިގެން ވަގުތީ ގޮތުން ފަރުވާ ހޯދުމަށް ކަފާލާތުގެ ދަށުން ދޫކޮށްލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވަކީލު ހާމަކޮށްފައިވެއެވެ.

ހޮނިހިރު ދުވަހު އިއްވި ހުކުމް އިސްތިއުނާފް ކުރެވޭނެ ކަމަށް ވަކީ ވަނީ ވިދާޅުވެފައެވެ.

ޖަލުގެ ޝަރުތުތަކާއި ވަކީލުންނާއި އާއިލާއަށް ފޯނު ނުކުރެވުމުން މުޒާހަރާ ކުރުމަށް މި މަހުގެ ދެވަނަ ދުވަހު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ނަރްގޭސް ވަނީ ފަށާފައެވެ.

ނަރުގޭސް އަކީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް ކުރިއެރުވުމަށް ކުރި މަސައްކަތުގެ ސަބަބުން ނޮބެލް ސުލްހައިގެ އިނާމު ލިބުނު އީރާނުގެ ދެވަނަ އަންހެން ބޭފުޅާއެވެ.

މަޝްހޫރު ލިޔުންތެރިއެއް އަދި ނޫސްވެރިއެއް ކަމަށްވާ ނަރްގޭސް އަކީ ސިޔާސީ ގައިދީން ދިފާއުކޮށް އީރާނުގައި އިންސާނީ ހައްގުތަކުގެ ފުޅާ އިސްލާހުތައް ކުރިއެރުވުމަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުން އަންނަ ޚާއްސަ ޖަމިއްޔާއެއް ކަމަށްވާ ޑިފެންޑާސް އޮފް ހިއުމަން ރައިޓްސް ސެންޓާ (ޑީއެޗްއާރުސީ) ގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު އަދާކުރައްވާ ބޭފުޅެކެވެ. ޖިންސީ ހަމަހަމަކަމާއި މަރުގެ އަދަބާއި ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދަ ކެމްޕޭންތަކެއް ކުރައްވާ ބޭފުޅެކެެވެ.

ނަރްގޭސް ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ގާނޫނީ ވަކީލު ޚުސްރޯ އަލީކޯދީގެ ޝައްކު ކުރެވޭ މަރުގެ މައްސަލަ ކުށްވެރި ކުރުމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް