ވީވޯ އިން ދެން އެންމެ އަވަހަށް ބާޒާރަށް ނެރޭނެ ކަމަށް ބެލެވޭ "އެކްސް 300 އަލްޓްރާ" ފޯނުގައި 200 މެގަޕިކްސަލްގެ ދެ ކެމެރާ ހިމެނޭނެކަން ހާމަވެއްޖެއެވެ.
އެކްސް ގައި 'ޓެކް ހޯމް' އިން ލީކުކޮށްލި މި ފޯނުގެ ފުލް ސްޕެކް ޝީޓަށް ބަލާއިރު، މިއީ މިހާތަނަށް ސްމާޓްފޯނެއްގައި ހިމަނާނެ އެންމެ ވަރުގަދަ ކެމެރާ ސެޓަޕް ފެންނާނެ އެއް ފޯނަށް ވާނެއެވެ.
މި ފޯނުގެ މައި ކެމެރާގެ އިތުރުން، ޕެރިސްކޯޕް ޓެލެފޮޓޯ ކެމެރާގައިވެސް ވީވޯ އިން ބޭނުންކޮށްފައިވަނީ 200 މެގަޕިކްސަލްގެ ސެންސަރެކެވެ. މިއީ އާންމުކޮށް ފޯނުތަކުގެ ޓެލެފޮޓޯ ކެމެރާތަކުން ފެންނަ 50 ނުވަތަ 64 މެގަޕިކްސަލަށްވުރެ މާ މަތީ އަދަދެކެވެ. މީގެ އިތުރުން 50 މެގަޕިކްސަލްގެ އަލްޓްރާވައިޑް ކެމެރާއަކާއި، 50 މެގަޕިކްސަލްގެ ސެލްފީ ކެމެރާއެއް މި ފޯނުގައި ހިމެނެއެވެ. މި ހުރިހާ ލެންސްތަކެއްވެސް އުފައްދާފައިވަނީ މަޝްހޫރު 'ޒައިސް' އާ ގުޅިގެންނެވެ.
ފޯނުގެ އެތެރޭގެ ހިންގުމަށް ބަލާއިރު، މީގައި ބޭނުންކޮށްފައިވަނީ ކުއަލްކޮމްގެ އެންމެ ފަހުގެ "ސްނެޕްޑްރެގަން 8 އެލީޓް" ޕްރޮސެސަރެވެ. ފޯނުގެ ސްކްރީނަކީ 2ކޭ ރިޒޮލިއުޝަންގެ އެލްޓީޕީއޯ ފްލެޓް ޕެނަލެކެވެ.
ފަހަކަށް އައިސް ގިނަ ފްލެގްޝިޕް ފޯނުތަކުން ފެންނަ ކާވްޑް އެޖްތަކުގެ ބަދަލުގައި، ވީވޯ އިން މިފަހަރު އިޚްތިޔާރުކޮށްފައިވަނީ ފްލެޓް ސްކްރީނެކެވެ.
އިތުރު ފީޗާސްތަކަށް ބަލާއިރު، މި ފޯނަކީ 100 ވޮޓްގެ ބާރުމިނުގައި ވަޔާ މެދުވެރިކޮށް ޗާޖުކުރެވޭނެ ފޯނެކެވެ. އަދި ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް 'ސެޓެލައިޓް ކަނެކްޓިވިޓީ' ނުވަތަ ސެޓެލައިޓް މެދުވެރިކޮށް މުވާސަލާތު ކުރުމުގެ ހިދުމަތްވެސް މި ފޯނުގައި ހިމެނޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

މި ފޯނުގެ ކެމެރާ ސިސްޓަމަކީ ތާޑް-ޕާޓީގެ ވަރުގަދަ ލެންސްތަކާއި އެކްސެސަރީޒްތައް ފަސޭހަކަމާއެކު ގުޅާލެވޭނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ސިސްޓަމެއް ---
މި ފޯނުގެ ބެޓެރީ ސައިޒާއި، ރޭމް އަދި ބާޒާރަށް ނެރޭނެ އަގާއި ތާރީޚެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ލީކުވެފައިވާ މި މައުލޫމާތުތަކަށް ބަލާއިރު، ވީވޯ އިން މި މަސައްކަތް ކުރަނީ ޕްރޮފެޝަނަލް ފޮޓޯގްރަފީއަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަ، ވަރުގަދަ ފޯނެއް ބާޒާރަށް ނެރުމަށެވެ.
މީގެ އިތުރުން، މި ފޯނުގެ ކެމެރާ ސިސްޓަމަކީ ތާޑް-ޕާޓީގެ ވަރުގަދަ ލެންސްތަކާއި އެކްސެސަރީޒްތައް ފަސޭހަކަމާއެކު ގުޅާލެވޭނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ސިސްޓަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަމުގެ ސަބަބުން، އާންމު ފޯނު ކެމެރާއަކުން ނުލިބޭ ފަދަ ފުރިހަމަ ކޮލިޓީއެއްގައި ފޮޓޯ ނެގުމުގެ ފުރުސަތު ޕްރޮފެޝަނަލް ފޮޓޯގްރަފަރުންނަށް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ވީވޯ އިން މި މަސައްކަތް ކުރަނީ ސްމާޓްފޯނެއް ބޭނުންކޮށްގެން ޕްރޮފެޝަނަލް ފެންވަރުގެ ފޮޓޯގްރަފީގެ އައު ދޮރުތަކެއް ހުޅުވައިދިނުމަށެވެ.