ތުއްތު ކުދީންނަށް ކާންދިނުމަށް ތައްޔާރުކޮށްފައިވާ "ބޭބީ ބަޔޯ" ފޯމިއުލާގެ ބައެއް ބެޗްތަކުން ވިހަ މާއްދާއެއް ފެނި އެ ނުވިއްކުމަށް އަންގައިފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ، ފަރަންސޭސި ވިލާތުގައި އުފައްދާފައިވާ "ބޭބީ ބަޔޯ" މަރުކާގެ އިންފެކްޓް ފޯމިއުލާގެ ބައެއް ބެޗްތަކުން، 'ސެރެއުލައިޑް' ނަމަކަށް ކިޔާ ވިހަ މާއްދާއެއް ފެނިފައި ވާކަމަށެވެ.
އެހެންކަމުން އެ އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކައި ނައްތާލުމަށް އެގައުމުގެ ކަމާބެހޭ އިދާރާއިން އަންގާފައި ވާކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން އާންމުކޮށްފައި ވާކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.
އެމްއެފްޑީއޭއިން ވަނީ، 'ސެރެއުލައިޑް' އަކީ ބެސިލަސް ސިރިއަސް ޖަރާސީމުން އުފައްދާ ވިހަ މާއްދާއެއް ކަމަށް ބުނެފައެވެ. އަދި އެ މާއްދާއިން ތަޢައްޔަރުވެފައިވާ އެއްޗެއް ބޭނުންކުރެވިއްޖެ ނަމަ މޭ ނުބައިކޮށް ހޮޑުލެވުމާއި ބަނޑުގައި ރިއްސުންފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.
އެ އޮތޯރެޓީއިން ވަނީ އެ ކަމުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެއާއި ގުޅުންހުރި ބައެއް އުފެއްދުންތައް ރާއްޖެ އެތެރެކުރުމުގެ އިތުރުން ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައެވެ.

އެމްއެފްޑީއޭއިން ރާއްޖެ އެތެރެކުރުމުގެ އިތުރުން ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވާ ފޯމިއުލާ -- ފޮޓޯ: އެމްއެފްޑީއޭ
ބޭހާއި ކާބޯތަކެތީގެ މިފަދަ މައްސަލަތައް އަންނަނީ ދޭތެރެއަކުން ފެންމަތިވަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ ލޭގައި ހުންނަ ހަކުރު ދަށްކުރަން ބޭނުންކުރާ ސެމަގްލޫޓައިޑް އަކީ ބަރުދަން ލުއިކުރާ ބޭހެއް ކަމަށް ބުނެ އިޝްތިހާރުކުރި މައްސަލައެއް ފެންމަތިވެފައެވެ.