އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގެ އެންމެ ވަރުގަދަ ކުންފުނި އޯޕަންއޭއައި އާއި އެޕަލްގެ ކުރީގެ މަޝްހޫރު ޑިޒައިނަރު ޖޯނީ އައިވް ގުޅިގެން އުފައްދާ އައު އާލާތްތަކުގެ ތެރޭގައި "އޭއައި ގަލަމެއް" ހިމެނޭކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި މަޝްރޫއާ ގުޅޭގޮތުން އޯޕަންއޭއައިގެ ސީއީއޯ ސޭމް އޮލްޓްމަން އާއި ޖޯނީ އައިވް މީގެ ކުރިން ބައެއް އިޝާރާތްތައް ދީފައިވީ ނަމަވެސް، މީގެ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެންމެ ފަހުގެ ލީކުތަކަށް ބަލާއިރު، މި މަޝްރޫއުގެ ދަށުން ތިން އާލާތެއް އުފެއްދުމަށް ދަނީ ތައްޔާރުވަމުންނެވެ. މީގެ ތެރޭގައި އޭއައި އިން ބާރުލިބޭ ގަލަމެއްގެ އިތުރުން، އޯޑިއޯ ޑިވައިސްއެއް ވެސް ހިމެނެއެވެ.
"ގަމްޑްރޮޕް"ގެ ކޯޑު ނަމުން ނަންދެވިފައިވާ މި މަޝްރޫއުގެ މަސައްކަތް މިހާރު އޮތީ ސަޕްލައި ޗެއިން މަރުހަލާގައި ކަމަށް މައުލޫމާތު ލިބެއެވެ. މިކަން ކަށަވަރުކޮށްދެމުން ޖޯނީ އައިވް ދާދި ފަހުން ބުނެފައިވަނީ، މި އާލާތުގެ ޕްރޮޓޯޓައިޕް (ނަމޫނާ) މިހާރު ނިމިފައިވާ ކަމަށާއި، ކުރިއަށް އޮތް ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި މިއީ ބާޒާރަށް ނެރެވޭނެ އެއްޗެއް ކަމަށެވެ.
މި އާލާތްތައް އުފެއްދުމަށް ފުރަތަމަ މަޝްވަރާ ކުރެވުނީ ޗައިނާގެ ލަކްސްޝެއާ ކުންފުންޏާ އެކުގައެވެ. ނަމަވެސް ޗައިނާގައި މިފަދަ އާލާތެއް އުފެއްދުމާ މެދު އޯޕަންއޭއައި އިން ޖެހިލުންވާތީ، މިހާރު މި މަސައްކަތް ވަނީ ވިއެޓްނާމްގައި ހުންނަ ފޮކްސްކޮން ކުންފުންޏަށް ބަދަލުކޮށްފައެވެ.
ފޮކްސްކޮން އަކީ އެޕަލްގެ އައިފޯން ފަދަ ތަކެތި ވެސް އުފައްދައިދޭ މައިގަނޑު ކުންފުންޏެވެ. މީގެ އިތުރުން، މުސްތަގުބަލުގައި މި އާލާތްތައް އެމެރިކާގައި އުފެއްދުމުގެ ފުރުސަތު ވެސް އޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސޭމް އޮލްޓްމަން މީގެ ކުރިން ބުނެފައިވާ ގޮތުގައި، މި އާލާތް ވެގެންދާނީ މެކްބުކް ޕްރޯ އާއި އައިފޯނަށް ފަހު މީހެއްގެ މޭޒުމަތީގައި އޮންނާނެ އެންމެ މުހިންމު ތިންވަނަ އާލާތަށެވެ.
މި އާލާތްތަކުގެ ފަންކްޝަންތަކާއި އޭގެ ބޭނުން ހިފޭނެ ގޮތްތަކުގެ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.