އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓްރޫތް ސޯޝަލް މީޑިއާގައި އެ ގައުމުގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް ރާމާމަކުނެއްގެ ގޮތުގައި ފެންނަ ގޮތަށް އެޑިޓްކޮށްފައިވާ ވީޑިއޯއާ ގުޅިގެން މައާފަށް އެދިވަޑަނުގަންނަވާ ކަމަށްް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯގައި އަޑުއިވެނީ، 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންނަށް އޮޅުވާލި ކަމަށް ބުނާ ވާހަކަތަކެެކެވެ. އެ ވީޑިއޯގައި އޮބާމާ އާއި މިޝޭލް ރާމާމަކުނު ގޮތަށް ދައްކާލަނީ ވީޑިއޯ ނިމޭ ހިސާބުގައި ދެތިން ސިކުންތަށެވެ.
އެ ވީޑިއޯ ފަހުން ވަނީ ޑިލީޓްކޮށްލާފައެވެ.
އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެއީ ސްޓާފަކު އޮޅިގެން ކުރި ޕޯސްޓެއް ކަމަށާއި ފެނިވަޑައިގަތީ ވީޑިއޯގެ އެއްބައި ކަމަށެވެ. އަދި އޭގައި އޮބާމާގެ ތަސްވީރު ހިމެނޭކަން އެގިވަޑައިނުގަންނަވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
"އަޅުގަނޑު ގޯހެއް ނަހަަދަން." ޕާމް ބީޗަށް ވަޑައިގެންނެވުމަށް އެއާ ފޯސް ވަންގައި ހުންނަވައި ނޫސްވެރިންނަށް ޓްރަމްޕް ވިދާޅުވިއެވެ.
މުވައްޒަފަކަށް އޮޅިގެން ކުރެވުނު ޕޯސްޓެއް ކަމަށް ބުނެފައި ނަމަވެސް ވައިޓް ހައުސްއިން ކުރިން ވަނީ އެ ޕޯސްޓު ދިފާއުކޮށް ވާހަކަ ދައްކާފައެވެ. އޭރު ބުނީ އެއީ އިންޓަނެޓްގައި ދައުރުވާ ވީޑިއޯއެއް ކަމަށާއި މީޑިއާއިން އެކަން މާ ބޮޑުކޮށްލައިގެން އުޅެނީ ކަމަށެވެ.
އެ ވީޑިއޯ ޕޯސްޓްކުރުމާ ގުޅިގެން ފާޑިކިޔުންތައް އަމާޒުވެފައިވާއިރު، ޓްރަމްޕްގެ އަމިއްލަފުޅު ޕާޓީން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ވީޑިއޯ ޑިލީޓް ކުރުމުންވެސް ފާޑުކިޔުންތަކަށް ހުއްޓުމެއް އައިސްފައެއްނުވެއެވެ.
އޮބާމާއަކީ އަސްލު ކެންޔާއަށް އުފަން ބޭފުޅެއް ކަމަށާއި އެހެންވެ އެމެރިކާގެ ރައީސް ކަމަށް ޝަރުތު ހަމަނުވާ ކަމަށް ޓްރަމްޕް މީގެކުރިން ވަނީ ވިދާޅުވެފައެވެ. އަދި 2020 ވަނަ އަހަރު، ޓްރަމްޕް ނާކާމިޔާބުވި އިންތިޚާބުގެ ނަތީޖާ އޮޅުވާލި ކަމަށް ތަކުރާރުކޮށް ތުހުމަތު ކުރައްވައެވެ.