ޝިއޯމީ ކުންފުނިން ނެެރުމަށް ތައްޔާރުވަމުން އަންނަ ޓީ-ސީރީޒްގެ އައު ފޯނުތައް ކަމަށްވާ "ޝިއޯމީ 17ޓީ" އަދި "ޝިއޯމީ 17ޓީ ޕްރޯ" ގެ މުހިންމު މައުލޫމާތުތަކެއް އިންޓަނެޓުގައި ލީކުވެއްޖެއެވެ.
މި ފޯނުތައް ސެޓިފިކޭޝަން ޕްލެޓްފޯމްތަކުން ފެނިފައިވާއިރު، އެންމެ ފަހުގެ ލީކުތަކުން "17ޓީ ޕްރޯ" ގެ ޗިޕްސެޓް، ބެޓެރި، ޗާޖިން ސްޕީޑް އަދި ފެނާއި ހިރަފުހުން ރައްކާތެރިކޮށްދޭ މިންވަރު ވަނީ ހާމަވެފައެވެ.
ޓެކްނޮލޮޖީ ޚަބަރުތައް ގެނެސްދޭ މަޝްހޫރު ފަރާތެއް ކަމަށްވާ "ޑިޖިޓަލް ޗެޓް ސްޓޭޝަން"އިން ވީބޯގައި ހާމަކޮށްފައިވާ ގޮތުގައި، ޝިއޯމީ 17ޓީ ޕްރޯގައި ބޭނުންކުރާނީ މީޑިއާޓެކްގެ ޑައިމެންސިޓީ 9500 ޗިޕްސެޓެކެވެ. މިއީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އަންނަ ވަރުގަދަ ޕްރޮސެސަރެކެވެ.
މި ފޯނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ އޭގެ ބެޓެރިއެވެ. ލީކުވެފައިވާ މައުލޫމާތުތައް ބުނާގޮތުން މި ފޯނުގައި 8،500 މިލީއެމްޕަޔާގެ ބިޔަ ބެޓެރިއެއް ހިމެނޭނެއެވެ. އަދި މި ބެޓެރި ޗާޖުކުރުމަށް 100 ވޮޓުގެ ވަޔާޑް ފާސްޓް ޗާޖިން ސަޕޯޓުކުރާނެކަމަށް ވެއެވެ.

މި ފޯނު ލޯންޗުކުރުން އެކަށީގެންވަނީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ---
ފޯނުގެ ބިލްޑް ކޮލިޓީއަށް ބަލާއިރު، ފެނާއި ހިރަފުހުން ރައްކާތެރިވުމަށް އައިޕީ68 އަދި އައިޕީ69 ގެ ރޭޓިން ލިބިފައިވާކަމަށް ވެއެވެ. މީގެ އިތުރުން އެކްސް-އެކްސިސް ލީނިއާ މޯޓަރަކާއި، ޑުއަލް ސިމެޓްރިކަލް ސްޓީރިއޯ ސްޕީކަރުގެ އިތުރުން 3ޑީ އަލްޓްރާސޮނިކް ފިންގަޕްރިންޓް ސެންސަރެއް ވެސް މި ފޯނުގައި ހިމެނޭނެއެވެ. އަދި ހައި-ރިފްރެޝް ރޭޓް ޑިސްޕްލޭއަކާއި ފޯނު ފިނިކުރުމަށްޓަކައި ހަދާފައިވާ ފޭންތަކެއް ވެސް ހިމެނިދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އައިއެމްއީއައި ޑޭޓާބޭސްއިން ދައްކާގޮތުގައި މި މަހު މި ފޯނު ލޯންޗުކުރުން އެކަށީގެންވެއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނެރުނު "ޝިއޯމީ 15ޓީ ޕްރޯ" އާ އަޅާބަލާއިރު އައު ފޯނަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ. 15ޓީ ޕްރޯގައި ހުރީ 5،500 އެމްއޭއެޗްގެ ބެޓެރިއަކާއި، ޑައިމެންސިޓީ 9400 ޕްލަސް ޗިޕްސެޓެކެވެ. އެހެންކަމުން 17ޓީ ޕްރޯ ވާނީ ބެޓެރި އާއި ޕާފޯމަންސްގެ ގޮތުން ބޮޑު ކުރިއެރުމަކަށެވެ.