ފުލެޓު ހޯދަން ވަރިވާނެ ކަމުގެ ތުހުމަތަށް މުއްތަލިބު: ވަކި ބަޔެއްގެ ނިޔަތް ލަފާކޮށް، ސިޔާސަތު ބަދަލުކޮށްގެން ނުވާނެ

ރައީސް މުއިއްޒާއި ހައުސިން މިނިސްޓަރު މުއްތަލިބް --- ފޮޓޯ/ ހައުސިން މިނިސްޓްރީ

މާލޭ ސަރަަހައްދުގައި އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަ ފުލެޓެއް ކުރިމަތިނުލެވޭތީ، ފުލެޓު ހޯދަން މީހުން ވަރިވާނެ ކަމަށް ބުނެ ބައެއް މީހުން ކުރާ ތުހުމަތަށް، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ރައްދު ދެއްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަމުން ވަނީ، ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު އެންމެންނަށް ފަހިކޮށްދިނުމުގެ ގޮތުން، އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް، ގޯއްޗަށް އެދި ކުރިމަތިލުމަށް ވަކި ކެޓަގަރީއެއް ހަދަން ނިންމައިފައިވާކަން އިއުލާނުކުރައްވާފައެވެ.

https://sun.mv/217602

ދެވަނަ ކަމަކަށް އެ މަނިކުފާނު ވަނީ، ބިންވެރިޔާ ސްކީމުގެ ދަށުން، ގޯތި ލިބުނު މީހުންގެ ތެރެއިން ޖޮއިންޓުކޮށް، ގޯތި ލިބިފައިވާނަމަ، އެ ހުރިހާ އެންމެން ގޯތި ދޫކޮށްލަން އެއްބަސްވާނަމަ، ގޯތި ލިބުނު ކޮންމެ މީހަކަށް ވަކިން ގޯއްޗެއް ލިބޭ ގޮތަށް ވަކި ކެޓެގަރީއަކަށް ހުޅުވާނެ ކަމަށެވެ.

ގޯތިތަކާ މީހުން ހަވާލުވަނީ--- ފޮޓޯ/ ހައުސިން މިނިސްޓްރީ

މިނިސްޓަރު މުއްތަލިބް ވަނީ އެ މަޝްރޫއުތަކާ ގުޅޭ ގޮތުން، ލިންކްޑްއިންގައި ތަފުސީލީ މައުލޫމާތުތަކެއް ކިޔައިދެއްވާފައެވެ. މިގޮތުން، އެ ދެ ސްކީމަކީ ބޯހިޔާވަހިކަމުގައި ޒަމާންވީ ދަތިތަކަށް ހައްލު ހޯދައިދޭނެ ގޮތަށް ފަރުމާކޮށްފައިވާ ސްކީމްތައްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އަނބިމީހާ ނުވަތަ ފިރިމީހާގެ ފުލެޓެއް ނުވަތަ ގޯއްޗެއް އޮތަސް، އެ މީހަކަށް ގޯއްޗަށް އެދެވޭނެ ގޮތް ހަދަން ނިންމީ، ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް އިސްކަންދޭ އުސޫލަށް ބަދަލެއް ގެނައުމަށް ނެތި ކަމަށެވެ. އަދި މި ސްކީމަކީ، ކައިވެނިކޮށްގެން ތިބި މީހުންނަށް ވެސް ދިގު މުއްދަތަކަށް ބަލާއިރު ބޯހިޔާވަހިކަން ކަށަވަރު ކުރުމުގެ ފުރުސަތު ދިނުމަށް ތައާރަފު ކުރި ކެޓެގަރީއެއް ކަމަށް މުއްތަލިބް ލިޔުއްވާފައިވެއެވެ.

ގޯތި ހޯދަން ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅުމަށް އަލިއަޅުއްވާލައްވައި އޭނާ ވިދާޅުވި ގޮތުގައި، ބިމާ ގުޅޭ މައްސަލަތަކުގައި ގާނޫނީ އޮޅުންބޮޅުންތަކާއި އިޖުތިމާއީ ނުތަވަސްކަން އުފެދެއެވެ. އަދި، ތަނަވަސްކަމުގެ ތަފާތުކަމާއި ކައިވެނީގެ މައްސަލަތަކާއި ޚިޔާލު ތަފާތުވުން ތަކާ ހެދި، ގިނަ ބަޔަކަށް ލިބިފައި އޮންނަ ބިމުގައި އިމާރާތްކޮށްގެން ބޭނުންކުރުމަށް ދަތިތައް ދިމާވާކަން ފާހަގަކުރެއްވިއެވެ.

އެހެންވެ، މި ސަރުކާރުން ވަކިވަކިން ގޯތި ލިބޭނެ ގޮތް ހަދައިދިނުމަކީ، އެފަދަ މައްސަލަތައް ކުޑަކޮށްދޭނެ ކަމެއް ކަމަށް މިނިސްޓަރު ގަބޫލުކުރައްވައެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް-- ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރު ވަނީ، ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ސްކީމާ ގުޅޭ ގޮތުން އޮތް އާންމުންގެ އެއް ކަންބޮޑުވުމަކީ، ކައިވެނި ރޫޅުމާއި ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާ ގޮތްތައް ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން، ބޯހިޔާވަހިކަން ހޯދުމުގެ މަގުސަދުގައި ދެމަފިރިން ވަކިވާ ކަމަށް ބުނެ، ތުހުމަތުތައް ކުރެވޭކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އެ ތުހުމަތުތަކާ ގުޅުވައި މުއްތަލިބު ވިދާޅުވީ، ވަކި ބަޔެއްގެ އަމިއްލަ ނިޔަތަށް ބަލައި، އާންމު ބޯހިޔާވަހިކަމުގެ ސިޔާސަތެއް ކަނޑަނޭޅޭނެ ކަމަށެވެ. ކައިވެންޏާއި ވަރިއަކީ ވަރަށް ސީރިއަސް ކަމެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެއީ އެއްވެސް ސިޔާސަތަކުން ނުވަތަ އެޕްލިކޭޝަން މަރުހަލާއަކުން ވަކި ގޮތަކަށް އެއްބަސްކުރުވައިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ، ބޯހިޔާވަހިކަމަށް އެންމެ ބޭނުންވެފައިވާ އާއިލާތަކަށް އެހީވެދިނުން ކަމަށެވެ.

އެހެންވެ، އެ ޕްރޮގްރާމުން، އެއްވެސް ފުލެޓެއް ނުވަތަ ގޯއްޗެއް ނެތް އާއިލާތަކަށް އިސްކަންދޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެއީ އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް މީހުންނާއި ވަރިވުމުގެ ސަބަބުން އެ ހާލަތު ބަދަލުވުމުގެ ފުރުސަތު އޮތް މީހުންގެ ހާލަތު ބަލައިނުގަތުން ނޫން ކަމަށް މުއްތަލިބު ވިދާޅުވިއެވެ. ނަމަވެސް އެއީ، ވަސީލަތްތައް ލިބެން ހުރީ ވަކި މިންވަރަކަށްކަން ދެނެގަނެ، އެކި މީހުންގެ ހާލަތަށް ރިއާޔަތްކޮށް ފުރުސަތު ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ، ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ނަހަމަ ގޮތެއްގައި ބޭނުންކުރުމުގެ ތުހުމަތުތައް އޮތުމަކީ، އޮޅުވާލުމެއް ނެތި، ތެދުވެރިކަމާއެކު ބޯހިޔާވަހިކަމަށް އެދޭ މީހުންނަށް ފުރުސަތު ގެއްލުމުގެ ޖާގައެއް އޮންނަންވީ ސަބަބެއް ނޫން ކަމަށެވެ. އަދި އެއީ ސިޔާސަތު ބަދަލު ކުރަން ޖެހޭ ސަބަބެއް ވެސް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ، ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަން ކުރަން ޖެހޭނީ، މުސްތަގުބަލުގައި ވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަކަށް ވުރެ، އޭރެއްގެ ހަގީގަތާއި ކަށަވަރު ކުރެވޭ ހާލަތަށް ބަލައިގެން ކަމަށެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވިއިރު، ބޯހިޔާވަހިކަމަކީ މާލެ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ.މި ސަރަހައްދުގައި ގިނަ ބަޔަކު ދިރިއުޅެނީ، ބޮޑު ކުލި ދައްކައިގެން ކުއްޔަށެވެ.

ރާއްޖޭގައި ދަރިން ހޯދާ ނިސްބަތް ވެސް ދަށްވެ، ދޮށީ އާބާދީއަކަށް މިސްރާބު ޖަހާފައިވާއިރު ދިވެހީން ގިނަ ދަރީން ނުހޯދާ އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ވެސް ބޯހިޔާވަހިކަމާއި މާލީ ނުތަނަވަސްކަން ހިމެނޭ ކަމަށް ސާވޭތަކުން ދައްކައެވެ.

comment ކޮމެންޓް