ކުދި ވިޔަފާރިތަކަށް ސަރުކާރުން 15 ދުވަސްތެރޭ ފައިސާ ދައްކާގޮތަށް ހަދާނަން: މިނިސްޓަރު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: --- ފޮޓޯ: މަޖިލިސް

ރާއްޖޭގައި ހިންގާ ކުދި ވިޔަފާރިތަކަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާ 15 ދުވަހުގެ ތެރޭގައި ދައްކައި ނިންމުމަކީ މިހާރުގެ އަމާޒެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާ ދީފައި ނުވުމުގެ ސަބަބުން އެތައް ވިޔަފާރިއެއް ހުއްޓޭ ހިސާބަށް މި ފަހުން ކަންކަން ވަނީ ގޮސްފައެވެ. އެ ފައިސާ އެއްކޮށް ދައްކައި ނިންމާނެ ކަމަށް ސަރުކާރުން އެކި ތާރީހުތައް ދިން ނަމަވެސް މިހާތަނަށް އޮތީ އެކަން ނުވެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ދެއްވި ރިޔާސީ ބަޔާނާ ގުޅޭގޮތުން, ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ, އެ ވިޔަފާރިތަކުން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަަކަށް ދީފައިވާ ހިދުމަތާއި ފޯރުކޮށްދީފައިވާ ތަކެއްޗަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ އޮތްއޮތުން ކަމަށެވެ.

https://www.sun.mv/217606

އެ މައްސަލައަށް އަވަސް ހައްލެއް ބޭނުންވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މިހާރު އެ މިނިސްޓްރީގެ އަމާޒަކީ ކުދި ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާ, 15 ދުވަސް ތެރޭގައި ދީ ނިންމުން ކަމަށެވެ.

"ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މާލީ ގޮތުން ކުރިއެރުވުމަށް މިދިޔަ އަހަރުގެ ތެރޭގައިވެސް އެ ވިޔަފާރިތަކަށް ފައިސާ ދޫކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާނެ. ސަރުކާރުން ރާއްޖޭގެ ވިޔަފާރިތަކުގެ ބިލުތަކަށް މިދިޔަ އަހަރު 6.3 ބިލިޔަން ރުފިޔާ ދައްކާފައިވާނެ. ބޭރުގެ ވިޔަފާރިތަކުގެ 1.5 ބިލިޔަން ރުފިޔާގެ ބިލަށް ފިނޭންސް މިނިސްޓްރީން ވެސް ދައްކާފައިވާނެ," ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވިޔަފާރިތަކަށް ނުދައްކާ ގިނަ ދުވަސްތަކެއް ވެފައިވާ ބިލްތައް ދެއްކުމަށް މިދިޔަ އަހަރު 882 މިލިއަން ރުފިޔާ ދޫކޮށްފައިވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުންފުނިތަކަށް ނުދައްކާ ހުރި ފައިސާގެ ތެރެއިން 1.3 ބިލިއަން ރުފިޔާ މިހާތަނަށް ދައްކާފައިވާއިރު މިދިޔަ މަހުގެ 21ގެ ނިޔަލަށް ނުދެއްކި ހުރި އަދަދަކީ 791 މިލިއަން ރުފިޔާ ކަމަށެވެ.

https://www.sun.mv/217595

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ފޯރުދެއްވާނެކަން އިއްޔެ ވެސް ރައީސް ވަނީ އިއުލާން ކުރައްވައިފައެވެ. އެގޮތުން އެފަދަ ވިޔަފާރިތަކަށް ކުއްޔާއި ޓެކްސްއިން ލުއި ލިބޭނެ ގޮތަށް އައްޑޫ ސިޓީ ޚާއްސަކޮށް, އެ ސިޓީއަކީ އައިޓީ ހަބަކަށް ބަދަލު ކުރައްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.

ހަމަ އެހެންމެ, ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ފަސް މިލިއަން ރުފިޔާއަށް ވުރެ އަގު ދަށް ޕްރޮކިއުމަންޓުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިމެނޭނަމަ، އެ ކުންފުނިތަކަށް އިސްކަންދޭންޖެހޭ ގޮތަށް، ދައުލަތުގެ ޕްރޮކިއުމަންޓުގައި ވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަން ދިނުމާބެހޭ އުސޫލު މިދިޔަ ހަފުތާގައި ވަނީ އިސްލާހުކޮށްފިއެވެ.

comment ކޮމެންޓް