ޑޮލަރު ބަހަން 10 ރިސޯޓުން ފައިދާ ނެރޭނެ ގޮތެއް ނެތް، މި ރިޔާސީ ބަޔާނަކީ އޮއްޓަރެއް ނެތް ހާސަރެއް: ފައިސަލް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް: ޑޮލަރު ބަހަން 10 ރިސޯޓުން ފައިދާ ނެރޭނެ ގޮތެއް ނެތް، މި ރިޔާސީ ބަޔާނަކީ އޮއްޓަރެއް ނެތް ހާސަރެއް ކަމަށް ވިދާޅުވެފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަހަރު އިއްވެވި ރިޔާސީ ބަޔާނަކީ އެއްވެސް އޮއްޓަރެއް ނެތް "ހާސަރެއް" ކަމަށް ސިފަކުރައްވައި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ފައިސަލް ނަސީމް އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ އާބާދީ ފަސްލައްކައަށްވުރެ މަތިވާނެކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، ކޮންމެ މީހަކަށް 400 ޑޮލަރު ބަހަން ޖުމްލަ 200 މިލިއަން ޑޮލަރު 10 ރިސޯޓުން ފައިދާގެ ގޮތުގައި ނެރޭނެ ގޮތެއް އެއްވެސް ހިސާބަކުން ނުފެންނަ ކަމަށެވެ.

ފައިސަލް ފާހަގަކުރެއްވި ގޮތުގައި، މާލޭ ކައިރީގައި 150 ކޮޓަރީގެ ފަސް ތަރީގެ ރިސޯޓެއް ހެދުމަށް މިހާރުގެ މާކެޓް އަގުތަކަށް ބަލާއިރު ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ބޭނުންވެއެވެ. އެހެންކަމުން 10 ރިސޯޓު ހަދަން 800 މިލިއަނެއްހައި ޑޮލަރު ބޭނުންވާނެ ކަމަށާއި، ސޯޝަލް ހައުސިންއަށް ވެސް ފައިސާ ނުހޯދިގެން އުޅޭ ދަނޑިވަޅެއްގައި ސަރުކާރުން މިފަދަ ބޮޑު އަދަދެއް ހޯދާނެ ގޮތެއް ނުވިސްނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޤްތިޞާދީ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ފައިސަލް ވިދާޅުވީ، 500 ޑޮލަރަށް ކޮޓަރިއެއް ވިއްކައިގެން، 65 އިންސައްތަ އޮކިއުޕަންސީގައި ލިބޭނީ ގިނަވެގެން 17 އާއި 20 މިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެއް ކަމަށެވެ. އަދި ޓެކުހާއި މުސާރަ އަދި ހިންގުމުގެ ޚަރަދު ކަނޑާފައި ލޯނު ދެއްކުމަށް އެތައް އަހަރެއް ނަގާނެ ކަމަށާއި، ސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތަށް ވަދެގެން ކުރި ކޮންމެ މަސައްކަތަކުން މިހާތަނަށް ލިބިފައިވަނީ ބޮޑެތި ގެއްލުންތައް ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ވައުދުތަކަށް ފާޑުވިދާޅުވަމުން ފައިސަލް ވަނީ ބިއްލޫރި ޓަނަލް އާއި، އައްޑޫ ބްރިޖާއި، ބަންކަރިން އަދި ޑިވެލޮޕްމަންޓް ބޭންކު ފަދަ މަޝްރޫއުތަކަށް ވީގޮތާ މެދު ސުވާލު އުފައްދަވާފައެވެ. އަދި ގއ. ވިލިނގިއްޔާއި ގދ. ތިނަދޫގައި ހަދާނެކަމަށް ވައުދުވެވަޑައިގެންނެވި އިންޓަނޭޝަނަލް އެއާޕޯޓުތަކުގެ ޚަބަރެއްނެތްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ތަންދޮރު އޮޅުން ނުފިލުވައި، ހަމަ ހިތަށް އެރި ކޮންމެ އެއްޗެއް ރިޔާސީ ބަޔާނުގައި ވިދާޅުވީމާ، ރައްޔިތުން ކުރިމަތީގައި އިތުބާރު ގެއްލި، ވެރިޔަކަށް ހުންނަ މީހަކު ވިދާޅުވާ އެއްވެސް އެއްޗަކަށް ސަމާލުކަމެއް ނުދޭނެ،" ފައިސަލް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ސަރުކާރުން ކުރަންވީ ކަމަކީ ބޭކާރު ޚަރަދުތައް ކުޑަކޮށް، ސިޔާސީ ވަޒީފާތައް އިތުރުކުރުން ހުއްޓާލައި، އިޤްތިޞާދު ރަނގަޅުކޮށް އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.

ރިޔާސީ ބަޔާނަކީ ރައްޔިތުންނަށް އުންމީދެއް ލިބޭ، ހަގީގީ ސިޔާސަތުތަކެއް ހާމަކުރާ އެއްޗަކަށް ވާންޖެހޭނެކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

https://sun.mv/217596

ކުރިއަށް އޮތް ތިން އަހަރު ތެރޭ މަދުވެގެން 10 ރިސޯޓު ސަރުކާރުން ތަރައްގީކޮށް، ދިވެހި ކޮންމެ ރައްޔިތަކު ހިއްސާދާރަކަށް ހަދައި، ބޭރު ފައިސާ އެކައުންޓަށް ޖަމާ ކުރަން ފައްޓަވާނެ ކަމަށް, މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެކަމަށް ރައްދުދެއްވަމުން ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުلله މައުސޫމް ވެސް ވަނީ، ސަރުކާރުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ވަނުމުން އެ ސިނާއަތް "ޚަރާބުވާނެ" ކަމަށާއި އެ ކަމުން އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ސަރުކާރުން ވަންނަކަން އިއުލާނުކުރިއިރު، ފައިދާވާ ގޮތަށް ސަރުކާރު ކުންފުންޏެއް ވެސް ނުހިންގޭ ކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފައެވެ.

comment ކޮމެންޓް