އޭޕްރީލް މަހު ސުކޫކު ދައްކާނީ ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަަވަރުވާ ގޮތަށް، އިންޓްރެސްޓް ރޭޓު ނުވަ ޕަސެންޓަށްވުރެ އިތުރުނުވާނެ: ރައީސް

ފިނޭންސް މިނިސްޓަރު ޒަމީރާއި ރައީސް މުއިއްޒު: ރައީސް ވިދާޅުވީ ސުކޫކުގެ އެއްބައި ދައްކާނީ އެސްޑީއެފުން ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

އަންނަ އޭޕްރިލް މަހު ރާއްޖޭން ދައްކަން ޖެހޭ ބައި ބިލިއަން ޑޮލަރުގެ ސުކޫކުގެ އެއްބައި ދެއްކުމަށްފަހު ސުކޫކު ރީފައިނޭންސްކުރާނީ ވޭތުވެދިޔަ ސަރުކާރުތަކާ ޚިލާފަށް، އިންޓްރެސްޓް ރޭޓު ނުވަ ޕަސެންޓަށް ވުރެ އިތުރުނުވާނެ ފަދަ ގޮތަކަށް ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރަށް އޮތް އެންމެ ބޮޑު މާލީ ނުތަނަވަސްކަމަކީ ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ސަރުކާރުން 2017ވަނަ އަހަރު ބައިނަލްއަގުވާމީ މާކެޓުން އޭރު ނެގި 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑު އަދާކުރުމަށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ނެގި ބައި ބިލިއަން ޑޮލަރުގެ ސުކޫކު އަނބުރާ ދައްކަން ޖެހުން ކަމަށެވެ.

ދެވަނައަށް ދިމާވި އެންމެ ބޮޑު ދައްޗަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ރާއްޖޭގެ އިގުތިޞާދީ ހާލަތާ ބެހޭގޮތުން ނޮވެންބަރު 23، 2022ގައި ތައްޔާރުކުރި ރިޕޯޓުގައި، ރާއްޖެ އޮތީ ދަރަނިތައް ދެއްކޭ ވަރަށް ވުރެ ގޯސް ހާލަތެއްގައިކަން ބަޔާންކޮށްފައި އޮތުން ކަމަށް، ރައީސް ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވުމަށްފަހު، އެމަނިކުފާނުގެ ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރަމުން މި އަންނަނީ އޭޕްރިލް މަހު ސުކޫކު އަނބުރާ ދެއްކުމަށް ފަރުވާތެރިކަމާއެކު ތައްޔާރުވަމުން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި މިހާރުވެސް އެސްޑީއެފަށް މި ސަރުކާރުން 275 މިލިއަނަށްވުރެ ގިނަ ޑޮލަރު ޖަމާކޮށްފައިވާނެއެވެ.

އެއާއެކު، ރައީސް ވިދާޅުވީ، ސުކޫކުގެ ގޮތުގައި ދައްކަންޖެހޭ ބައި ބިލިއަން ޑޮލަރުގެ ތެރެއިން 150 މިލިއަން ޑޮލަރު އަދާކުރުމަށް ރާވާފައިވަނީ އެސްޑީއެފަށް ޖަމާކުރި ބޭރު ފައިސާއިންނެވެ.

މި ސުކޫކުގެ އެއްބައި އަނބުރާ ދެއްކުމަށްފަހު ބާކީވާ މިންވަރު ރީފައިނޭންސްކުރުމަށް އަދާ ހަމައަށް ސަރުކާރުން ނަގާފައިވާ އެއްވެސް ދަރަންޏެއްގެ އިންޓްރެސްޓް ރޭޓު ވޭތުވެދިޔަ ސަރުކާރުތަކުން ކަން ކުރި ޒިންމާދާރުކަން ކުޑަ ގޮތާ ޚިލާފަށް ނުވަ އިންސައްތައަށްވުރެ ބޮޑުނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި އެންމެ ލޮބުވެތި ރައްޔިތުންނަށް، އަދި ތިޔަ އިއްޒަތްތެރި މަޖިލިސް މެންބަރުންނަށް އަރުވަންރައީސް ޑރ. މުޙައްމަދު މުޢިއްޒު

"މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުން މި ދަނީ ފާއިތުވި ސަރުކާރުތަކުން ދިވެހި ރައްޔިތުންނަށް ވާރުތަކޮށްފައި ދިޔަ ބުރަބޮޑު ދަރަނީގެ ދަންތުރައިން މިންޖުކޮށް، އެކަމަށް ތަސައްލީއެއް ހޯދައި، މާލީގޮތުން ދިވެހި ގައުމަށް އަދަށްވުރެ ފަހި އަދި ފާގަތި ނަތީޖާއެއް ހޯދައިދިނުމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭޕްރިލް މަހު ސުކޫކު އަދާކުރާނީ ދަރަނި އަދާކުރުމުގެ ބުރަ ބޮޑުނުުވާނެ ގޮތަށް، ދަރަނީގެ ދެމެހެއްޓެނިވިކަން ހާސިލުވާނެހެން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެސްޑީއެފަށް ޖަމާކުރާ ފައިސާ، ބޭރުގެ އިތުރު ދަރަނިތައްވެސް އަދާކުރުމަށް ބޭނުންކުރަން މެދުރާސްތާގެ ބަޖެޓުގައި ހިމަނައި، އެގޮތުގެ މަތިން ދަރަނިތައް އަދާކުރުމަށް ރާވާފައިވާނެ، ކަމަަށާއި، އެކަމުގެ ސަބަބުން ދަރަނި އަދާކުރުމަށްޓަކައި ނަގަންޖެހޭ މިންވަރު ކުޑަކޮށް ދަރަނީގެ ސްޓޮކް އަހަރުން އަހަރުން ދަށްކުރަމުން ގެންދެވޭނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ސަރުކާރުން މަސައްކަތްކުރަނީ އެއްފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ އެއްބައި ރީފައިނޭންސްކުރަން ކަމަށް މީގެ ކުރިން ބުނެފައިވެއެވެ. މާނައަކީ އިތުރު ބޮންޑެއް ވިއްކައިގެން ފައިސާ ދެއްކުން ފަސްކުރުމެވެ. އެކަމަކު، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗާއި މޫޑީޒްއިން ވެސް ރާއްޖެއަށް 'ޖަންކް' ރޭޓިންއެއް ނުވަތަ އިންވެސްޓްކުރަން ކަމުނުދާ ގައުމުތަކުގެ ރޭންކިންއަށް ވައްޓާލާފައިވާވުމުން ހެޔޮ އަގުގައި ދަރަނި ހޯދަން ދަތިވާނެ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރުން ގަބޫލުކުރެއެވެ.

މި އަހަރު 1.1 ބިލިއަން ޑޮލަރު ދަރަންޏަށް ދައްކަންޖެހޭތީ ބޭރުގެ މާލީ އިދާރާތަކުން ޚަރަދު ކުޑަކުރާށާއި މާލީ އިސްލާހުތައް ތަންފީޒުކުރަން 2021 އިން ފެށިގެން އަންނަނީ ގޮވާލަމުންނެވެ. އެކަމަކު އެ ފަދަ ފިޔަވަޅުތައް ތަންފީޒުކުރެވިފައެއް ނުވެއެވެ. އެހެންވިޔަސް ސަރުކާރުން އަންނަނީ ވަގުތުގައި ދަރަނި އަދާކުރެވޭނެކަމުގެ ޔަގީންކަން ދެމުންނެވެ.

comment ކޮމެންޓް