ސިއްހީ އެމަޖެންސީ ހާލަތްތަކުގައި ބޭނުންކުރުމަށް ޖަޕާން ސަރުކާރުގެ ފަރާތުން ރާއްޖެއަަށް، ސީއެމްބިއުލާންސެއް ހަދިޔާކޮށްފިއެވެ.
މި އުޅަނދު ރަސްމީކޮށް ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ. އަދި ރާއްޖޭގެ ފަރާތުން މި އުޅަނދާއި ހަވާލުވެވަޑައިގަތީ ރާއްޖޭގެ ދިފާއީ ވަޒީރު، ޣައްސާން މަޢުމޫނެވެ.
ދިފާއީ ވުޒާރާއިން ބުނީ ޖަޕާން ސަރުކާރުގެ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް" ހިލޭ އެހީގެ ދަށުން ފޯރުކޮށްދި މި ދީލަތި އެހީގެ ސަބަބުން، ރާއްޖޭގެ ރަށްތަކަށް ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައާއި، އެ ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ހުރި ފުރުސަތުތައް އިތުރަށް ހަރުދަނާވެ، ފުޅާވެގެންދާނެކަމަށެވެ.
އެ ގްރާންޓްގެ ދަށުން ޖަޕާނުން ވަނީ، ރާއްޖޭގެ ބައިނަލްއަގުވާމީ ބަނދަރުތައް ބެލެހެއްޓުން ހަރުދަނާ ކުރުމާއި ސަވެއިލެންސްގެ މަސައްކަތަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް މިދިޔަ ނޮވެންބަރު މަހު ވެސް އުޅަނދެއް ހަދިޔާ ކޮށްފައެވެ.
ރާއްޖޭގައި ސީއެމްބިއުލާންސްއާއި އެއާ އެމްބިއުލާންސްގެ ޚިދުމަތް ވެސް ދެމުން އަންނައިރު، އެ ދެ ޚިދުމަތް ފުޅާ ކުރުމަށް ސަރުކާރުން އަަންނަނީ މަސައްކަތް ކުރަމުންނެވެ.
ޑިފެންސް މިނިސްޓްރީން ވަނީ، މިއަހަރު ނުވަ ރަށެއްގައި އަލަށް ސީ އެމްބިއުލާންސްގެ ޚިދުމަތް ގާއިމްކޮށް، ތިން ރަށެއްގައި އަލުން އެ ޚިދުމަތް ފަށާނެ ކަމަށް ބުނެފައެވެ.