މެއި، ޖޫންގައި ވެސް އޭލެވެލް އިމްތިހާނު ބާއްވައިދޭން އެދި ޕެޓިޝަނެއް

ސީއެޗްއެސްސީގައި އޭލަވަލް ކިޔަވާ ދަރިވަރުންތަކެއް: -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މޭ ޖޫންގައި ވެސް އޭލެވެލް އިމްތިހާނު ބާއްވައިދިނުމަށް އެދި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

ކޯވިޑުގެ ކުރީން އޭ ލެވެލް އިމްތިހާނު މޭ ޖޫންގައި ރާއްޖޭގައި ބޭއްވިއެވެ. ނަމަވެސް ކޯވިޑަށްފަހު އެ އިމްތިހާނު ވަނީ އޮކްޓޯބަރު ނޮވެމްބަރަށް ބަދަލުކޮށްފައެވެ. އަދި އޭގެ ފަހުން އޭލެވެލް އިމްތިހާނު ރާއްޖޭގައި ބާއްވަނީ ހަމައެކަނި އޮކްޓޯބަރު ނޮވެމްބަރުގައެވެ.

މި ބަދަލުގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ދަތިކަމަކީ، އިމްތިހާނުގެ ނަތީޖާ ދަށްވެއްޖެ ނަމަ، އަލުން އިމްތިހާނު ހަދައިގެން ނަތީޖާ ރަނގަޅުކުރުމަށް އެކަށީގެންވާ ފުރުސަތެއް ނުލިބުމެވެ. އޭ ލެވެލް ގަދަ 10 އެއް ހޮވައި، ސްކޮލާޝިޕްތައް ކަނޑައަޅާއިރު، ދަށްވި ނަތީޖާ ރަނގަޅުކުރަން ބޭނުންވާ ދަރިވަރުންނަށް ރާއްޖޭގައި އެ ފުރުސަތު ލިބެނީ އަހަރެއް ފަހުންނެވެ. މީގެ ސަބަބުން ގިނަ ދަރިވަރުންނަށް ސްކޮލާޝިޕްގެ ފުރުސަތުތައް ގެއްލި، ބޭކާރު ވަގުތުތަކެއް ހޭދަވާކަން ދަރިވަރުން ފާހަގަކުރެއެވެ.

ދަރިވަރުން ބުނާ ގޮތުގައި، އަހަރަކު އެންމެ ފަހަރަކު އިމްތިހާނު ބޭއްވުމަކީ ކުދިންގެ ވަގުތު ގެއްލި، ނަތީޖާއަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ. ރާއްޖޭގައި މިހާރު އޮތް ގޮތުން، ގްރޭޑް 11 ގެ ނަތީޖާ ރަނގަޅުކުރަން ބޭނުންވާ ނަމަ، ގްރޭޑް 12 ގެ މާއްދާތަކާއެކު އެއްފަހަރާ ގިނަ އިމްތިހާނުތަކެއްގައި ބައިވެރިވާން ޖެހެއެވެ. މީގެ ސަބަބުން ކިޔެވުމަށް ލިބޭ ވަގުތު މަދުވެ، ދަރިވަރުންނަށް ނަފްސާނީ ގޮތުންނާއި އުނގެނުމުގެ ގޮތުން ބޮޑެތި ބުރަތަކެއް އުފުލަން ޖެހޭ ކަމަށް ދަރިވަރުން ބުނެއެވެ.

މީގެ އިތުރުން، އަވަހަށް އިމްތިހާނު ފުރިހަމަކުރަން ބޭނުންވާ ދަރިވަރުންނަށް މިހާރު އޮތް ހަމައެކަނި ގޮތަކީ ބޭރު ގައުމަކަށް ގޮސް މެއި/ޖޫން އިމްތިހާނުގައި ބައިވެރިވުމެވެ. ނަމަވެސް، މިއީ ގިނަ ދަރިވަރުންގެ އާއިލާތަކަށް އުފުލޭވަރުގެ މާލީ ބުރައެއް ނޫން ކަމަށާއި، ދަތުރުފަތުރާއި ހުރުމުގެ ހަރަދުގެ އިތުރުން، އެ ދުވަސްވަރު ސްކޫލުން ދޭ ފިލާވަޅުތައް ގެއްލުމަކީ ވެސް ކުރިމަތިވާ ބޮޑު މައްސަލައެއް ކަމަށް ދަރިވަރުން ބުނެއެވެ.

ދަރިވަރުން އަންނަނީ ޕެޓިޝަން މޭ ޖޫން އަށް ބަދަލުކޮށްފިނަމަ ދަރިވަރުންގެ ނަތީޖާ ވަރަށް ބޮޑަށް ރަނގަޅުވެ، ޕާސް ޕަސެންޓޭޖް އިތުރުވެގެން ދާނެ ކަމަށް ބުނަމުންނެެވެ.

comment ކޮމެންޓް