ދަންވަރު މާލޭ ގެއަކަށް ވަދެ، އަންހެނެއްގެ ގައިގައި ދަތް އެޅި މީހަކު ޖަލަށް

ސެޕްޓެމްބަރ 9 2016: މާލޭގެ މަޖީދީމަގުގައި ބަޔަކު ހަރަކާތް ތެރިވަނީ---ސަން ފޮޓޯ: މުހައްމަދު އަފްރާހް

މާލޭގައި، ދަންވަރު ގަޑީގައި ގެއަކަށް ވަދެ، އަންހެނެއްގެ ގައިގައި ދަތް އަޅައި، އަދި އިތުރު މީހަކަށް އަނިޔާ ކުރި މީހަކު ޖަލަށްލާން ހުކުމް ކޮށްފިއެވެ.

މިއީ، މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު، މާލޭ ނަލަހިޔާ ރެސިޑެންސްއަށް ދަންވަރު ވަތް މީހެއްގެ މައްސަލައެވެ. މ. ނިއުބްލޫ އަލީ މުއައްޒަމް ކިޔާ މީހަކު ނަލަހިޔާ ރެސިޑެންސްއަށް ދަންވަރު ވަތް މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލިއެވެ. އެއީ އަނިޔާއެއް ދިނުމުގެ ދެ ދައުވާއާއި އެނގި ހުރެ ހުއްދަ ނޫންތަނަކަށް ވަނުމުގެ ދައުވާއެވެ.

ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ ދަންވަރު، ނަލަހިޔާ ރެސިޑެންސްއަށް ވަތް މި މައްސަލައިގައި ދައުލަތުން ކުރި ދައުވާތަކަށް އަލީ މުއައްޒަމް ވަނީ އިއުތިރާފުވެފައެވެ. އެހެންކަމުން މައްސަލަތައް ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލަތަކެއްގެ ގޮތުގައެވެ.

އަލީ މުއައްޒަމްގެ މައްޗަށް އުފުލާފައިވާ އަނިޔާއެއް ދިނުމުގެ ދެ ދައުވާގެ ތެރެއިން އެއް ދައުވާއަކީ، ނަލަހިޔާ ރެސިޑެންސްގައި ދިރިއުޅުނު އަރިއަތޮޅު ފިރިހެނަކަށް އަނިޔާ ކުރި މައްސަލައެވެ. އެ މައްސަލައިގައި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. އެކަމަކު ޝަރިއަތުންވަނީ އެ އަދަބު، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމަކާއެކު 9600 ރުފިޔާގެ ޖޫރިމަނާއަކަށް ލުއިކޮށްދީފައެވެ.

އަލީ މުއައްޒަމްގެ މައްޗަށް އުފުލި އަނިޔާއެއް ދިނުމުގެ ދެވަނަ ދައުވާއަކީ އަރިއަތޮޅު މީހާގެ އަންހެނުންނަށް އަނިޔާކޮށް އެ އަންހެން މީހާގެ އަތުގައި ދަތް އެޅުމުން ކުރި ދައުވާއެވެ. މި ދައުވާގެ އަދަބަކަށް އިއްވީ އެއް މަހާއި ހަ ދުވަހުގެ ހުކުމެކެވެ. ޝަރިއަތުންވަނީ މި ހުކުމް 18 ދުވަހުގެ ޖަލު ހުކުމަކާއެކު 800 ރުފިޔާގެ ޖޫރިމަނާއަކަށް ލުއިކޮށްދީފައެވެ.

އަދި އަލީ މުއައްޒަމްގެ މައްޗަށް އުފުލި، އެނގި ހުރެ ހުއްދަ ނޫންތަނަކަށް ވަނުމުގެ ކުށުގެ ދައުވާއާށް އިއްވީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެވެ. މި ހުކުމްވެސް ޝަރީއަތުން ވަނީ ލުއިކޮށްދީފައެވެ. ލުއިކޮށްދީފައިވަނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމަކާއެކު 3600 ރުފިޔާގެ ޖޫރިމަނާއަކަށެވެ.

comment ކޮމެންޓް