އައިފޯން ފޯލްޑަށް ފަހު "އައިފޯން ފްލިޕް" އެއް ނެރެން އެޕަލް އިން ތައްޔާރުވަނީ

އެޕަލްއިން އުންމީދުކުރަނީ ތަފާޒް ސައިޒްގެ ފޯންތައް ކަސްޓަމަރުން ބޭނުންވާނެކަމަށް --- ފޮޓޯ: ޓެކްކްރަންޗް

އެޕަލް އިން އެ ކުންފުނީގެ އެންމެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ފޯލްޑް" މި އަހަރު ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާއިރު، އޭގެ ފަހުން "އައިފޯން ފްލިޕް" ގެ ނަމުގައި ކްލޭމްޝެލް ޑިޒައިންގެ ފޯނެއް ވެސް ތައާރަފުކޮށްފާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބްލޫމްބާގްގެ މަޝްހޫރު ޓެކް ނޫސްވެރިޔާ މާކް ގާމަންގެ "ޕަވާ އޮން" ނިއުސްލެޓާގެ އެންމެ ފަހުގެ އަދަދުގައި ބުނެފައިވާ ގޮތުން، އެޕަލް އިން ދަނީ އައިފޯން ފޯލްޑަށްވުރެ ކުޑަ އަދި މެދުން ފަތްޖަހާލެވޭ ގޮތަށް ފަރުމާކުރާ "އައިފޯން ފްލިޕް" އެއް ނެރުމުގެ މަސައްކަތް ދިރާސާކުރަމުންނެވެ.

https://sun.mv/212003

މި އާ މޮޑެލް ފަރުމާކުރާނީ މިހާރު ބާޒާރުގައި ހުރި ސެމްސަންގް ގެލެކްސީ ޒީ ފްލިޕް އަދި މޮޓޮރޯލާ ރޭޒާ ފަދަ ފޯނެއްގެ ގޮތުގައި ކަމަށް ބެލެވޭއިރު، މިއީ އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނަށް ފަހު ނެރޭނެ އުފެއްދުމެއް ކަމަށް ވެސް ގާމަން ފާހަގަކުރައްވާފައިވެއެވެ.

ނަމަވެސް މި "ފްލިޕް" މޮޑެލްގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ އަދި މުޅިން ކަށަވަރުވެފައިވާ ކަމެއް ނޫން ކަމަށާއި، އެ ކުންފުނިން މިކަމުގައި ވަކި ގޮތެއް ނިންމާނީ ފުރަތަމަ ނެރޭ ފޯލްޑަބަލް ފޯނަށް ބާޒާރުގައި ލިބޭ ތަރުހީބަށް ބެލުމަށްފަހުގައެވެ.

އެޕަލް އިން އުއްމީދު ކުރަނީ އެ ކުންފުނީގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނާއެކު މި ބާވަތުގެ ފޯނުތަކަށް އޮންނަ ޑިމާންޑް ބޮޑުވެ، ކަސްޓަމަރުން ތަފާތު ސައިޒުތަކުގެ ފޯލްޑަބަލް ފޯނުތައް ބޭނުންވާނެ ކަމަށެވެ.

މިއަހަރުގެ ފަހުކޮޅު ނެރޭނެ ކަމަށް ބެލެވޭ "އައިފޯން ފޯލްޑް" އާ ބެހޭގޮތުން ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، މީގެ ބޭރު ސްކްރީނުގައި ހުންނާނީ 5.5 އިންޗި ކަމަށްވާތީ، މިއީ އޭގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ ސެމްސަންގް ގެލެކްސީ ޒީ ފޯލްޑަށްވުރެ ކުޑަ ފޯނަކަށް ވާނެއެވެ.

މީގެ އިތުރުން އެޕަލް އިން އައިފޯން ފޯލްޑަށްވުރެ ބޮޑު "ބުކް ސްޓައިލް" ފޯނެއް ވެސް ތައާރަފުކޮށްފާނެ ކަމުގެ އިޝާރާތެއް ލިބިފައިވާއިރު، ފޯނު ފަތްޖަހާލާ ހިސާބުގައި އިންނަ "ކްރީޒް" ނުވަތަ ރޫ، އެހެން ފޯނުތަކަށްވުރެ ފްލެޓްކޮށް އަދި ބަލާލަން އޮމާންކޮށް ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓެކްނިކަލް ގޮތުން ބަލާއިރު، މި ފޯނުގައި ބޭނުންކުރާނީ 2 ނެނޯމީޓަރުގެ ޓެކްނޮލޮޖީގައި އުފައްދާ އެޕަލްގެ އެންމެ ފަހުގެ "އޭ20 ޕްރޯ" ޗިޕްސެޓާއި "ސީ2" މޮޑެމް ކަމަށް މައުލޫމާތު ލިބެއެވެ.

ފޯނުގެ ރައްކާތެރިކަމަށްޓަކައި ޕަވާ ބަޓަނުގައި "ޓަޗް އައިޑީ" ހިމަނާނެ ކަމަށް ބެލެވޭއިރު، މި ފޯނުގައި ފަހަތުގައި ދެ ކެމެރާ އަދި ކުރިމަތީގައި ސެލްފީ ނެގުމަށް ވެސް ދެ ކެމެރާ ހިމެނޭނެ ކަމަށް ރިޕޯޓްތަކުން ވަނީ ހާމަވެފައެވެ.

comment ކޮމެންޓް