މި މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ "ދަ ކެރެލާ ސްޓޯރީ 2: ގޯސް ބިޔޯންޑް"ގެ ޓީޒާ ރިލީޒްކުރިތާ މާގިނަ ދުވަހެއް ނުވެ ފިލްމުގެ މުހިއްމު ރޯލްތަކުން ފެންނާނެ ތަރިންގެ ކެރެކްޓާ ދައްކާލައިފިއެވެ.
މި ފިލްމުގެ ލީޑް ރޯލްއިން ތިން ބަތަލާއިން ފެންނާނެއިރު އެ ތަރިންނަކީ އުލްކާ ގުޕްތާ، އައިޝްވާރްޔާ އޯޖްހާ އަދި އަދިތީ ބާޓިއާއެވެ.
މި ތިން ބަތަލާއިން ފިލްމުގައި ފެންނާނެ ގޮތުގެ ޕޯސްޓަރުތައް ދައްކާލިއިރު އެއީ ޖަޒުބާތުން ފުރިގެންވާ ޕޯސްޓަރުތަކެއް ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ. އެހެންވެ ކުރީގެ ފިލްމެކޭ އެއްގޮތަށް ދެވަނަ ފިލްމަކީ ވެސް ވަރަށް ޝައުގުވެރި ވާހަކައަކަށް ބިނާކޮށްފައިވާ ވާހަކައަކަށް ވާނެ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.
ނެޝަނަލް އެވޯޑު ހާސިލްކޮށްފައިވާ ކަމާހްޔާ ނާރަޔަން ސިންގް ޑައިރެކްޓްކޮށްފައިވާ "ދަ ކެރެލާ ސްޓޯރީ 2" އެއީ ފުރަތަމަ ފިލްމުގެ ވާހަކައާ އެއްވެސް ގުޅުމެއް ނެތް މުޅިން އާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

"ދަ ކެރެލާ ސްޓޯރީ 2"ގެ ޓީޒާގެ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
މި ފިލްމުގެ ވާހަކަ ވެސް ބިނާކޮށްފައި ވަނީ މުޅިން އެހެން ދީނެއްގެ ތިން އަންހެން ކުއްޖަކު މުސްލިމު ފިރިހެން ކުދިންތަކެއް ދެކެ ލޯބިވެވި އެ ކުދިންނާ ކައިވެނި ކުރުމަށްޓަކައި އިސްލާމްދީން ގަބޫލުކުރުމަށްފަހު އެ މީހުންގެ ދިރިއުޅުމަށް އަންނަ ހަލަބޮލިކަމުގެ މައްޗަށެވެ.
އިންޑިއާގައި ދިރިއުޅޭ އެހެން ދީންތަކުގެ އަންހެން ކުދިން އޮޅުވާލައިގެން މުސްލިމު ފިރިހެން ކުދިންގެ ލޯބީގެ އަވާގައި ޖައްސުވަނީ އިސްލާމްދީނުގެ ނަމުގައި ހިންގާ ވަރަށް ބޮޑު ޕްރޮޕެގެންޑާގެ ދަށުންކަން މި ފިލްމުގެ ޓީޒާއިން ދައްކުވައިދެއެވެ.
އެހެންވެ އެފަދަ މީހުންގެ މަޅީގައި ޖެހުނަސް އަމިއްލަ ސަލަމާތާއި ރައްކާތެރިކަމަށްޓަކައި ތެދުވެ އެކަމާ ދެކޮޅަށް ވަކާލާތުކޮށް މަސައްކަތް ކުރުމަށް ފިލްމުގެ ޓީޒާއިން އަންހެނުން ކުދިންނަށް ހިތްވަރުދެއެވެ.
މި ފިލްމުގައި ބަތަލާގެ ރޯލްއިން ފެންނަ އުލްކާ ގުޕްތާ އަކީ ޒީޓީވީއިން ގެނެސްދިން މަގުބޫލު ސީރީސް "ޖާންސީ ކީ ރާނީ"ގެ ވަރަށް މުހިއްމު ރޯލެއް ކުޅުނު ތަރިއެކެވެ. އަދި އަދިތީ ބާޓިއާ އަކީ ސްޓާ ޕްލަސްއިން ގެނެސްދިން "ޔޭ ހޭ މޮހައްބަތޭން"ގައި ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރި ތަރިއެކެވެ.
ސަންޝައިން ޕިކްޗާސް ބެނާގެ ދަށުން ގެނެސްދޭ "ދަ ކެރެލާ ސްޓޯރީ 2" ބެލުންތެރިންނަށް ގެނެސްދޭނީ މި މަހުގެ 27ގައެވެ.