އަބްދުއްރަހީމްގެ އެއްމާބަނޑު ކޮއްކޮ ކަރީމް، ޕީއެންސީއާ ދެކޮޅަށް ފޮނަދޫ ކައުންސިލް ރައީސްކަމަށް ވާދަކުރައްވަނީ

އަބްދުއްރަހީމްގެ ކޮއްކޮ އަބްދުލް ކަރީމް: އޭނާ ވަނީ ޕީއެންސީއާ ދެކޮޅަށް ފޮނަދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވަން ނިންމަވާފައި ----

ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲގެ އެއްމާބަނޑު ކޮއްކޮ، އަބްދުލްކަރީމް އަބްދުﷲ ލ. ފޮނަދޫގެ ކައުންސިލް ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރައްވަން ނުކުންނަވައިފިއެވެ.

އެ ގޮނޑިއަށް ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ، މިދިޔަ ތިން ދައުރުގައި ކައުންސިލް ރައީސްކަން ކުރެއްވި އަހުމަދު ރިޔާޒެވެ.

ލޮލަށް ފެނުމުން މަހުރޫމްވެފައިވާ ކަރީމް 'ސަން'އަށް މިއަދު ވިދާޅުވީ، އެފަދަ ނުކުޅެދުންތެރިކަމެއް ހުންނާތީ ކައުންސިލް ރައީސްކަމަށް ވާދަކުރެވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ސިޓީއެއް ހުށަހެޅުއްވި ކަމަށެވެ.

އެ މަގާމަށް ވާދަކުރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް އީސީން އަންގާފައިވާ ކަމަށް ކަރީމް ވިދާޅުވިއެވެ.

"އަޅުގަނޑު ވިސްނީ، ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ފެށުނީއްސުރެ، ކުޑައިރުން ފެށިގެން ލިބެމުން އަންނަ މީހެކޭ އަޅުގަނޑު ދިރިއުޅޭ މުޖުތަމައުގައި. އެހެންވީމަ އަޅުގަނޑު ވެސް ހިތްވަރު ކޮށްލާނިއްޔޭ،" ކަރީމް ވިދާޅުވިއެވެ.

އިތުރަށް ކަރީމް ވިދާޅުވީ، ކައުންސިލް ރައީސްކަމަށް ވާދަކުރުމަށް ހުށަހެޅުއްވި ކެންޑިޑެންސީ ބަލައިގެންފައިވާ ކަމަށާއި އެ ކަމުގެ ލިޔުން ވެސް ފޮނުވާފައިވާ ކަމަށެވެ. މިހާރު އޭނާ ވަނީ، ރަސްމީކޮށް ކެމްޕެއިންގެ ހަރަކާތްތައް ފައްޓަވަފާއެވެ.

މިހާރު އޭނާ އަދާކުރައްވަނީ، ފޮނަދޫ މިސްކިތެއްގެ އިމާމެއްގެ ވަޒީފާއެވެ. އެ މަގާމު އޭނާ އަދާކުރައްވާތާ 19 އަހަރު ވެއްޖެއެވެ.

އޭނާ ވިދާޅުވީ، ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާތީ، މަގާމުން ސަސްޕެންޑުވާނެ ކަމަށާއި އެ ކަން ސިވިލް ސާވިސް ކޮމިޝަނަށް ސިޓީއަކުން އަންގާފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފޮނަދޫއަކީ ވަރަށް ސިޔާސީ ޕާޓީތަކަށް ތާއިދު އޮންނަ ރަށެކެވެ. އެހެންވެ، މިހާތަނަށް އަމިއްލަ ކެންޑިޑޭޓަކު ރަށުގެ އިސް މަގާމަކަށް ހޮވިފައެއް ނެތެވެ. ނަމަވެސް، ކަރީމްގެ އުއްމީދަކީ، މި ފަހަރުގެ ކައުންސިލް އިންތިޚާބުގައި އެ ރަށު ކައުންސިލް ރައީސް ކަމުގެ ގޮނޑި ކާމިޔާބު ކުރުމެވެ.

އަބްދުއްރަހީމް މަޖިލީހުގެ ގޮނޑި ފުރުއްވާ ދާއިރާއިން އެމަނިކުފާނުގެ ކޮއްކޮ ޕީއެންސީއާ ދެކޮޅަށް އިންތިޚާބަކަށް ނުކުންނަވާ ސީދާ ސަބަބެއް ނޭނގެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އަބްދުއްރަހީމުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމަކާއެކުގައެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުން ފެށިގެން ގޮސް ސަރުކާރު އެކުލަވާލެއްވުމާއި މަޖިލިސް އިންތިޚާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރެއްވުމާ ހަމައަށް ވެސް ދެ ބޭފުޅުންގެ ގުޅުން ވަރަށް ރަނގަޅެވެ. އޭގެ އެއް ހެއްކަކީ ކެބިނެޓުގެ އެންމެ ނުފޫޒު ގަދަ އެއް މަގާމު ކަމަށްވާ ޓޫރިޒަމް މިނިސްޓަރުކަން އަބްދުއްރަހީމްގެ ދަރިފުޅު އިބްރާހީމް ފައިސަލަށް ދެއްވުމާއި މަޖިލިސް ރައީސްކަން އަބްދުއްރަހީމަށް ރައީސް މުއިއްޒު ދެއްވުމެވެ.

ނަމަވެސް ވަކި ހިސާބަކުން ރައީސާއި އަބްދުއްރަހީމުގެ ގުޅުން ހީނަރުވިކަމުގެ އަޑުތައް ގަދަވިއެވެ. ދެން ފެނުނީ ޓޫރިޒަމް މިނިސްޓަރުކަމުން ކުއްލި ގޮތަކަށް ފައިސަލް ވަކި ކުރެއްވި މަންޒަރެވެ. އަދި އަބްދުއްރަހީމް ވަރަށް ބޮޑަށް ސިޔާސީ ގޮތުން ހިމޭންވެވަޑައިގެންނެވި މަންޒަރު ފެނުނެވެ.

ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި އަބްދުއްރަހީމް ހުންނެވި ނަމަވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކަންކަމުގައި އެ ޕާޓީއިން މިފަހަރު އިސްކޮށްފައި ވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހެވެ. ކުރިން އެފަދަ ކެމްޕެއިންތައް ލީޑް ކުރައްވަމުން ގެންދެވީ އަބްދުއްރަހީމެވެ.

ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އޮތީ، އަންނަ އޭޕްރީލް ހަތަރެއްގައެވެ. އެ އިންތިޚާބުގައި ވާދަކުރަން ހުށަހަޅަން، ހުޅުވާލި މުއްދަތު މިއަދު 17:30އަށް ވަނީ ހަމަވެފައެވެ.

comment ކޮމެންޓް