އިންތިޚާބަށް ކުރިމަތިލާން މުއްދަތު ހަމަވިއިރު، އީފާސް މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން ގޮތެއް ނުނިންމާ

ކުރީގެ ރައީސް ޔާމީނާއި އެ މަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު: އިންތިޚާބަށް ކުރިމަތިލާން މުއްދަތު ހަމަވިއިރު، އީފާސް ބޭނުންކުރާ މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން ގޮތެއް ނުނިންމާ ކަމަށް ޕީއެންއެފުން ވަނީ ބުނެފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާން މިއަދު މުއްދަތު ހަމަވިއިރު، ކެންޑިޑެންސީ ހުށަހަޅަން އީފާސް ބޭނުން ކުރަން ޖެހުމާއި މިނިވަން ކެންޑިޑޭޓުންގެ ތާއިދު ހޯދަން އީފާސް މެދުވެރިކޮށް ފޯމު ފުރަން ޖެހޭތީ ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނުނިންމާ ބާއްވައިފިއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)އިން މިދިޔަ ހަފުތާގައި އެ މައްސަލަ ވަނީ ހައިކޯޓަށް ހުށަހަޅާފައެވެ.

އެހެން އެ ކަން އޮއްވައި، އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މިއަދު 17:30އަށް ވަނީ ހަމަވެފައެވެ.

'ސަން'އިން ސުވާލުކުރުމުން ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވީ، މިއަދަށް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، މައްސަލައިގައި ހައިކޯޓުން އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށެވެ.

މަލީހާއި ޔާމީން: އެޕާޓީން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އަދި ގޮތެއް ނުނިންމާ -- ފޮޓޯ/ މޫސާ ނަދީމް

އެއީ، ކޯޓުތަކާއި ރާއްޖޭގެ ގާނޫނު އަސާސީއާ ޚިލާފު އަމަލެއް ކަމަށް އޭނާ ގަބޫލުކުރައްވައެވެ. އަދި، މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން މިހާތަނަށް ގޮތެއް ނިންމާފައިނުވާ ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ އެ މައްސަލައިގައި ވާހަކަފުޅު ދައްކަވަފާއެވެ.

އޭރު އެ މަނިކުފާނު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ކުރާ ކަންކަމުގައި އީފާސް ބޭނުންކުރާއިރު، ޝަރީއަތުގައި ބޭނުންކުރަނީ ކަރުދާސް ކަމަށެވެ.

އީފާސް ބޭނުންކުރާ މައްސަލައިގައި ހައިކޯޓަށް މައްސަލަ ހުށަހަޅުއްވާފައިކަން ހާމަކުރައްވައި، ޔާމީން އޭރު ވިދާޅުވީ، އިންތިޚާބާ ދެމެދު މުއްދަތު އޮތްނަމަ، އެ މައްސަލަ ނިންމާނެ ކަމަށެވެ.

ޔާމީންގެ އިތުރަށް، އިންތިޚާބަށް ކުރިމަތިލުމުގައި އީފާސް ބޭނުންކުރަން ޖެހޭތީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

https://sun.mv/217163

މިގޮތުން، އީސީގެ ރައީސް މުހައްމަދު ޒާހިދަށް ފޮނުއްވި ސިޓީއެއްގައި ވަނީ، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ހޯދަން ޖެހޭ 50 ސޮއި ހޯދުމުގައި، އެ ސޮއި ދޭ މީހުން އެ މީހުން އަމިއްލައަށް އީފާސް މެދުވެރިކޮށް ލޮގިންކޮށްގެން ވެރިފައި ކުރަން ޖެހޭ ގޮތަށް ހަމަޖެއްސުމަކީ، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ އިންތިޚާބީ ހައްގަށް އުނިކަން ލިބޭ ކަމެއް ކަމަށް ދެކޭ ކަމަށެވެ.

އުމަރު ވިދާޅުވީ ރާއްޖޭގައި އީފާސް ބޭނުންކޮށްގެން ޚިދުމަތެއް ހޯދަން ދަންނަނީ އާބާދީގެ 10 ޕަސެންޓް މީހުން ކަމަށެވެ. އެހެންވެ، އެ ސިޓީގައި އޭނާ ވަނީ، އެ އުސޫލު ބާތިލުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

comment ކޮމެންޓް