ރާއްޖޭގެ އުރީދޫގެ އާ މެނޭޖިން ޑިރެކްޓަރު، އަދި ސީއީއޯ ކަމަށް ފަލަސްޠީނުގެ ޝާދީ ޤަވަސްމީ މިއަދު އައްޔަންކޮށްފިއެވެ.
ޤަވަސްމީގެ ކުރިން ރާއްޖޭގެ އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމު ފުރުއްވީ ޤަތަރުގެ ޚާލިދު ޙަސަން އަލް-ޙަމާދީއެވެ. ފެބްރުއަރީ 2، 2022ގައި އައްޔަންކުރި ޚާލިދުގެ ދައުރު މިއަދު ވަނީ ހަމަވެފައެވެ.
އުރީދޫގައި މަސައްކަތްކުރައްވާތާ ދިހަ އަހަރުވެފައިވާ ޤަވަސްމީ ވަނީ އުރީދޫ ފަލަސްޠީނުގެ މާކެޓިން ކޮމިއުނިކޭޝަންސް އަދި ޕަބްލިކް ރިލޭޝަންސް މެނޭޖަރުކަން 2015އިން 2018އަށް ކުރައްވައި، 2018އިން 2022އަށް ސޭލްސް ޑިރެކްޓަރުކަން ކުރައްވައިފައެވެ. އެންމެ ފަހުން ހުންނެވީ އުރީދޫ ފަލަސްޠީނުގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމުގައެވެ.
އެމެރިކާގެ ބްރިގްހަމް ޔަންގް ޔުނިވާސިޓީން އެޑްވަޓައިޒިން އަދި މާކެޓިން ކޮމިއުނިކޭޝަންސްގެ ދާއިރާއިން 2004ވަނަ އަހަރު ބެޗެލާސް ފުރިހަމަކުރެއްވުމަށްފަހު, ފަރަންސޭސިވިލާތުގެ އީޑީއެޗްއީސީ ބިޒްނަސް ސްކޫލުން މާކެޓިން މެނޭޖްމަންޓްގެ ދާއިރާއިން 2008ވަނަ އަހަރު ޤަވަސްމީ ވަނީ މާސްޓާސް ހާސިލްކުރައްވައިފައެވެ.
އުރީދޫ ފަލަސްޠީނުގައި މަސައްކަތްކުރެއްވި ޤަވަސްމީ ވަނީ، އެ ކުންފުނީގެ މާކެޓު ފުޅާކުރުމަށާއި އާ ޓެކްނޮލޮޖީ ތައާރަފްކުރުމުގެ އިތުރުން ޒަމާނީ ބަދަލުތައް ގެނައުމުގައި މުހިންމު ދައުރެއް އަދާކުރައްވައިފައެވެ.
އުރީދޫގައި މަސައްކަތްކުރައްވަން ފެށްޓެވުމުގެ ކުރިން އޭނާ ވަނީ މެނޭޖްމަންޓް ކޮންސަލްޓިން، ބިޒްނަސް ޑިވެލޮޕްމަންޓް އަދި މާކެޓިން ކޮމިއުނިކޭޝަންސްގެ ދާއިރާއިން ގިނަ ގުނަ ތަޖުރިބާތަކެއް ހޯއްދަވައިފައެވެ.
މި ފުރުސަތުގައި ރާއްޖޭގެ އުރީދޫން ވަނީ އެ ކުންފުނީގެ ކުރީގެ ސީއީއޯ ޚާލިދަށް ޝުކުރު އަދާކޮށްފައެވެ.
ޚާލިދުގެ ސީއީއޯކަމުގެ ދަށުން، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ފޯރުކޮށްދޭ ކަސްޓަމާ ކެއާ އެސިސްޓަންޓް "އެވީ" އާއި މޫލީ ތައާރަފްކުރުމުގެ އިތުރުން މާސްޓާކާޑް، ޓިކްޓޮކް، ވަޓްސްއަޕް ބިޒްނަސް އަދި ވައިބާ ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެވުނު ކަމަށް، އުރީދޫން ބުންޏެވެ.
އޭގެ އިތުރުން، މުޅި ރާއްޖެއަށް 4ޖީ+ ގެ ޚިދުމަތް ފޯރުކޮށްދިނުމާއި، މުޅި އާބާދީގެ 80 ޕަސެންޓަށް 5ޖީގެ ޚިދުމަތް ފުޅާކުރުމާއި، "ޕީސް" ސަބްމެރިން ކޭބަލް ގާއިމުކުރުމުގެ އިތުރުން، ޓިއާ-3 ފެންވަރުގެ އުރީދޫ މޯލްޑިވްސް ޑޭޓާ ސެންޓަރު ގާއިމުކުރުމާއި، ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓު ޚާއްސަ ކޭބަލަކާ ގުޅުވާލުން ހިމެނޭ ކަމަށް، އުރީދޫން މައުލޫމާތު ދެއެވެ.
އުރީދޫއަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވަރަށް ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ދެމުން އަންނަ ގަތަރުގެ ކުންފުންޏެކެވެ.