ފާޑުކިޔުން ބޮޑުވެ، މީޑިއާތަކުން "އަދަދު ކާޓޫނު" ދައުރުނުކުރަން އަންގައި މީޑިއާ ކޮމިޝަނުން އިއުލާނު ބަދަލުކޮށްފި

މީޑިއާ ކޮމިޝަންގެ މެންބަރުންތަކެއް: ފާޑުކިޔުން ބޮޑުވެ، މީޑިއާތަކުން "އަދަދު ކާޓޫނު" ދައުރުނުކުރަން އަންގައި މީޑިއާ ކޮމިޝަނުން އިއުލާނު ބަދަލުކޮށްފި -- ފޮޓޯ/ މީޑިއާ ކޮމިޝަން

"އަދަދު ނޫހުގެ ކާޓޫން"ގެ މައްސަލަ ބަލައި ނިމެންދެން އެއްވެސް ފަރާތަކުން އެ ކާޓޫނު ދައުރުނުކުރަން އެންގުމަށް ފަހު އެ އެންގުން ބަދަލުކޮށް، މީޑިއާތަކުން އެ ނުދެއްކުމަށް އަންގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަނުން އާ އިއުލާނެއް ނެރެފިއެވެ.

އެ ކާޓޫނު ދައުރު ނުކުރާން ނެރުނު އަމުރާ ގުޅިގެން ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އެއާއެކު މީޑިއާ ކޮމިޝަނުން މިވަނީ އިއުލާނު ވެސް ބަދަލުކޮށްފައެވެ.

އަދަދުގެ ސޯޝަލް މީޑިއާގައި މަކަރާއި ހީލަތާ ގުޅޭ މަންޒަރު ދޭހަވާ ގޮތަށް ޝާއިއުކުރި އެ ކާޓޫނަކީ އިސްލާމްދީނުގެ އަސާސްތަކަށް ފުށޫއަރާ ކަންތައްތަކެއް ހުރި ކާޓޫނެއް ކަމަށް މީޑިއާ ކޮމިޝަނުން ވަނީ ތުހުމަތުކޮށްފައެވެ. އެހެންކަމުން އެ މައްސަލަ ބަލަމުންދާ ކަމަށާއި، އެ ކާޓޫނު އެއްވެސް ފަރާތަކުން ދައުރު ނުކުރަން އެންމެ ފުރަތަމަ ވަނީ އެދިފައެވެ.

ނަމަވެސް އެ އިއުލާނު ސޯޝަލް މީޑިއާއިން ޑިލީޓްކުރުމަށްފަހު އަލުން ނެރުނު އިއުލާނުގައި ބުނީ "މީޑިއާތަކުން އެ ކޮންޓެންޓް ދައުރު ނުކުރަން އަންގާ" ކަމަށެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ނެރުނު ނޫސްބަޔާނުގައި ބުނީ މީޑިއާ ކޮންޓްރޯލް ގާނޫނާ މެދު އެ ޖަމިއްޔާއިން އެންމެ ކަންބޮޑުވި އެއް ކަމަކީ އަދި އެ ގާނޫނާ ދެކޮޅުވި އެންމެ ބޮޑު ސަބަބަކީ ސޯޝަލް މީޑިއާގައި އާންމުން ޚިޔާލުފާޅުކުރުން ހަނިކޮށް އަދަބު ދެވޭ ގޮތަށް މީޑިއާ ކޮމިޝަނަށް ބާރުތައް ދީފައި އޮތް އޮތުން ކަމަށެވެ.

ނަމަވެސް އެ ގާނޫނު ފާސްކުރިއިރު ސަރުކާރުން އާންމުންނާއި ބޭރުގެ ފަރާތްތަކަށް ދެމުން ދިޔަ ޔަގީންކަމަކީ އެ ގާނޫނުގައި އެފަދަ މާއްދާއެއް ނެތް ކަމަށާއި އެ ގާނޫނު އެފަދަ ގޮތަކަށް ބޭނުން ނުކުރާނެ ކަމަށް ބުނި ބުނުން ކަމަށް އެމްޖޭއޭއިން ފާހަގަކުރިއެވެ.

އެހެންނަމަވެސް ސޯޝަލް މީޑިއާ ހިމެނޭ ގޮތުން މިއަދު މީޑިއާ ކޮންޓްރޯލް ކޮމިޝަނުން އެންމެހާ ރައްޔިތުންގެ މައްޗަށް "އަދަދުގެ ކާޓޫން" ދައުރު ނުކުރާން ނެރުނު އަމުރާ ގުޅިގެން ސާބިތުވެފައި ވަނީ، އެ ގާނޫނު ބޭނުންކޮށް ސޯޝަލް މީޑިއާ ހުއްޓުވަން ކޮމިޝަނުން މަސައްކަތް ކުރަން ފެށިކަން ކަމަށް އެމްޖޭއޭއިން ބުންޏެވެ. އަދި އެ ގާނޫނު ސަރުކާރުން ފާސްކުރުމުގެ މައިގަނޑު ބޭނުމަކީ ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ ހައްގު ނިގުޅައިގަތުން ކަމަށް ވެސް އެމްޖޭއޭއިން ބުންޏެވެ.

އަދަދުގައި ޝާއިއުކުރި ކާޓޫނުން ފެންނަނީ ބަޔަކު ޖަމާއަތުގައި ސަޖިދައިގައި އޮއްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިފަވާ ކާޓޫނަކުން އިމާމު މީހާގެ ޖީބުން ފައިސާ ނޫޓުތަކެއް ވަގަށް ނަގާ މަންޒަރެވެ.

އެ ދުވަހު މީޑިއާ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޙަމްދީ ޢަޤީލް އަދަދު ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒު މޫސާއަށް ފޮނުވި ސިޓީއެއްގައި ވަނީ، 'އަދަދު'ގެ ސޯޝަލް މީޑިއާގައި މަކަރާއި ހީލަތާ ގުޅެވޭހެން ދޭހަވާ ގޮތަށް ޝާއިއުކުރި ކާޓޫނަކީ އިސްލާމްދީނުގެ އަސާސްތަކަށް ފުށޫއަރާ ކަންތައްތަކެއް ހުރި ކާޓޫނެއް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކޮމިޝަނުން ބަލަނީ ކަމަށް ބުނެފައިވެއެވެ.

https://sun.mv/217116

މީޑިއާ ކޮމިޝަނުގެ ސިޓީއާ ގުޅިގެން ފިޔާޒު ކޮމިޝަންގެ ރައީސް މުޙައްމަދު ފަރުޝަތަށް ފޮނުވި ސިޓީއެއްގައި ވަނީ، އެ ކާޓޫނުގައި ދައްކުވައިދެނީ މިސްކިތުގައި ނަމާދަށް ހުރި މީހަކު އިމާމު މީހާގެ ޖީބުން ފައިސާ ވަގަށް ނަގާ މަންޒަރު ކަމަށެވެ. އަދި އެ ކާޓޫނުގެ އަމާޒަކީ ދިވެހި މުޖުތަމައުގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާ މިންވަރު ދައްކުވައިދިނުން ކަމަށް، އެ ސިޓީގައިވެއެވެ.

އެ ކާޓޫނަކީ އިސްލާމްދީނަށް ނުވަތަ އިސްލާމްދީނުގެ ޝިއާރަކަށް ތައުހީނުކުރުމުގެ ގޮތުން ޝާއިއުކުރި ކާޓޫނެއް ނޫން ކަމަށާއި، އެ ކާޓޫނުން އެފަދަ ކަމެއް ދޭހަކުރެވޭނެ އެއްވެސް ހަމައެއް އޮތް ކަމަށް ނުވިސްނޭ ކަމަށްވެސް، ފިޔާޒު ފޮނުއްވި ސިޓީގައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު