އިންޑޮނޭޝިއާގެ ޖާވާއަށް ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އަށް މީހުން މަރުވެ، 82 މީހުން ގެއްލިއްޖެއެވެ.
އޭބީސީ ނިއުސްއިން ރިޕޯޓުކުރި ގޮތުގައި އެ ގައުމުގެ ހުޅަނގު ޖާވާ ޕްރޮވިންސްގެ ވެސްޓް ބަންޑުން ޑިސްޓްރިކްޓްގެ ޕަސިރް ލަންގޫ ވިލެޖުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވަނީ ފެންބޮޑުވެފައެވެ. އަދި ފަރުބަދަމަތީ ވިލެޖުތަކަށް ވެއްޔާއި ހިލައިގެ އުނދަގޫ ޖެހި، ގަސްތައް ވެއްޓި 34 ގެއެއް ވަޅުލެވިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޭޖެންސީގެ ތަރުޖަމާން އަބްދުލް މުހާރީ ވިދާޅުވީ، މިހާރުވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހަމައެއާއެކު ފަތިހު 03:00 ހާއިރު ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ޕަސިރް ކުނިން އަވަށުން އަށް މީހުން ވަނީ މަރުވެފައެވެ. އަދި 82 މީހުން ގެއްލިގެން ވަނީ ރިޕޯޓުކޮށްފައެވެ.
އެ ގައުމުގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް ހަފުތާގައި ވެސް މޫސުން ގޯސްވެ ވިއްސާރަކުރާނެ ކަމަށް ބުނެފައެވެ.
އިންޑޮނޭޝިއާއަކީ ވިއްސާރަ މޫސުމުގައި ފެން ބޮޑުވެ، ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ނުރައްކާ ބޮޑު ގައުމެކެވެ.