ހިންދީ ސިނަމާގެ ކުރީގެ މަގުބޫލު ފިލްމީ ތަރިންތަކެއް ހިމަނައިގެން މީގެ 37 އަހަރު ކުރިން އުފެއްދި ފިލްމެއް އަލުން ސިނަމާތަކަށް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
މި ފިލްމަކީ، އިންޑިއާގެ ސިނަމާގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ރަޖިނީކާންތާއި، ހެމާ މާލިނީގެ އިތުރުން ޝަތުރުގަން ސިންހާ މުހިއްމު ރޯލްތައް ކުޅެފައިވާ ފިލްމު "ހަމް މޭ ޝެހެންޝާހް ކޯން"އެވެ.
މި ފިލްމުގެ ޝޫޓިން 1989 ގައި ކުރިއަށްދިޔައިރު މިހާތަނަށް އެއްވެސް ސިނަމާއެއްގައި ފިލްމު ރިލީޒްކޮށްފައެއް ނުވެއެވެ. ރާޖާ ރޯއި ފިލްމްސް ބެނާގެ ދަށުން ކުރީގެ ފިލްމު ޑައިރެކްޓަރު ހަރުމޭޝް މަލްހޯތުރާ އުފައްދާފައިވާ މި ފިލްމުން ހިންދީ ސިނަމާގެ އޭރުގެ މަޝްހޫރު ގިނަ ތަރިން އެއްތަން ކުރުވިއެވެ.

ފިލްމު "ހަމް މޭ ޝެހެންޝާހް ކޯން"ގެ މުހިއްމު ތަރިން ކަމަށްވާ ހެމާ މާލިނީ، ޝަތުރުގަން ސިންހާ އަދި ރަޖިނީކާންތު--ފޮޓޯ/ބޮލީވުޑްހަންގާމާ
އޭގެ ތެރޭގައި އަނީތާ ރާޖް، ޕްރޭމް ޗޯޕްރާ، ޝަރަތު ސަކްސޭނާ، ކުރީގެ ފިލްމުތަކުގައި ވިލެންގެ ރޯލް ކުޅެ މަޝްހޫރުކަން ހޯދި ކުރީގެ އެކްޓަރު އަމްރިޝް ޕޫރީ އަދި ޖަގްދީޕް ފަދަ ތަރިން ހިމެނެއެވެ.
މި ފިލްމު މިހާތަނަށް ރިލީޒްނުކުރެވި އޮތް ސީދާ ސަބަބެއް ރާޖާ ރޯއި ފިލްމްސްއިން ހާމަކޮށްފައިނުވާއިރު ފިލްމު މި ޒަމާނުގެ ޓެކްނޮލޮޖީގެ އެހީގައި ޒަމާނީ ގޮތަށް ފެތޭގޮތަށް އޭގެ މަސައްކަތް ނިންމައި، ސިނަމާތަކުގައި ރިލީޒްކުރެވޭނެކަމީ ފިލްމާ މެދު ކުރިން ކުރި އެތައް އުންމީދުތަކެއް ފުރިހަމަވާނެކަމުގެ ފެހި ސިގްނަލެއް ކަމަށް ރާޖާ ރޯއިއިން ވަނީ ބުނެފައެވެ.
މި ފިލްމު ސިނަމާތަކަށް ގެނެސްދިނުމުގައި މި ޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކޮށްފައިވީ ނަމަވެސް ފިލްމުގެ އަސްލު ނުގެއްލޭ ގޮތަށް އަދި ފިލްމުގެ އޯޑިއޯ ކޮލިޓީ ހިފެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށް ރާޖާ ރޯއިއިން ވަނީ ބުނެފައެވެ.