ޝާހްގެ ދަރިފުޅު ބުނީ އަދިވެސް މުހިންމު ނިންމުންތައް ނިންމަނީ މަންމައާއި ބައްޕަ ކަމަށް

ޝާހްރުކް އަދި ގޯރީގެ ދަރިފުޅު، ބަތަލާ ސުހާނާ ޚާން--ފޮޮޓޯ/އިންޑިއަންއެކްސްޕްރެސް

ފިލްމު "ދަ އާޗީސް"އިން ފިލްމު އިންޑަސްޓްރީއަށް ތައާރަފުވި ބަތަލާ ސުހާނާ ޚާންގެ ދިރިއުޅުމުގެ ކަންކަން އަދިވެސް ނިންމަނީ މައިންބަފައިންނާ ހިއްސާކުރުމަށް ފަހު ކަމަށް ބުނެފިއެވެ.

ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ފިލްމު އެކްޓަރު ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ދާދިފަހުން ހާޕަސް ބަޒާރް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ، ދިރިއުޅުމުގެ ވަރަށް ޕާސަނަލް ކަންކަމުގައި ވެސް އަދި ޕްރޮފެޝަނަލީ ނިންމަންޖެހޭ ނިންމުންތަކުގެ ވެސް އެންމެ ފަހުބަސް ބުނުމުގެ ބާރު އަދިވެސް އޮންނަނީ ބައްޕަ ޝާހު އަދި މަންމަ ގޯރީ އަތުގައި ކަމަށެވެ. އަދި، އެކަން ކުރިމަގުގައި ވެސް އޮންނާނީ އެ ގޮތުގައި ކަމަށް އުމުރުން 25 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.

ސުހާނާ މަންމަ ގޯރީ އަދި ބައްޕަ ޝާހުއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ވޭތިވެދިޔަ ދެ ތިން އަހަރު ތެރޭ އަމިއްލަ ނަފުސަށް ކުރާ އިތުބާރު ބޮޑުވެ، އާ ކަންކަން ތަޖުރިބާ ކުރުމުގައި މިހާރު ފަސްޖެހުމެއް ނެތި އެކަމަށް ތައްޔާރަށް ހުރެވޭ ކަމަށް ސުހާނާ ވަނީ ބުނެފައެވެ. ބައެއް ފަހަރު ކުރިމަތިވާ ކަންކަމުގައި އަމިއްލައަށް އެކަމަކާ ގުޅޭގޮތުން ވިސްނާލުމަށް ފަހު އަމިއްލައަށް ދެކޭގޮތް ކަނޑައެޅި ނަމަވެސް އެފަދަ ކަންކަން މައިންބަފައިންނާ ހިއްސާކުރާ ކަމަށާއި އެންމެ ފަހު ވަގުތު އަމަލުކުރާނީ މައިންބަފައިން ދައްކާ މަގުން ކަމަށް ސުހާނާ ވަނީ ބުނެފައެވެ.

ކަންކަމުގައި ޚިޔަލު ހޯދާއިރު ބައްޕަ ޝާހުގެ ފަރާތުން ލިބޭ ޚިޔާލާއި މަޝްވަރާތައް ވަރަށް ފިލްމީ ކަމަށާއި ޝަހުގެ އަމިއްލަ ދިރިއުޅުމުގައި ކަންކަން ތަޖުރިބާކޮށްފައިވާ ގޮތުގެ މައްޗަށް ވަރަށް ބޮޑަށް ބުރަވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ނަމަވެސް، މަންމަ ގޯރީ އެއާ މުޅިން ތަފާތު ކަމަށާއި މަންމަގެ ފަރާތުން ލިބޭ މަޝްވަރާތަކަކީ ސީދާ އެކަމެއް ހުރި ގޮތަށް އޭގެ ނަތީޖާއާ ވެސް އެކު ލިބޭ މަޝްވަރާތައް ކަމަށް ސުހާނާ ވަނީ ބުނެފައެވެ.

ސުހާނާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ބަތަލާގެ ފުރަތަމަ ބޮޑު ސްކްރީން ފިލްމު "ކިންގް"އިންނެވެ. މި ފިލްމަކީ ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމު ކުންފުނިން ސިދާތު ޑައިރެކްޓްކޮށް ޝާހުގެ އާއިލީ ފިލްމު ކުންފުނި ރެޑް ޗިލީސް ގުޅިގެން ގެނެސްދޭ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ.

މި ފިލްމުގެ މުހިއްމު ރޯލަކުން ޝާހު ފެންނާނެއިރު މިއީ ވަރަށް ބޮޑު ބަޖެޓަކުން އުފައްދާ ފިލްމެކެވެ. ފިލްމު "ކިންގް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ފަހުކޮޅުއެވެ.

comment ކޮމެންޓް