އެ ކައުންސިލުން މީގެ ކުރިން ބެލެހެއްޓި މައުލޫމާތުތަކަކަށް ނުވާތީ، މި ސަރުކާރުގެ ފްލެޓާއި، ގޯތީގެ ސްކީމަށް ކުރިމަތިލާ ގދ. މަޑަވެލީ ރައްޔިތުންނަށް އެ މީހަކީ މާލޭގައި ދިރިއުޅެމުން އައި މީހެއްކަން އެނގޭފަދަ ލިޔުމެއް ދެވެން ނެތްކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
އެ ރަށު ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައިވަނީ މި ސަރުކާރުން އިއުލާނުކުރި "ބޯހިޔާވަހިކަން އެންމެނަށް" ސްކީމުގެ ދަށުން ދޫކުރާ ބިމާއި، ފްލެޓަށް ކުރިމަތިލުމަށް ޓަކައި އެ ފަރާތަކީ މާލޭގައި ދިރިއުޅޭ ފަރާތެއްކަން އަންގައިދޭ ލިޔުން ހޯދުމަށް ހުށަހަޅަމުން އަންނަ ކަމަށެވެ.
އެހެން އެދި ހުށަހަޅާ ފަރާތްތަކުން މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތުކޮށްދިނުމަށް ހުށަހެޅިދާނެ ލިޔެކިޔުންތަކުގެ ތެރޭގައި، ދައުލަތުގެ އިދާރާއަކުން ރަސްމީކޮށް ބަލަހައްޓާ ލިޔެކިޔުންތަކާއި މަޢުލޫމާތުތަކުން މާލޭގައި ދިރިއުޅުނުކަން ސާބިތުވާނަމަ، އެއިދާރާއަކުން ދީފައިވާ ލިޔުން ހުށަހެޅިދާނެކަމަށް އޮވެއެވެ.
ނަމަވެސް އެ އިދާރާއަކުން ދޫކުރާ ލިޔުން ބަލައިގަނެވޭނީ އެ އިދާރާއަކުން ރަސްމީކޮށް ބަލަހައްޓާ މަޢުލޫމާތުން، މާލޭގައި އުޅެފައިވާ މުއްދަތު ސާބިތުވާނަމަކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.
ނަމަވެސް ރަށު ކައުންސިލަކުން ނުވަތަ ސިޓީ ކައުންސިލަކުން މާލޭގައި ދިރިއުޅެފައިވާ މުއްދަތު ބަޔާންކޮށް ދޫކުރާ ލިޔުމަކީ އެކައުންސިލެއްގައި ބަލަހައްޓާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ސާބިތުކޮށް ނުދެވޭ ލިޔުމަކަށްވާނަމަ، އެލިޔުމަކީ ބަލައިގަނެވޭނެ ލިޔުމެއް ނޫންކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އިން ޢާއްމުކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
އެހެންވެ، އެ ކައުންސިލުން އެފަދަ އެއްވެސް މަޢުލޫމާތެއް ރަސްމީކޮށް ބަލަހައްޓާފައި ނުވާތީ އެއްވެސް ފަރާތަކަށް އެ ފަދަ ލިޔެކިޔުމެއް ދޫކުރެވެން ނެތް ކަމަށް ވަނީ ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި، މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސްކީމުގެ ދަށުން 7900 ފުލެޓު ދޫކުރާއިރު، 1250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ހަމަޖެހިފައިވެއެވެ. އޭގެ ތެރެއިން ގޯތި ދޫކުރަނީ ދެ ކެޓަގަރީން ކަމަށްވާއިރު މާލޭ ރަށްވެހިންނަށް އަދި ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓާ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ.